މާފަންނު ސްޓޭޑިއަމް ސަރަހައްދުން އެއްވެސް ކުއްޔަކާ ނުލައި އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ކުންފުންޏަކަށް ދީފައިވާ ބިމެއް ހުސްކުރަން ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އެންގުމުން، އެ އިދާރާއާ ދެކޮޅަށް އަމުރެއް ހޯދަން އޮއްޕޮގެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އެފްއޭއެމްގެ ޣައިރު ހާޒިރުގައި އަމުރެއް ނެރެދިނުމަށް އެދި އޮއްޕޮގެ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން ކޯޓަށް ހުށަހެޅީ، އެ ކުންފުންޏަށް 25 އަހަރަށް ދީފައިވާ 2700 އަކަފޫޓުގެ ބިން ހުސްކުރަން އެފްއޭއެމުން ތަކުރާރުކޮށް އެންގުމުން، އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. މި ބިމަކީ ފީފާގެ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި މީގެ ނުވަ އަހަރު ކުރިން ސަރުކާރުން 50 އަހަރުގެ މުއްދަތަށް އެފްއޭއެމްއަށް ދޫކޮށްފައިވާ ބިމެކެވެ.
އެފްއޭއެމުން ހާމަކޮށްފައިވާ ގޮތުގައި، އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް މި ބިން އޮއްޕޮގެ ކުންފުންޏަށް ދީފައިވަނީ އެ ސަރަހައްދުން ކުނި އުކައި ސާފުކުރަން ހޭދަވި ކަމަށް ބުނާ 1.8 މިލިއަން ރުފިޔާގެ ބަދަލުގައެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް އެއްބަސްވުމެއް އެފްއޭއެމްއާއެކު ހަދާފައި ނުވާކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން، އެ ބިމުގައި އޮއްޕޮގެ ކުންފުނިން ޑެކް އަޅައިގެން ހަދާފައިވާ ދެބުރީގެ ގުދަނަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާ ނުލައި އިމާރާތްކޮށްފައިވާ ތަނެއްކަން ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ