މިސަރުކާރުން އެއްވެސް ޚިޔާނާތުގެ މައްސަލައެއް ބެލުމުގެ ނިތަޔެއް ނެތްކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުން 3.3 ބިލިއަން ރުފިޔާ ވަގައްނަގައި ހިންގާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ބެލުމަށް ވައުދުވެ ވެރިކަމަށް ވަޑައިގެންނެވިތާ ތިން އަހަރު ވެގެންދާއިރުވެސް މިމައްސަލައިގައި މާބޮޑު ކުރިއެރުންތަކެއް ނުލިބޭތީ ދިޔާނާ ވިދާޅުވީ، އެމްއެމްޕީއާރުސީއާއި އެހެން އެއްވެސް ޚިޔާނާތުގެވެސް ހަގީގަތް ބެލުމަށް ސަރުކާރުގެ ސާފު ނިޔަތެއް ނެތްކަމަށެވެ.
މިކަންކަން ބެލުމަށް ޤާނޫނުން މަތިކޮށްފައިވާ ކޮމިޝަންތައް އެކުލަވާލަނީ އެތަންތަނުގައި މިފަދަ މައްސަލަތައް ބެލޭނެ ކެޕޭސިޓީ ނުހުންނަ ގޮތަށް ކަމަށާއި، އެއީ ކަނޑައެޅިގެން އެނގިތިބެ ގަސްތުގައި މިކަން ކުރާގޮތްކަމަށެވެ. ބޭނުމަކީ މިފަދަ މައްސަލަތައް ނުބެލުންކަމަށް ދިޔާނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ކީއްކުރަންތޯ އެއްވެސް ޚިޔާނާތެއް ބެލުމުގެ ނިޔަތެއް ނެތް. އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި މިބާވަތުގެ ތަންތަން އެކުލަވާފަ މިހުންނަނީ އެ ކެޕޭސިޓީ އެތަނުގައި ނުހުންނަ ގޮތަށް. އެއީ ނޭގިގެންނޫ، ހަމަ ގަސްތުގައި ކޮށްފަ އޮތް ގޮތް. މިއީ ރައްޔިތުންނަށް ދައްކާ ދަޅަތައް.
– ދިޔާނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ފުލުހުން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަންތަކުން ވެސް މިހާތަނަށް ދަށު ކޯޓެއްގައި ކާމިޔާބު ކުރެވުނު ހަމައެކަނި މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީލޯންޑަރިން ކޭސްއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލް ކުރީ ހެދިފައި ހުރި ބޮޑެތި ގޯސްތަކާއި ޔާމީނާ އެންމެ ގާތްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަަދު އަދީބު ބޭނުން ކޮށްގެން ދައުލަތުން ކުރި "ޓެސްޓުތަކެއް" ފެއިލްވުމާ ގުޅިގެންނެވެ.
ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް މިވެރިކަމުގައި އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެއް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައި ވެއެވެ. ނަމަވެސް އެ ކޮމިޝަނުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ ކޮމިޝަންގެ މަގްސަދާމެދު އާންމުންވެސް ވަރަށް ބޮޑަށް ސުވާލު އުފައްދައެވެ.
ވެރިކަމަށް ތިން އަހަރު ވެގެންދިޔައިރު، ސަރުކާރަށް ކޮރަޕްޝަންގެ ކަންކަން އެކަށީގެން މިންވަރާއި ގާތަށްވެސް ބެލިފައި ނުވާއިރު، މިވެރިކަމުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައްވެސް ނުބެލޭކަމީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އަދި ކޮރަޕްޝަންގެ މައްސަލަ ބަލަން އޮތް ކޮމިޝަން މިވަގުތުވެސް އޮތީ ޤާނޫނީ ހުސްކަމެއްގައި ކަމަށްވުމުން، ސަރުކާރުގެ ކޮރަޕްޝަން ހުއްޓުވުމުގެ ނިޔަތާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓު ފޮނުވާ