ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި މުޖުތަމަޢުގެ ޢާއްމު އަޚްލާޤީ މިންގަނޑުގެ ބޭރުން އަނިޔާވެރިކަމާއި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް ޢަމަލުކުރާ މީޑިއާތަކާއި، ބަދުއަޚްލާޤީ ޢަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަމަށް މަގުފަހިވާފަދަ ގޮތަކަށް ޢަމަލުކުރާ މީޑިއާތަކާމެދު މި ކައުންސިލުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއަޅާނެ ކަމަށް މީޑިޔާ ކައުންސިލުން ބުނެފިއެވެ.
މީޑިޔާތަކުގެ ބަދަލުވެރި ފަރާތް މޯލްޑިވްސް މީޑިޔާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ބައެއް މީޑިއާތަކުން ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް ޝާއިޢުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ ދަށުން 2011 ޖަނަވަރީ 31 ގައި ގެޒެޓްކޮށް ޢަމަލުކުރަމުން އަންނަ "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިޢުކުރުމުން ދުރުހެލިވާނެ" ކަމަށެވެ. އަދި އެ މިންގަނޑުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި، ޢާންމު އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސްބޭނުންކުރުމުން ދުރުހެލިވާނެއެވެ." މިފަދައިންކަމަށްވާއިރު، ހުރިހާ މިޑިއާތަކަކުންވެސް، "ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު" އާ އެއްގޮތްވާގޮތުގެ މަތިން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފައެވެ.
އިންޓަރނެޓްގެ ޒަރިއްޔާއިން ވެބްސައިޓާއި، މީސްމީޑިއާގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން ޚަބަރާއި މަޢުލޫމާތު ފެތުރުން ފުޅާވެފައިވާ ޒަމާނެއްގައި، ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އަޚްލާޤީގޮތުން ދަށްފެންވަރުގެ ލިޔުންތައް ޢާންމުވުމުގެ ސަބަބުން ސޯޝަލް މީޑިއާ އާއި އިންޓަރނެޓްގެ ޒަރިއްޔާއިން ފުރާވަރުގެ ކުދިންނަށް ނޭދެވޭ އަސަރުކުރާކަމުގެ ކަންބޮޑުވުން ކަމާގުޅުންހުރި ފަރާތްތަކުން މި ކައުންސިލާ ހިއްސާކުރަމުންދޭ. އަދި ބައެއްފަހަރު މިފަދަ ކޮންޓެންޓްތައް އެ ކޮންޓެންޓެއް ތައްޔާރުކުރި މީޑިއާއަކުން ނެގި ނަމަވެސް އިންޓަރނެޓްގެ ޒަރިއްޔާއިން ޝެއަރކުރެވޭތީ ޒަމާންތަކެއްވަންދެން އެފަދަ ލިޔުންތައް އާންމުންނަށް ފެންނަން ހުރޭ. މިއީ މިކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް.
– އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ބައެއް މީޑިއާތަކުގައި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑާއި މުޖުތަމައުގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ ޚިލާފު ލިޔުންތަކާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ލިޔުންތައް އަދި މިނޫނަސް އެއްވެސް ހަޤީގަތެއް ނެތް ތޯތޯ ވާހަކަތަކުގެ މައްޗަށް ބިނާކޮށްވެސް އެކި ބާވަތުގެ ލިޔުންތައް ޝާއިޢުކުރާކަން ވެސް ފާހަގަކުރެވިފައިވާކަމަށް އެމްއެމްސީން ބުނެފައިވެއެވެ. ދިވެހި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުންވެސް އަބަދުވެސް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އިޖުތިމާއީ އަޚްލާޤް ދަމަހައްޓައި ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓުމަށް އެމްއެމްސީން ވަނީ އެދިފައެވެ.
މުޖުތަމަޢުގެ އާންމު މަސްލަހަތު ހިމާޔަތްކުރުމާއި، މުޖުތަމަޢުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމާއި އަޚްލާޤީގޮތުން ދަށުދަރަޖައިގެ ވާހަކަތަކާއި ލިޔުންތަކަކީ ނޫސްވެރިކަމުގެ އެތިކްސް ނުވަތަ އަޚްލާޤީ ހަމަތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްޖަނަށާއި، ނޫސްވެރިކަމުގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންވިޔަސް އަދި ނުކޮށްވިޔަސް މިދެންނެވި މަތިވެރި އުސޫލުން ބޭރުން މީޑިއާގެ އެކި ވަސީލަތްތައް ހިންގަމުން ދިއުމަކީ ކައުންސިލަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މިބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ