ޖުމްހޫރީ މައިދާނުގެ ފެންވާރު މަރާމާތުކޮށް އަލުން ހުޅުވަނީ

ޖުމްހޫރީ މައިދާނުގެ ފެންވާރު މަރާމާތުކޮށް އަލުން ހުޅުވަނީ

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2022 10:48
0

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް މި މަހު އަލުން ހުޅުވުމަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރު ވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ހިތްފަސޭހަ، ހިއްގައުމު ތަނެއްގައި ގޮތުގައި ތައްޔާރު ކުރިނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން އެތަނަށް މާބޮޑު އަޅާލުމެއް ދީފައި ނުވާތީ ތަން ވަރަށް ބޮޑަށް ހަލާކުވެ، ފެންއަރުވާ ވަޑާންމުގެ ރީތި މަންޒަރުތައް ވަނީ ގެއްލިފައެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލާއި މިހާރު އޮތް ކައުންސިލުން ހަވާލުވުމަށްފަހު މާލޭގައި ހުރި މިފަދަ ތަންތަން އަލުން މަރާމާތުކޮށް، ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސިޓީ ކައުންސިލުން މިރޭ ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ފަހު، މިރޭ ޓެސްޓުކޮށްފައިވާ ކަމަށެވެ. އިތުރަށް ކުރަން ހުރި މަސައްކަތްތައް ނިންމައި، މި މަހު 20 ގައި އަލުން ފެންއަރުވާ ވަޑާން ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މި ފެންއަރުވާ ވަޑާން ޖުމްހޫރީ މައިދާނުގައި ބެހެއްޓީ މިހާރު މަލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ވެސް ހުންނަވަނިކޮށެވެ.  ޖުމްހޫރީ މައިދާނަކީ ދިވެހިންގެ މިނިވަންކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ތާރީޚީ ބިނާއެއްކަމަށާއި، އެތަން ހަލާކުވިޔަނުދީ ބެލެހެއްޓުމަކީ ހުރިހާ ދިވެހިންގެވެސް ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފެންއަރުވާ ވަޑާން ޑިޒައިންކޮށްފައިވަނީ މިއުޒިކާ އެއްވަރަށް އެކި ކުލަތަކުން ދިއްލޭގޮތަށް، ކުޑަކުދިންނަށާއި، އެކި އުމުރުފުރާގެ މީހުންނަށްވެސް، ފެންއަރުވާ ވަޑާމުގެ ތެރެއަށް ވަދެވޭނެފަދަ ގޮތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.