ރާއްޖޭގެ ތަރައްޤީގެ އެންމެބޮޑު ބައިވެރިއަކީ، އަވަށްޓެރި އިންޑިއާ ކަމަށާއި، އިންޑިއާއާއި ދެކޮޅެއް ނުވެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ރޭ ފޯކައިދޫގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، ރާއްޖެ މިއަދު ދެކެމުންދާ އުމްރާނީ އަދި އިޤްތިޞާދީ، އިޖުތިމާއީ ތަރައްޤީގެވެސް އެންމެ ބޮޑު ބައިވެރިއަކީ އިންޑިއާ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރިވަރުންނަށް ތއުލީމު ދިނުމާއި، ބޭސްފަރުވާގެ ކަންކަން ކޮށްދެމުންދިޔައީ އިންޑިއާގެ ޚިދުމަތްތެރިކަން ވައްޑެ ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާއިން ރާއްޖެ ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނީ ހަމައެކަނި އެންމެ ރޮގަކުން ދެރޮގަކުން ނޫންކަން ފާހަގަކޮށް ވައްޑެ ވިދާޅުވީ، ރާއްޖޭގެ އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަކުވެސް ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް ފުރައިގެންދާ ޤައުމަކީ އިންޑިއާއަށްވާއިރު، އިންޑިއާއާއި އަޅައިގެނެގެން އުޅެންޖެހޭ ސަބަބެއް ނެތްކަމަށެވެ. ރާއްޖެ ހިފައި އަޅުވެތި ކުރާނަމަ އެކަން ކުރަންވީ މާކުރިން ކަމަށާއި، މިއަދު އެކަން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި އެނިޔަތުގައި އެވާހަކަ ދައްކަމުންދަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި، ހުރިހާވެސް މައްސަލައަކީ އަތޮޅު ތެރެއަށް އަންނަ ތަރައްޤީކަމަށް ވައްޑެ ވިދާޅުވިއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ އެމްޑީޕީގެ ސިޔާސަތު ކަމަށާއި މިސިޔާސަތަކީ މިއަދު އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ އަދި ދަންނަވެސް ފިކުރެއް ނޫންކަމަށެވެ. ފެނަނާ ނަރުދަމާއާއި، ތައުލީމާއި މިނޫންވެސް ކަންކަން ހިލޭ ކޮށްދޭން ވައުދުވެ އެކަންކަން ކޮށްދެމުންދަނީ އެމްޑީޕީން ކަމަށާއި، މިސިޔާސަތުތައް ނުދަންނަ ބަޔަކަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެކަމަށް ވައްޑެ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެން ދިޔައީ ބަދަލު ހިފުމާއި އަނިޔާވެރިކަމުގެ އިންތިހާ ކަމަށެވެ. ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ޖަލަށްލައި އަނިޔާކުރުމަކީ ރައީސް ޔާމީންގެ ސިޔާސަތު ކަމަށާއި، އެސިޔާސަތަކީ ދިވެހި ރައްޔިތުން ގަބޫލުކުރާ ބޭނުންވާ ސިޔާސަތެއް ނޫންކަމަށެވެ. އަދިވެސް ރައީސް ޔާމީން މަސައްކަތް ކުރަނީ އެސަގާފަތް ގާއިމްކުރަން ކަމަށާއި، ނަމަވެސް ދެން އެފުރުސަތެއް ދިވެހި ރައްޔިތުން ނުދޭނެކަމަށް ވައްޑެ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ