ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅުން ވާދަކުރަން ޖެހިފައިވަނީ ދިވެހި ނުފޫޒު ގަދަ ސަރުކާރާއި، އިންޑިއާއިވެސް ދެކޮޅަށް ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޝުޖާވަނީ ކޮމަންޑޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވަމުންދާކަމަށެވެ. މިއިންތިޚާބުގައި ސަރުކާރުން ދައްކަން ބޭނުންވާ މަންޒަރަކީ ގެއްލިފައި އޮތް ތާއީދު ކޮންމެ ގޮތެއް ހަދައިގެންވެސް އޮތްކަން ދެއްކުމަށް މިއިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށެވެ.
އަދިމިއީ އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ އިންޑިއާ މިލިޓަރީ އައުޓް ކެމްޕެއިނަށް ހުރަސް އަޅައި، އިންޑިއާގެ ދިފާއުގައިވެސް ކާމިޔާބް ކުރަން މަސައްކަތް ކުރާ އިންތިޚާބެއްކަމަށެވެ. ބަޖެޓުގައި ނެތް ފައިސާތަކާއި، ޕްރޮޖެކްޓުތައް އުފަންވެ ކުއްލިއަކަށް މުޅި ސަރުކާރު ކޮމަންޑޫ ދާއިރާގައި އޮތްކަމީ އިންތިޚާބަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ހާމަވާކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ ބައި އިލެކްޝަނުގައި ސަރުކާރާ އެއްކޮޅަށް ވޯޓުލުމުގެ ކުރިން ކޮމަންޑޫ ދާއިރާގެ ރައްޔިތުން މާޒީން އިބުރަތް ހާސިލުކުރަން ޖެހެ އެވެ. އެގޮތުން މީގެ ކުރިންވެސް އެމްޑީޕީން ކެމްޕޭނުގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ ބައެއް ރަށްރަށުގައި ގިނަ ވައުދުތައް ވީ ނަމަވެސް އެ ވައުދުތައް ފުއްދާފައި ނުވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
ސަރުކާރުން މި އިންތިޚާބަށް ނުފޫޒު ފޯރުވަމުންދަނީ ދުރާލައި ވަރަށް ރޭވުންތެރި ކަމާއިއެކު އޭސީސީވެސް ޤާނޫނީ ހުސްކަމަކަށް ގެނެސް ގެން ކަމަށާއި، އިންތިޚާބުގެ މައްސަލަ ހުށަހެޅޭ ގޮތެއް ނެތުމަކީވެސް އޮތް ކަންބޮޑުވުމެއްކަމަށެވެ. އޭނާ ވިދާޅުވީ ދައްކާ ދަލަޢަކަށް ނުބަލައި މިއިންތިޚާބު ޕީޕީއެމްއަށް ކާމިޔާބް ކޮށްދިނުމަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިބީ ކެތްމަދު ވެފައިކަމަށެވެ. އަދި މިއީ މުޅި ރާއްޖެއާއި އިންޑިއާއަށްވެސް ރަނގަޅު މެސެޖެއް ދޭނެ އިންތިޚާބަކަށް ވެގެންދާނެ ކަމަށް ޝުޖާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ