އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހޯދުން ހުއްޓުވުމަށް ބޭނުންނަމަ އެއިޞްލާހު ޤާނޫނުލް އުގޫބާތަށް ގެނައުން ނޫންގޮތެއް ނެތްކަމަށް މަޝްހޫރު ޤަނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމާއި ރިޝްވަތަށް އެދުމާއި، ރިޝްވަތުގައި ހިފުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށައަޅުއްވާފައިވާ އިޞްލާހަށް ވާހަކަފުޅު ދައްކަވަމުންނެވެ.
މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގައި ތިބޭ މީހުން ކުއްލިއަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފްލެޓްތައް ގަތުމާއި ބޮޑެތި ވިޔަފާރިތައްކޮށް އިންވެސްޓްކުރާތަން ފެންނަކަމަށެވެ. އެމީހުންނަށް ފައިސާ ލިބުނުގޮތެއް ނުލިބޭގޮތެއް ނޭނގޭކަމަށެވެ. އަދި މިހާރު ޤާނޫނު އޮންނަގޮތުން މީހަކަށް ކުއްލިއަކަށް ގިނަ ފައިސާތަކެއް ލިބޭގޮތެއް ބުނެދިނުމަށް ޤާނޫނުން ލާޒިމުނުކުރާކަމަށެވެ. އެހެން ކަމުން މިއީ ނުހައްޤު މުއްސަނދިކަން އިތުރުވާ ސަބަބެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ ބައެއް މީހުން ހަމަ ދަނޑުވެރިކަންކުރާ ބައެއް މީހުން ދަނޑުވެރިކަންކުރާކަމަށް ބުނަނީ. ގާތްގަނޑަކަށް 10 ހާހަހެއްހާ އަކަފޫޓްގެ ބިމެއްއޮވެދާނެ. ނަމަވެސް އެމީހުންގެ ބާލީހުގެ ދަށުން އެބަފެނޭ 5 މިލިއަން ރުފިޔާ. 8 މިލިއަން ރުފިޔާ. މިއިން އެއްވެސް ފައިސާއެއް އެމީހަކަށް ލިބުނުގޮތެއް ބުނެދޭކަށްނުޖެހޭ މިހާރު ޤާނޫނު އޮންނަގޮތުން" ޢަލީ ޙުސައިން ވިދާޅުވިއެވެ.
މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ޤާނޫނަށް ގެންނަ މި އިޞްލާހުގެ ސަބަބުން މީހެއްގެ އަތުގައި މުސާރައާއި ނުބައްދަލު ޢަދަދަކަށް ފައިސާ ހުރެއްޖެނަމަ އެކަން ސާބިތުކުރުމުގެ ޒިންމާ އެމީހެއްގެ ބޮލުގައި އެޅޭނެކަމަށެވެ. އަދި މިޤާނޫނަށް އިތުރު އިޞްލާހުތައް ގެންނަންޖެހޭކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ ވަޒީފާއެއްވިޔަސް، އަމިއްލަ މީހެއްގެ ކުންފުންޏެއްގަ ހުރި މީހެއްނަމަވެސް އެމީހަކަށް ލިބުނު މުސާރައަކާ ނުބައްދަލު މުއްސަނދިކަމެއް އެމީހަކަށް ލިބިފައިވާނަމަ އެމީހަކު ސާބިތުކޮށްދޭންޖެހޭނެ އެލިބުނުގޮތެއް. ނުކުރެވޭކަމަށްވާނަމަ އެއީ ކުށެއްކަމަށްބަލާ އެފައިސާ ދައުލަތަށް ނެގެންޖެހޭނެ. އަލީ ހުސެއިން ވިދާޅުވިއެވެ.
ޤާނޫނުލް އުޤޫބާތަށް ހުށައަޅާފައިވާ އިޞްލާޙުގައި ބުނެފައިވާގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ.
އަދި ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ ޢާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީވެސް ކުށެކެވެ. އެފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރީ އަދި މުދާ މިލްކުކުރީ ޤާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކުރެވޭ ނަމަ، އެއީ ކުށެއް ކަމަށްވެސް މިއިސްލާހުގައިވެއެވެ.
ނުޙައްޤުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅެއް ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ. އެފަދަ ކުށެއްގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ 6އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ކޮމެންޓު ފޮނުވާ