ޔޫތް ޗެމްޕިއަންޝިޕް: އީގަލްސް މޮޅުވިއިރު، މަހިބަދޫ އަތުން ޔޫވީ އެއްވަރު

ޔޫތް ޗެމްޕިއަންޝިޕް: އީގަލްސް މޮޅުވިއިރު، މަހިބަދޫ އަތުން ޔޫވީ އެއްވަރު

Author
ޔޫސުފް
25 ޖެނުއަރީ 2022 01:57
0

މިއަދު ފެށި އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އަތުން ކްލަބް އީގަލްސް މޮޅުވިއިރު،މަހިބަދޫ ސްޕޯޓްސް ކްލަބުން ޔުނައިޓެޑް ވިކްޓްރީ އާއި އެއްވަރުކޮށްފިއެވެ.

މި މުބާރާތުގައި ފުރަތަމަ ޑިވިޝަންގައި ވާދަކުރާ 8 ކްލަބުގެ އިތުރުން ދެން ވާދަކުރާ ޓީމަކީ މަހިބަދޫއެވެ. މުބާރާތް ކުރިޔަށް ދަނީ ޖުލްމަ 9 ޓީމު 2 ގްރޫޕަކަށްބަހާލައިގެންނެވެ.

އެގޮތުން ގްރޫޕް އޭގައި އީގަލްސް އާއި މާޒިޔާ އަދި ގްރީން ސްޓްރީޓްސްގެ އިތުރުން ދެން ހިމެނެނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭސްޕޯޓްސް ކްލަބްއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބާއި ކުލަބް ވެލެންސިއާ އަދި މަހިބަދޫގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ކްލަބް އީގަލްސް އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބެއެވެ. މި މެޗު 0-1 ގެނަތީޖާއަކުން ކާމިޔާބުކުރީ ކްލަބް އީގަލްސްއެވެ.

މި މެޗުގައި އީގަލްސް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، މުޙައްމަދު ސަމާހު މޫސާ އެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ކްލަބް އީގަލްސްގެ ހުމައިދު ހުސައިންއެވެ.

މި މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ބައްދަލުކުރީ މަހިބަދޫ ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓްރީއެވެ. މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މަހިބަދޫ އާއި ޔޫވީ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔޫވީންނެވެ. ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި މި ލަނޑު ޔޫވީއަށް ކާމިޔާބުކޮށްދިނީ،އަލީ މީސާގް އީސާއެވެ. 0-1 ގެ ނަތީޖާއަކުން ޔޫވީ ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް މަހިބަދޫން ވަނީ ލަނޑެއް ޖަހާ ބަލިނުވެ ސަލާމަތްވެފައެވެ. މެޗުގެ86 ވަނަ މިނެޓުގައި ދަނޑުގެ މެދެއްހާ ހިސާބުން ބޯޅަ އާއެކު ކުރިޔަށްގޮސް ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ މަހިބަދޫގެ އަލީ އިޝްފާގް ހަސަން ފޮނުވާލި ބޯޅަވަނީ ގޯލުގެ އަރިމަތީ ކަނަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އިޝްފާގްއެވެ.

ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މާދަމާވެސް 2 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.