މީހުން މެރުމާއި، މީހުންނަށް ލާއިންސާނީ ބޮޑެތި އަނިޔާތައް ދިނުމަކީ، ހުރިހާ މުޖްތަމަޢެއްގައިވެސް ބޮޑެތި ޖަރީމާތަކެވެ. އަދި ވަކީން ޚާއްސަ މަރުގެ މައްސަލަތަކަކީ އަދުގެ ދުނިޔޭގައި ޑިމޮކްސީގެ ނިޒާމްތައް ފުރިހަމަޔަށް ގާއިމްވެފައިވާ ގައުމުތަކުގައި އެންމެ ސީރިއަސްކަމާއެކު، ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުންކޮށް ތަހުގީގުތައް ހިންގާ، ގާތިލުންގެ މައްޗަށް އިންސާފު ގާއިމްކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދެވޭ މައްސަލަތައްވެސް މެއެވެ.
މަރުގެ މައްސަލަތަކުގައި އިންސާފު ގާއިމް ކުރުމުގައި މި ދެންނެވުނު ބީދައިން އިންސާފް ގާއިމް ކުރުމަށް ގާނޫނީ އިމުގެ ތެރެއިން ފުރިހަމަ ތަހުގީގުތައް ހިންގި، ސީރިއަސްކަމާއެކު އިންސާފު ގާއިމް ކުރުމުގެ މަސައްކަތްތައް ކުރެވެމުންދަނީ ޑިމޮކްރަޓިކް ނިޒާމްތައް ގާއިމް ކުރެވިފައިވާ ގައުމުތަކުގައި ކަމުގައި ދަންނަވަން މިޖެހެނީ، މިސާލަކަށް ފަލަސްތީނުގެ މިނިވަންކަން ނިގުޅައިގެންފައިވާ، އިސްރާއީލުފަދަ ދައުލަތްތަކުން ހިންގާ މީހުން މެރުމާއި ލާއިންސާނީ އަނިޔާދިނުން އޭގެ އިންތިހާއަށް ގޮސ،ް ހައްދުފަހަނަ އަޅާ، އެހެންމަވެސް އިންސާފު ގާއިމު ކުރެވޭނެ އެއްވެސް މަގެއް އެގައުމުތަކުގައި ފެންނާން ނެތުމުންނެވެ.
އަދި ހަމަ އެބީދައިން، އޭގެ އެހެން މިސާލެއްގެ ގޮތުން، ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ އެމްބަސގައިީ އެގައުމުގެ ރައްޔިތެއް ކަމުގައިވާ ޖަމާލް ކަޝޯގީ މަރާލުމުގެ ޒިންމާ އުފުލާންޖެހޭ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމް ކުރެވޭތަން މިހާތަނަށް ފެނިގެން ގޮސްފައި ނެތުންފަދަ ބައެއް ހާދިސާތަކަކީ މަރުގެ މައްސަލަތަކުގައި އިންސާފު ގާއިމްކުރުމުގައި ދުނިޔޭގެ ބައެއް ސަރުކާރުތައް ފެއިލްވެގެން ގޮސްފައިވާ މިންވަރު ރަމްޒު ކޮށްދޭ ދިރިހުރި ބައެއް މިސާލުތަކުގެ ގޮތުގައި ފާހަގަ ކޮށްލަންޖެހެއެވެ.
މިގޮތުން، ދިވެހިރާއްޖޭގައިވެސް ފައިތުވެދިޔަ ކައިރި މާޒީތަކުގައި ހިގާފައިވާ މަރުބެ ބޮޑތި ހާދިސާތަކަށް ބަލާއިރު، އެމައްސަލަތަކުގެ ތަހުގީގުތައް ދިގުލައިގެން ގޮސް، އިންސާފު ގާއިމް ކުރުވިދާނެކަމުގެ އުއްމީދު ވަރަށް ބޮޑަށް ފަނޑުވެގެން ގޮސްފައި ހުރި މައްސަލަތައްވެސް އެބަހުއްޓެވެ. އަދި މީގެ ތެރޭގައި ހިމެނޭ ބައެއް މައްސަލަތަކަކީ ގާތިލުންގެ މައްޗަށް މަރުގެ ހުކުމް އިއްވާ، އެހެންނަމަވެސް އެ ހުކުމް ތަންފީޒު ނުކުރެވި، އެހެންނަމަވެސް އިސްނާފް ގާއިމްވެ ދިއުމުގެ އުއްމީދުގައި ވާރިސުން އެތައް އަހަރެއް ހޭދަ ކުރަމުންދާ މައްލަތައްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ޔާމިން ރަޝީދުގެ ގާތިލުންގެ މައްޗަށް ހުކުން އިއްވުން، އިތުރު އެތައް މައްސަލައެއް ޝަރީއަތުގައި!
2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރު ޔާމީން ރަޝީދު އޭނާ ދިރިއުޅެމުންދިޔަ މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ގާތިލުންގެ މައްޗަށް އިއްޔެ ކުރިމިނަލް ކޯޓުން މިވަނީ އުމުރަށް ޖަލަށްލާން ހުކުމްކޮށް، އަދި މަރުގެ ދިޔައިގެ ގޮތުގައި 1.3މިލިއަން ރުފިޔާ ވާރިސުންނަށް ދިނުމަށް ހުކުމް ކޮށްފައެވެ.
މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މި 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
ރަހުމްކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ ބްލޮގަރ ޔާމީން ރަޝީދު މަރާލިތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ޝަރީއަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުން ފާއިތުވެދިޔަ އޭޕްރީލް މަހުގެތެރޭގައި ގޮވާލާފައި ވެއެވެ. އަދި މިމައްސަލައަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން މިމަރުގެ އިންސާފު ހޯދުމަށް އަޑުއުފުލަމުން އައި، ވެރިރަށް މާލޭގައި އިންސާފަށް ގޮވާލާ އެތަކެއް މުޒާހިރާތަކެއް ކުރިޔަށް ގޮސްފައިވާ މަރެއްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންކަމުން ޔާމިން ރަޝީދުގެ ގާތިލުންގެ މައްޗަށް އުމުރުދުވަހުގެ ޖަލުހުކުމެއް އައިސް، އޭނާގެ ގާތިލުންގެ މައްޗަށް އިންސާފު ގާއިމް ކުރެވިގެންދާތަން ފެނިގެން ދިއުމަކީ ގިނަ ބައެއްގެ ހިތްތަކަށް ފިނިކަން ލިބިގެންދާނެ ކަމަކަށް ވެގެން ދިޔަނަމަވެސް، ޔާމިން ރަޝީދު ފަދައިން އަނިޔާވެރިކަމާއެކު މަރާލެވިގައިވާ އަދި ގެއްލުވާލެވިފައިވާ އެތައް ބައެއްގެ މަރުގެ މައްސަލަތަކުގައި އިންސާފު ގާއިމް ކުރުން ލަސްވެގެން ދިއުމަކީ އަދިވެސް މުތަމަޢުގެ ތެރޭގައި އެކަންކަމުގެ އުދާސްތައް އިންތިހާއަށް ހުރި ކަންކަން ކަމުގައި ދަންނަވަން ޖެހެއެވެ.
މީގެތެރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލަންޖެހޭ އެއް މައްސަލައަކީ ގެއްލުވާލެވިފައިވާ ނޫސްވެރިޔާ ރިޟުވާންގެ ގާތިލުން ހޯދާ އެމީހުންގެ މައްޗަށް އިންސާފު ގާއިމް ކުރުމުގައި ކުރިމަތިވެގެން ގޮސްފައިވާ ހުރަސްތަކާއި، ގޮންޖެހުންތަކާއި އަދި އިންސާފް ލަސްވެގެން ދާދިއުމުގެ މައްޗަށް އޭނާގެ އާއިލާއިންނާއި، އިންސާފަށް ގޮވާލާ ފަރާތްތަކުން ކުރަމުންދާ ނިމުމެއް ނެތް ޝަކުވާއެވެ.

ރިޟުވާންއާއި ޑރ. އަފްރާޝީމުގެ މަރުގެ ތަހުގީގުތައް!
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި އިންސާފު ހޯދުން ލަސްވެފައިވާކަމުގެ ޝަކުވާ އެތައް ބަޔަކު ކުރަމުން ދާއިރު، މިމައްސަލަތަކުގެ ފުނާއިހަމައަށް ވާސިލްވެ، އިންސާފު ގާއިމް ކޮށްދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. އަދި ގޮތް ނޭގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދާދިނުމަށްޓަކާ ޚާއްސަ ކޮމިޝަނެއް އުފައްދާ، މަރުކޮމިޝަނުން ރާއްޖެއިން ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާ، މިމައްސަލަތަކުގެ ތަހުގީގުތައް އަދިވެސް ކުރިޔަށް ގެންދާކަމަށް މިކޮމިޝަނުން އަދިވެސް ދަނީ ބުނަމުންނެވެ.
އެހެންނަމަވެސް މިސަރުކާރު ވެރިކަމަށް އައިތާ 3 އަަހަރު ފާއިތުވެގެން ގޮސްފައިވާއިރު، މިގޮތުން ފާހަގަވާން ހުރި ބޮޑެތި ބައެއް މައްސަލަތަކުގެ ފުނާއިހަމައަށް ދަތުރު ކުރެވިފައި ނުވާވުމަކީ ސަރުކާރަށާއި އަދި ވަކީން ޚާއްސަކޮށް މަރުކޮމިޝަނަށް އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެ، އާއިލާތަކަށް މާޔޫސްކަން ވެރިވެފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
ހަމަ އެފަދައިން 2012ވަނަ އަަހަރު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލެވުނު، ރައްޔިތުންގެ މަޖިލިހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް މީހުންގެ މައްޗަށް މިއަދާއި ހަމައަށް އިންސާފު ގާއިމު ނުކުރެވި ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މަރުކޮމިޝަން ފެއިލް ވެގެން ގޮސްފައިވާކަމަށް ބުނެ އެކޮމިޝަނަށް ބޮޑެތި ފާޑި ކިއުންތަކެއް އަމާޒުވެގެން ގޮސްފައިވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
މިގޮތުން، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން 27 މައްސަލައެއް ބަލަމުންދާއިރު، މީގެ ތެރެއިން އެއްވެސް މައްސަލައެއްގެ ސައްތައިން ސައްތަ މަސައްކަތް މިހާތަނަށް ނިންމާލެވިފައިނުވެއެވެ. އަދި މިކޮމިޝަނުން ވަނީ ފާއިތުވެދިޔަ ތަނުގައި މަސައްކަތްތައް ނިންމުމަށް އެކި ތާރީޚުތައްވެސް ދީފައެވެ. ކޮމިޝަން އުފެދުނުތާ 3 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ މައްސަލަތައް ނިންމުމަށްވެސް ކޮމިޝަން އުފެދިގެންދިޔައިރު އަމާޒު ހިފާފައިވެއެވެ. އެހެންނަނަމެވެސް އެމަގުސަދާއި ހަމައަށްވެސް މިކޮމިޝަނަށް ވާސިލް ވެވިފައެއް ނުވެއެވެ.

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ފާއިތުވެދިޔަ އަހަރު 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގްކުރާ ކޮމިޝަނަށް 4.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެތެރެއިން 3.8 މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ އެކޮމިޝަންގެ މެންބަރުންގެ މުސާރައާއި އެލަވެންސްގެ ގޮތުގައި ހިގާފައިވާ ޚަރަދުތަކެވެ.
މަރަށް މަރު ނުހިފާ ގައުމެއް! އިންސާފު ލިބުމަށް އޮތް ހުރަހެއް!
ދިވެހިރާއްޖެއަކީ، ރައްޖޭގެ ޝަރީއަތުގެ މުޅި އޮނިގަޑުވެސް އިސްލާީ ޝަރީއަތުގެ މައްޗަށް ބިނާވެފައިވާ، އަދި އެ އަސާސްތައް ރާއްޖޭގެ ގާނޫނު އަސާސީގެ މަސްދަރުގެ ގޮތުގައި ހިމެނިފައި އޮތް ގައުމެކެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީޢަތް ކުރެވެމުންދަނީވެސް އިސްލާމީ ޝަރީއަތުގެ މައްޗަށެވެ. އަދި މި އުސޫލުގެ މައްޗަށް ބިނާކޮށް، މަރުގެ މައްސަލަތަކުގައި ރައްޖޭގެ ކޯޓުތަކުން ދަނީ، ސާބިތުވާ މައްސަލަތަކުގައި ގާތިލުންގެ މައްޗަށް މަރުގެ ހުކުމްވެސް އިއްވަމުންނެވެ.
އެހެންނަމަވެސް، 1960ގެ އަހަރަތަކުގައި ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ރާއްޖޭގައި ތަންފީޒުކުރި މަރުގެ ހުކުމަކަށްފަހު ފާއިތިވެދިޔަ ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައެއް ނުވެއެވެ.
އަދި އަމުދުން ފާއިތުވެދިޔަ 20 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް 60އަށްވުރެ ގިނަ މީހުން ރާއްޖޭގައި މަރާލެވިގެން ގޮސްފައިވާއިރު، މީގެ ބައެއް މައްސަލަތަކުގައި ކޯޓުތަކުން މަރުގެ ހުކުމް އިއްވާފައިވި ނަމަވެސް، މިއިން އެއްވެސް ފަރާތެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުވެގެން ގޮސްފައެއް ނުވެއެވެ.
އެހެންކަމުން ރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ، މަރުގެ ހުކުމް އިއްވާ އެހެން ނަމަވެސް އެހުކުމް ތަންފީޒުކުރެވޭނެ އެއްވެސް އަލިމަގެއް ފެނިގެން ގޮސްފައިނުވާ ގައުމެއްގެ ގޮތުގައެވެ. ހަމަ އެއާއެކު އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލާން ޖެހެނީ، މަރުގެ ހުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް އަޑުއުފުލާ، އިންސާނީ ހައްގުގެ ނަމުގައި، މަރުގެ ހުކުމް އުވާލުމަށް ވަކާލާތު ބައެއް ފަރާތްތަކުން ރާއްޖޭގައި މި ބީދައިން އަޑުއުފުލާ، އަދި މިފަދަ ބައެއް ފަރާތްތަކަށް ރާއްޖޭގެ ގާނޫނުހަދާ މަޖިލަށްވެސް އިންތިޚާބުވުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ވުމެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދެކޮޅު ހެދުމަކީ، ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ ބައެއް ޖަމިއްޔާތަކުން ވަރަށް ބޮޑަށް ދެކޮޅު ހަދަމުންދާ ކަމަކަށްވާއިރު، މިފަދަ ގިނަ ފަރާތްތަކުގެ ޝަކުވާއަކީ، ރާއްޖެފަދަ ބައެއް ގައުމުތަކުގައި، މަރުގެ ހުކުމް ތަންފީޒުކުރެވޭ ވަރުގެ އަދުލުވެރި ޝަރުޢީ ނިޒާމެއް ނެތްކަމެވެ. އެކަމަށް ބޭނުންވާ ފުރިހަމަ ގާނޫނީ އޮނިގަޑެއް ނެތްކަމެވެ.
އެހެންނަމަވެސް ފާހަގަވާން އޮތްކަމަކީ، ރައްޖޭގައި ބޮޑެތި ކުށްތަކަށް އަރައިގަތުުގެ އެންމެ ބޮޑު އެއް އަސްލަކީ، ހުކުމް ތަންފީޒު ނުކުރެވި ދިއުމާ، ގާނޫނީ އޮނިގަޑުގެ ތެރޭގައި ހެދިފައި ހުރި ބާގަޑުތަކުން ދެމިގަނެގެން ދިއުމުގެ ފުރުސަތު ކުށްވެރިންނަށް އޮންނަ އޮތުމެވެ.
މިބާގަޑުތައް ބައްދާ، ގާނޫނުތައް ފުރިހަމަކޮށް، ކުށްވެރިންނަށް ހައްގުވާ އަދަބު ދިނުމުގެ މަސްއޫލިއްޔަތު އުފުލުމަށް ކޮންމެ 5 އަހަރަކުން އެއްފަހަރު ރައްޔިތުން މަންދޫބުންވެސް އެބަ އިންތިޚާބު ކުރެއެވެ. މަސްއޫލިއްޔަތު ބަޔަކާ ހަވާލު އެބަ ކުރެއެވެ. އަދި ރައްޖޭގައި އިންސާފުވެރި ޝަރުޢީ ނިޒާމެއް ނެތްކަން އުޒުރަކަށް ދައްކާ، މަރުގެ ހުކުމް ތަންފީޒުކުރުމާއި ދެކޮޅަށް ވަކާލާތު ކުރަމުން އައި ބައެއް ފަރާތްތަކުން މިއަދު ތިބީ މި ޝަރުޢީ ނިޒާމުގައި އެފަރާތްތަކުން ފާހަގަ ކުރަމުންއައި ބާގަޑުތައް ބެއްދުމުގެ ގާނޫނީ ޒިންމާއާއި ހަވާލުވެގެން ކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ. އެހެންނަމަވެސް އެބަޔަކަށް އެ މަސްއޫލއިްޔަތު ނުއުފުލޭ ކަމަށްވާނަމަ، ހައްލެއް ކޮބައިތޯއެވެ؟
ކޮމެންޓު ފޮނުވާ