ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީގެ މަހެއްގެ މުސާރަ ލައްކައަކާއި ކައިރިކުރާއިރު، އެންމެފަހުން ކުންފުނީގެ ފްލެޓްވެސް މުޣުނީ މިވަނީ ބައްލަވައިގެންފައެވެ. މިއާއިއެކު ކުންފުނީގައި އެތައް އަހަރުތަކެއް ވަންދެން ވަޒީފާ އަދާކުރަމުންދިޔަ މުވައްޒިފުންނަށް ވަނީ މާޔޫސްކަމާއިއެކު ޝަކުވާ އިތުރުވެފައެވެ.
މިއަހަރުގެ މެއި މަހުގެ ތެރޭގައި ސްޓެލްކޯއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައިވާ ގޮތުން އެ ކުންފުނީގެ އެމްޑީ މުޣުނީ އަށް އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000ރ. މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވައެވެ. މިސިޓީ ސޯޝަލް މީޑިޔާގައި އާންމުވުމާއި ގުޅިގެން ސްޓެލްކޯއިން ވަނީ މުއުނީގެ މުސާރައިގެ މައްސަލަ ދިފާއު ކުރައްވައި ބަޔާނެއްވެސް ނެރެފައެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމަށް ވަޑައިގެންނެވި މުޣުނީގެ މުސާރައާ ގުޅިގެން ދައްކަމުންދިޔަ ވާހަކަތަކަށް ރައްދު ދީ، ސްޓެލްކޯއިން އޭރު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ މީގެ ކުރިން ޑިރެކްޓަރުންގެ ބޯޑުން ހަމަޖެއްސި ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު، މުސާރަ ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީން ހަމަޖައްސާފައިވާ ގިންތީގެ ތެރެއިން ކަމަށެވެ. އެގޮތުން، ސްޓެލްކޯއަކީ "އޭ" ކެޓަގަރީގެ ކުންފުންޏަކަށް ވެފައި، މުޣުނީގެ މުސާރައަކީ އެ ކެޓަގަރީގެ ހުރިހާ ކުންފުންޏެއްގެ ވެސް އެމްޑީންގެ މުސާރަ ކަމަށްބުނެ މިމައްސަލަ ވަނީ ހިންދާލާފައެވެ.
މުޣުނީގެ މުސާރަޔަށްފަހު އިއްޔެގައި ތިލަވެގެން ގޮސްފައިވަނީ އަނެއްކާވެސް އެމްޑީ މުޣުނީއަށް ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓުތަކުން ފްލެޓެއް ބައްލަވައިގެންނެވި ވާހަކައެވެ. މިފްލެޓާއި ގުޅޭގޮތުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އެސްސޯއީ ކޮމިޓީގައި މުޣުނީ ވިދާޅުވީ އެ ކުންފުނީގެ ފްލެޓުތަކުގެ ތެރެއިން ހަ ފްލެޓް ވަނީ ބޯޑު މެމްބަރުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ދެ ފްލެޓެއް ލިބޭ މީހުން ވަނީ ކަނޑައަޅައިފަވާ ކަމަށެވެ.
ސްޓެލްކޯގެ ފްލެޓެއް އޭނާއަށް ބައްލަވައިގެންނެވެނީ، ފްލެޓާ ބެހޭ ގޮތުން ސްޓެލްކޯގެ އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުންކަމަށް ކޮމިޓީގައި ބުނެފައިވެއެވެ. އެ އުސޫލު ބަދަލުކުރީ، ކުރީގެ މެނެޖްމަންޓުން ކަމަށް އޭނާ ވިދާޅުވި އެވެ. ސްޓެލްކޯ އިން ފްލެޓް ދޫކުރާ އުސޫލުގައި މިހާރު ބުނެފައިވާ ގޮތުގައި ފްލެޓަށް ކުރިމަތިލާ ކޮންމެ މުވައްޒަފަކަށް ވެސް ފްލެޓް ލިބޭނެ އެވެ. އެ ކުންފުނިން އެ ބަދަލު ގެނައީ ފްލެޓުތަކަށް ފުރަތަަމަ އިއުލާން ކުރުމުން ހިމެނި ޝަރުތުތަކާ އެކު، އެކަށީގެންވާ ތަރުހީބެއް ނުލިބިގެން ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ. އަދި އުސޫލުތައް އަލުން ބަދަލުކޮށް ފްލެޓުތައް އަނބުރާ ނެގުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.
މުޣުނީއަށް ސްޓެލްކޯގެ ފްލެޓް ލިބިވަޑައިގެންނެވިއިރު އެކުންފުނީގައި އެތައް އަހަރެއް ވަންދެން ޚިދުމަތް ކުރަމުންދާ އެތަކެއް މުވައްޒިފުންގެ މެދުގައި މިކަމުގެ ޝަކުވާ ބޮޑުވެ، މާޔޫސްކަން ވަނީ އިތުރުވެފައެވެ. "ޚަބަރު" އޮންލައިން އާއި ވާހަކަ ދައްކަމުން ސްޓެކްކޯގައި ފަސް އަހަރު ވަޒީފާ އަދާކޮށްފައިވާ މުވައްޒިފަކު ބުނެފައިވަނީ އޭނާއާއި އެކީ މަސައްކަތްކުރި އެތައް މުވައްޒިފުންވެސް ފްލެޓްގެ ކަންކަން ދާގޮތާއިމެދު ވަރަށް ބޮޑަށް މާޔޫސް ވެފައިވާކަމަށެވެ. ކުންފުނީގައި އެތައް އަހަރަކު އިޚުލާސްތެރި ކަމާއިއެކު ހިދުމަތްކުރި އެތައް މުވައްޒިފަކު ތިއްބައި މާފަހުން ކުންފުނީގެ މަޤާމްތަކަށް ވަޑައިގެންނެވި ބޭފުޅުންނަށް ފުލެޓް ލިބުމަކީ އޮތް ކަންބޮޑުވުމެއްކަމަށް އޭނާ ބުނެފައިވެއެވެ.
ސްޓެލްކޯގައި ވަޒީފާ އަދާކުރާތާ މިހާރު 5 އަހަރަށްވުރެ ގިނަ ދުވަސްވީ. މާލޭގައި މިއުޅެނީ ކުއްޔަށް، ނުލާހިކު ދަތިކޮށް. ފްލެޓަށް ލީމަބުނީ ޝަރުތު ހަމަނުވެއޭ. އަހަންނަށްވުރެ ގިނަ ދުވަސްވީ މީހުންގެ ތެރެއިންވެސް ބައެއް މީހުންނަށް އެބަހުރި ހަމަ ނިޖަވާބު ދީފަ. އެކަމު ވެރިންނަށް ހެޔޮ 2 މަސް ނުވިޔަސް، ޝަރުތު ހަމަނުވިޔަސް ފްލެޓަށް ޝަރުތުހަމަވޭ.
– ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދެމުން ސްޓެލްކޯގެ މުވައްޒިފަކު ބުނެފައިވެއެވެ.
ފްލެޓްގެ މައްސަލާގައި ސްޓެލްކޯގެ ގިނަ މުވައްޒިފުން ތަކެއްގެ ކަންބޮޑުވުން އޮތް އިރު ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން ވަނީ ފްލެޓު ހައްގުވާ މީހުން ތިއްބަސް މިހާރު އޮތް އުސޫލުތަކުގެ ސަބަބުން އެ މީހުންނަށް ފްލެޓް ނުލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން މިހާރު ހުރި މައްސަލަތައް ހައްލުކޮށް ހައްގުވާ މީހުންނަށް ފްލެޓް ލިބޭ ގޮތަށް މަގުފަހިކޮށްދޭން ކޮމިޓީން ވަނީ ސްޓެލްކޯގައި އެދިފައެވެ. ސްޓެލްކޯގެ މުވައްޒިފުންގެ މެދުގައި ފުލެޓްގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް އެޝަކުވާތައް ދަނީ ހިއްސާ ކުރަމުންނެވެ.