ސޯޝަލްމީޑިއާ ޕްލެޓް ފޯމް ތަކުގެ ތެރެއިން ޓިކްޓޮކަކީ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ޕްލެޓްފޯމެވެ. ގިނަބައެއްގެ މެދުގައި، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލު ވެގެން ދިޔަ ޓިކްޓޮކަކީ މިހާރު ދުނިޔޭގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ ޕްލެޓްފޯމެކެވެ.
މިދިޔަ އަހަރު ޓިކްޓޮކް ވީޑިއޯ ތައްޔާރުކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ހޯދީ، ފުރަތަމަ ފަހަރަށް އެ ޕްލެޓްފޯމްގައި 100 މިލިއަން ފޮލޯވަރުން ހަމަކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދާފައިވާ އެމެރިކާގެ ފުރާވަރުގެ އަންހެން ކުއްޖާ ޗާލީ ޑި އެމީލިއޯ ކަމަށް ފޯބްސް އިން ބުނެއެވެ.
މިދިޔަ އަހަރު ޓިކްޓޮކް ކުޅެގެން ޗާލީ ގާތްގަނޑަކަށް 17.5 މިލިއަން ޑޮލަރު (269 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ހޯދި ކަމަށް ފޯބްސް އިން ބުނެއެވެ. މަހާރު 133 މިލިއަން ފޮލޯވަރުން ތިބި މި ޒުވާނާއަށް ޓިކްޓޮކްގައި 100 މިލިއަން ފޮލޯވަރުން ހަމަކުރި ފުރަތަމަ މީހާގެ ރެކޯޑް ލިބުނީ 2020 ގައެވެ.
ޓިކްޓޮކުން ވިދާލި ޗާލީ އުމުރުން 17 އަހަރުގައި އަންނަނީ މަޝްހޫރު އެތަށް ބްރޭންޑެއްވެސް ޕްރޮމޯޓުކުރަމުންނެވެ. މި ސްޕޮންސާތަކުން ލިބޭ އާމްދަނީއާއި އެކު ޓިކްޓޮކް ގެ އެންމެ ބޮޑު އާމްދަނީ ލިބުނު މީހާގެ ތާޖު ޗާލީ އެޅިއިރު މި ރޭހުގެ ދެވަނައިގައި އުޅެނީ ޗާލީގެ ދައްތަ ލަވަކިޔުންތެރިޔާ ޑިކްޒީ ޑި އެމީލިއޯ، 20، އެވެ. ފަންސާސް ހަ މިލިއަން ފޮލޯވަރުންނާ އެކު އޭނާގެ އާމްދަނީ އަކީ 10 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރު ޓިކްޓޮކުން ބޮޑު އާމްދަނީ ހޯދި ގަދަ 5 ގެ ތެރޭގައި ހިމެނޭ އިތުރު ޓިކްޓޮކް ތަރިންނަކީ:
އެޑިޝަން ރައީ: 86 މިލިއަން ފޮލޯވަރުން، 8.5 މިލިއަން ޑޮލަރު
ބެލާ ޕޯޗް: 87 މިލިއަން ފޮލޯވަރުން، 5 މިލިއަން ޑޮލަރު
ޖޯޝް ރިޗަޑްސް: 26 މިލިއަން ފޮލޯވަރުން، 5 މިލިއަން ޑޮލަރު
ޓިކްޓޮކްގެ އިތުރުން އިންސްޓަގްރާމް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމް ތަކަކީވެސް، އެކިއެކި ކަހަލަ ގޮތްގޮތަށް ބޮޑު އާމްދަނީއެއް ބައެއް މީހުން ހޯދަމުން ގެންދާ ވަސީލަތްތަކެވެ.
ކޮމެންޓު ފޮނުވާ