ބ.ކަމަދޫ ބަނދަރު ތައްރައްޤީކުރުމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިމަޝްރޫޢުގެ ދަށުން، 25،404 އަކަމީޓަރުގެ ބަނދަރު ފުންކޮށް 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާ 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތައް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާ ނެރު ބައްތި ޖެހުން މިމަސައްކަތުގެ ދަށުން ކުރެވިގެންދާނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން މި މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 47.01 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މިމަޝްރޫޢު ހަވާލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.
ކަމަދޫ ބަނދަރުގެ މި މަޝްރޫޢުއާއެކު މިހާރު އޮތް ބަނދަރަށް 150 ފޫޓް އިތުރުވާނެއެވެ. ކަމަދޫގައި މިހާރު އޮތީ މީގެ 25 އަހަރު ކުރިން ވިލާ ކުންފުންޏާ އެރަށު ރައްޔިތުންގެ މަސައްކަތުން ހަދާފައި އޮތް 400 ފޫޓް ދިގު 150 ހަކަށްފޫޓް ފުޅާ ބަނދަރެކެވެ. މިބަނދަރު މިހާރުގެ ހާލަތަށް ބަލާނަމަ ބޭރުތޮށި އެއްކޮށްހެން އޮތީވެއްޓިފައެވެ. އަދި ނެރު ތިލަވެ އެއްގަމު ތޮށީގައި ރެނދުއަޅާ ހަލާކުވެ ބޮޑުބައެއް އޮތީ އަރި އަޅާލާފައެވެ. ނަމަވެސް އައު މަޝްރޫޢުއާއެކު ބަނދަރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެކަމަށްވެސް އެރަށު ކައުންސިލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ