ގދ. ކާޑެއްދޫ އެއަރޕޯޓް ހިންގަން ވިލާ ކުންފުންޏާއި، ހަވާލުކުރުމަށް ކޯޓުން ހުކުމް ކުރި ނަމަވެސް، އެއާޕޯޓްގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކުރެވިގެން ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފްގެ ފާޑުކިޔުން ޤާސިމް އިބްރާހިމްއާއި، މިނިސްޓަރ ނަހުލާއަށް އަމާޒުވެއްޖެއެވެ.
ގދ.ކާޑެއްދޫ އެއަރޕޯޓް ޖެޓީ ވެއްޓުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އެދާއިރާގެ ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. އެއަރޕޯޓް ބޭނުންކުރާ ފަރާތްތަކުން އެރަށަށް އަރާ ފޭބުމަށް ބޭނުންކުރަމުން އައި ޖެޓީގެ ބޮޑު ބައެއް މިއަދު ވަނީ ކަނޑައިގެން ވެއްޓިފައެވެ. ހުވަދު އަތޮޅުގެ ރިސޯޓްތަކުން ގިނަ ޢަދަދެއްގެ ފަތުރުވެރިން ބޭނުންކުރަންޖެހޭ އެ ބަނދަރު އެ ހާލަތުގައި އޮތުމަކީ ދެރަކަމެއްކަމަށް، މެމްބަރު ފިރުޝާންވެސް ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައެވެ. ނަަވެސް ގދ. ކާޑެއްދޫ އެއަރޕޯޓް ހިންގަން ވިލާއާއި ހަވާލުކޮށް ހެދި އެއްބަސްވުން ދައުލަތުން އުވާލީ ގޯސްކޮށްކަމަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސުޕްރީމްކޯޓުން ވަނީ ކަނޑައަޅާފައެވެ.
ސަނީފް ވިދާޅުވީ ކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ކާޑެއްދޫ އެއާޕޯޓްގެ ތަރައްޤީގެ އެއްވެސް ކަމަކާއި ވިލާ ކުންފުނިން އުޅޭތަން ނުފެންނަކަމަށެވެ، ފެނިގެންދަނީ ދެމަފެރިން ވިޔަފާރީގައި އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން މަސައްކަތް ކުރާތަން ކަމަށެވެ.
ހުވަދު އަތޮޅު މުޅި ދުނިޔެއަށް ހުޅުވާލީ ކާޑެއްދޫ އެއާޕޯޓް މެދުވެރިވެގެން. މިއަދު މިހާލަތަށް ދިޔައިރު ކޯޓުން ކުރި ހުކުމް ކޮބައިތޯ؟ ދެމަފިރިންގެ ވިޔަފާރި ކުރިޔަށް. ރައްޔިތުން ބިކަވަނީ.
– ސަނީފް ވިދާޅުވިއެވެ.
ކާޑެއްދޫ އެއަރޕޯޓްގެ 50 އިންސައްތައަށް ވުރެ ބޮޑުބައެއް މިއަދޔ ވެޓިފައިވާކަމަށް އެސަރަހައްދުގެ ބައެއް މީހުން ބުނެފައިވެއެވެ. އެއާޕޯޓް ޖެޓީއަށް ލިބިފައިވާ ގެއްލުންތައް ސާވޭ ކުރުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ވަނި ފަށާފައެވެ.
ކޮމެންޓު ފޮނުވާ