ރައީސް ޔާމީން ބަންދުގައިހުރި މުއްދަތުގެ އިނާޔަތް ޖަމާކޮށްދީފި

ރައީސް ޔާމީން ބަންދުގައިހުރި މުއްދަތުގެ އިނާޔަތް ޖަމާކޮށްދީފި

Author
މުޙައްމަދު ޝަޒައިމް
16 ޖެނުއަރީ 2022 04:06
0

ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންދިޔަ، ރައީސް ޔާމީން ބަންދުގައި ހުންނެވި ހުންނެވި މުއްދަތުގައި ލިބިވަޑައިގަންވަންޖެހޭ އިނާޔަތްތައް ފިނޭންސް މިނިސްޓްރީން ޖަމާ ކޮށްފިއެވެ.

ރައީސް ޔާމީނަށް ދައުލަތުގެ ބަޖެޓުން ދެމުން އައި ޢިނާޔަތްތައް ކަނޑާލާފައިވަނީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. އެހުކުމް ހައިކޯޓުން ދަމަހައްޓާފައިވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާޠިލްކޮށްފައެވެ.

ރައީސް ޔާމީންގެ ޖަލު ހުކުމާއި ގުޅިގެން ހިފެހެއްޓިފައިވާ އިނާޔަތުގެ ގޮތުގައިވާ 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ވަނީ ޖަމާކޮށްދީފައެވެ. ކުރީގެ ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ދެއްވާ އިނާޔަތްތަކުގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދު ރައީސް ޔާމީން ނުނަންގަވާކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އަދި މިދިޔަ ޑިސެމްބަރުގެ އިނާޔަތްތައް ވެސް ޖަމާކޮށްފައިވާ ކަމަށް ފިނޭންސުން މައުލޫމާތު ދީފައިވެއެވެ.

ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ޢިނާޔަތްތައް:
މާލީ ޢިނާޔަތް – 75،000ރ. (މަހަކު)
ދިރިއުޅުއްވާ ތަނުގެ ޚަރަދަށް – 50،000ރ. (މަހަކު)
އޮފީސް ހިންގުމުގެ ޚަރަދަށް – 175،000ރ. (މަހަކު)
ބޭސްފަރުވާގެ ޚަރަދަށް – 58،333.33ރ. (މަހަކު)

ކުރީގެ ރައީސުންގެ ޤާނޫނުގެ 10ވަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މަގާމުގައ ހުރިއިރު، ޖިނާޢީކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް މިގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަަމަކާއި ޢިނާޔަތެއް ނުލިބޭނެ ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވީނަމަވެސް، ރ.ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވިކަމަށް ތުހުމަތުކުރޭވޭ މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ. އަދި ވ.އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރކުރުމާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާގެ ޝަރީއަތްވެސް ދަނީ ހިނގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.