ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަކީ ހަމަ ތިބެފަ، އިނގިލިން ގުނާލާފަ ވައުދުވާ ޕާޓީއެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިންގައި މިރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީއަކީ ވައުދުވެ، އެވައުދު ފުއްދައިގެން ކުރެވޭ ކަމެއްކަން ދަސްކޮށްދިނީ އެމްޑީޕީންކަމަށެވެ.
އެމްޑީޕީން ވެރިކަމަށް އަންނަނީވެސް، އަދި އެހެން އިންތިޚާބީ މަޤާމުތަކަށް އަންނަނީވެސް ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ދެނެގަނެ، ވައުދުތައްވެ އެވައުތަކާއި އެކުގައިކަމަށެވެ. މިއަދު ރާއްޖޭގެ ރައްޔިތުންނަށް އެމްޑީޕީގެ ވެފައިވާ ވައުދުތައް ފުއްދައި އައިސްފައިވާ ބަދަލު ފެންނާނެކަމަށް މާރިޔާ ވިދާޅުވިއެވެ.
އެމްޑީޕީއަކީ ތިބެފަ އިނގިލި ގުނާފަ ވައުދުވާ ބައެއްނޫން. ރައްޔިތުންގެ ހާލުބަލައި، ރައްޔިތުންގެ ގާތަށް ގޮސް އެބޭފުޅުންގެ ހާލަތު ދެނެގަނެ، ވައުދު ހިފައިގެން ވައުދުވާ ޕާޓީއެއް.
– މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، އާސަންދަ އަކީ މިއަދު ބައެއް ބޭފުޅުންނަށް މާބޮޑު އެއްޗަކަށް ނުވިނަމަވެސް، ތީމުގޭ ދޮރުމަތީގައި ކިއުހަދައިގެން އެތައްބަޔަކު ބޭސްފަރުވާއަށް ސަލާންޖަހަން ތިބި ހަދާން މިއަދުވާ ބަޔަކު ނެތްކަމަށެވެ. އަދި ހަމަ މިއާއެކު ފޮތްފަންސުރު ނުލިބިގެން ސަލާންޖެހި ހަނދާންވެސް މިއަދު ނެތްކަމަށާއި، ދުވަސްވީ މީހުން ބިކަހާލުގައި ޖެހިފައި ތިއްބާ އެލަވަންސްދޭން ފެށީ ހަދާންވެސް މިއަދު ނެތްކަމުގައި ވީނަމަވެސް މިހުރިހާ ކަމެއް ކޮށްދިނީ އެމްޑީޕީން ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނާއިމެދު ވިސްނާ ފިކުރު ކުރާ ޕާޓީއެއްކަމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް ޚިދުމަތްކުރާ ޕާޓީއެއް ކަމަށެވެ. ނަމަވެސް ވާދަވެރި ޕާޓީތަކުން ދައްކާ ހަމައެކަނި ވާހައަކީ އިންޑިއާ އައުޓްގެ ވާހަކަ ކަމަށާއި، އެވާހަކަ ދައްކަނީ ދެއްކޭނެ އެހެންވާހައެއް ނެތިގެންކަމަށެވެ.
މާރިޔާ ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ވަޑައިގެން ދާއިރާގައި ފެންނަންހުރި ތަރައްޤީ ފެނިފައި ސިހުންވި ކަމަށެވެ. އަދި މިހާރު ކުރެވެމުންދާ މަަސއްކަތްތަކާއިއެެކު ކޮމަންޑޫ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކީ އަދި މުޅި ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކީ އެމްޑީޕީގެ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ