2008ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ އާ ގާނޫނު އަސާސީން ގެނެސްދިން ރިޔާސީ ނިޒާމް ބިނާވެފައިވަނީ މައިގަޑު 3 އަސާސެއްގެ މައްޗަށެވެ. އެއީ އެގާނޫނު އަސާސީން އެކަށަ އަޅައިދިން، ދައުލަތް ހިންގުމުގެ ބާރު ލިބިދީފައި އޮތް 3 ބާރެވެ. އެއީ ވެރިކަން ހިނގުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާ އާއި، ޝަރީއަތް ކުރުމުގެ ބާރު، ޖުޑީޝަރީއާއި އަދި ގާނޫނު ހަދާ ބާރު ރައްޔިތުންގެ މަޖިލީހެވެ.
މީގެތެރެއިން ވެރިކަން ހިންގާ ބާރުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމުހޫރިއްޔާއާއި އަދި ގާނޫނުހަދާ ބާރު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާ ފަރާތްތަކެވެ. އަދި ޝަރީއަތް ކުރުމުގެ ބާރުގެ އެންމެ އިސްވެރިން އައްޔަން ކުރުމުގެ ބާރުގެ ގާނޫނު އަސާސީން ލިބިދީފައިވަނީ، ރައްޔިތުންގެ ރުހުމާއެކު އިންތިޚާބުކުރާ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ރުހިވަޑައިގަންނަވާ ގޮތެއްގެ މައްޗަށެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ޒިންމާދާރު ކަމާއި، އެ ފަރާތްތަކުން އަމަލު ކުރައްވާ ގޮތެއްގެ މައްޗަށް އިންސާފާއި ނާއިންސާފު ގާއިމަވެގެން ދިއުމުން ނިކުންނަ ނަތީޖާތަކުގެ ޒިންމާ އަބަދުވެސް ސީދާ ގޮތެއްގައި ރައްޔިތުން އުފުލަންޖެހޭނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ މައްޗަށް ބަސް ބުނުމުގެ ފުރުސަތު ވޯޓު ލައިގެން، ބަޔަކަށް ލިބި ދިނުމިގެ ކުރިން މިކަންކަމާމެދު ރައްޔިތުން ފުންކޮށް ވިސްނާ، ހެދޭ ގޯހުގެ މަތިން ފަހުން ހިތާމަކުރަން ނުޖެހޭވަރުގެ ނިންމުމަކާ ހަމައަށް ވާސިލް ވުމަކީ އަބަދުވެސް ރައްޔިތުން އުފުލަން ޖެހޭނޭ ޒިންމާއެކެވެ. ގައުމީ، ދީނީ ވާޖިބެކެވެ. ސަބަބަކީ، ވަކީން ޚާއްސަކޮށް ރައްޔިތުންގެ މަޖިލިސް ފަދަ މުވައްސަސާއަކީ، އެތަނަކުން ފާސްކުރާ ގާނޫނުތަކުންނާއި، އަދި އެ މުވައްސަސާއިން ނިންމާ އެތައް ނިންމުމެއްގެ މައްޗަށް ރައްޔިތުންގެ ހައްގުތައް ކަށަވަރުވުމާއި ނުވުން ބިނާވެގެންދާ މުވައްސަސާއަކަށް ވާތީވެސް މެއެވެ.
އެހެންކަމުން ބައި އިލެކްޝަނެއްގައި ވޯޓު ލުމުގެ ފުރުސަތު ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކަށް އަނެއްކާވެސް ލިބިގެން ގޮސްފައިވާއިރު، މަޖިލީހަށް ފާއިތުވެދިޔަ ތަނުގައި މެމްބަރުން އިންތިޚާބު ކޮށްގެން ކުރަންޖެހުނު ތަޖުރިބާތަކާއި، އަދި މި ތަޖުރިބާތައް މި ބީދައިން ކުރަން ޖެހިގެން އުޅެނީ ކޮން ސަބަބުތަކެއް މެދުވެރި ވެގެންތޯ މިއަދު ރައްޔިތުން ފުންކޮށް ވިސްނާ ފިކުރު ނުކޮށްފިނަ، މާދަމާ ހަމަ އެރައްޔިތުން އޭގެ ބުރައާއި ވޭން އުފުލަންޖެހޭނޭ ނިންމުމަކަށް އެނިންމުން ވެގެންދާނޭ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
މަޖިލިސްް މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ތައުލީމީ ފެންވަރު ބަޔާން ކޮށްފައެއް ނެތް! ކީއްވެ؟
ރައްިޔުންގެ މަޖިލީހާއި ގުޅެގޮތުން ގިނަ ބަޔަކު ފެށުނީއްސުރެ ކުރަމުން އަންނަ އެއް ޝަކުވާއަކީ، އެންމެ އުފެއްދުންތެރި ބަހުސްކޮށް، އެންމެ ޓެކްނިކަލް މަސައްކަތް ކުރަންޖެހޭ، އެންމެ ހޭލުންތެރި، ތައުލީމީ ގާބިލް މީހުން ތިބެންޖެހޭ މުވައްސާއަށް މެމްބަރުން އިންތިޚާބު ކުރާއިރު، އެމެމްބަރުންގެ ކިބައިގައި ހުންނަން ޖެހޭ ތައުލިމީ ފެންވަރު ގާނޫނު އަސާސީން ވެސް އަދި ގާނޫނަކުންވެސް ލާޒިމް ކޮށްފައި ނުވާ ނުވުމެވެ.
އަދި، އެންމެ އާދައިގެ ސިވިލް ސާވިސްގެ މުވައްޒަފަށް ވަޒީފާ ލިބި ދިނުމުގައިވެސް، މިއުސޫލުތައް ލާޒިމްކޮށް، ސެޓްފިކްޓްތަކާއި، އިންޓަވިއްތަކާއި އަދި މިނޫނަސް މިފަދަ އެތައް މިންގަޑަކުން ބެލިގެންދާއިރު، މިއުސޫލު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ގާއިމްވެފައި އޮނަން ނުޖެހޭ ސަބަބަކީ ކޮބައިތޯ މިއީ އެތަައް ރައްޔިތުންނެއްގެ ޝަކުވާއެކެވެ. އުދާހެކެވެ.
އަދި މިއީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރެވިގެން ދާއިރު، މުޖުތަމައުގައި އުޅޭ އެންމެ އަޑުގަދަ، އެހެންނަސް އެންމެ "ތަން ދޮރު ނުފިލާ" ގިނަ އަދަދެއްގެ ބަޔަަކަށް މެމްބަރުންގެ ގޮތުގައި އެމަޖިލީހަށް އެތެރެވުމުގެ ފުރުސަތު ލިބެގެންދާ އެއް ސަބަބުގެ ގޮތުގައިވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މި ހަގީގަތް މި ގޮތުގައި އެހާރާއި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ސާފުކޮށް ފެންނާން އޮތް އިރު، މިއީ އިއްޔެވެސް މިއަދުވެސް ގައުމަށް އުފުލަންޖެހިފައިވާ ގެއްލުން ބޮޑު ބުރައެއްކަމުގައިވެސް ގަބޫލު ކުރަންވެސް ޖެހެއެވެ. ސަބަބަކީ، ސިޔާސަތު ރޭވުމުގައި އެއްވެސް ތަޖުރިބާއެއް، އިލްމެއް ހިލްމެއް، ގާބިލްކަމެއް ނެތް މީހާ މާލިމީއަކަށް ބަހައްޓައިގެ ގައުމަށް ދަތުރު ކުރަން މަޖުބޫރުވުމުން ނުކުމެގެންދާ ނަތީޖާ ހިތިވެފައި، އެހާމެ ގެއްލުން ބޮޑުވުމުންނެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އައްޔަން ކުރުމުގައި ވަކި ތައުލީމީ ފެންވަރެއް، ނުވަތަ ވަކި މިންވަރެއްގެ ތަޖުރިބާއެއް ހުރުން ގާނޫނު އަސާސީންނާއި ގާނޫނުތަކުން ލާޒިމް ކޮށްފައި ނުވަތަ އެއިން އެއްވެސް މިންގަޑެއް ކަޑައަޅާފައި ނެތް ސަބަބުގެ އެންމެ ފުނަށް ފީނާ ފަތާ، ކަމުގެ އަސްލާއި ހަމައަށް ވާސިލްވާއިރު، ގޮސް ހުއްޓެން ޖެހެނީ ދިވެހިން ބަލައިގެންފައިވާ ޑިމޮކްރަސީގެ އަސްލާ ހަމައިގައެވެ.
ސަބަބަކީ، ޑިމޮކްރަސީއަކީ، އޭގެ ޒާތުގައި ރައްޔިތުންގެ ވެރީން ރައްޔިތުން އައްޔަންކުރާ ވެރިކަމުގެ ފަލްސަފާއަކަށް ވާތީއެވެ. މާނައަކީ، ޑިމޮކްރަޓިކް ނިޒާމުގައި، ވެރިކަން ކުރާނީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާކުރާ ބައެކެވެ. ރައްޔިތުންގެ މައްޗަށް ބަސް ބުނާނޭ ބަޔަކު އައްޔަން ކުރުމުގެ ބާރާއި ފުރިހަމަ އިޚްތިޔާރު އެމީހުންނަށް އެ ނިޒާމުގެ ތެރޭގައި އެއްވެސް ހުރަހެއް ނެތި ލިބިދީފައި އޮންނަން ޖެހެއެވެ. އެ އިޚްތިޔާރު ލިބިދިނުމުގައި، ރައްޔިތު މީހާ ބޭނުންވާ މީހަކަށް ވޯޓު ލުމުގެ ފުރުސަތު އޭނާއަށް ލިބިދޭން ޖެހެއެވެ. އެމީހާއަކީ، ކަޅު މީހެއްތޯ ދޮން މީހެއްތޯ، ޑިގްރީއެއް އޮތް މީހެއްތޯ، ނުވަތަ މާސްޓާރސް ފެންވަރަށް ތައުލީމު އުގެނިގެން ހުރި މީހެއްތޯ ނުވަތަ އެއީ ޑޮކްޓަރެއްތޯ ނަރުހެއްތޯ ނުވަތަ މަސްވެރިއެއްތޯ އިޚްތިޔާރު ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު، ޑިމޮކްރަސީގެ ނިޒާމުގައި ލިބިދޭން ޖެހެނީ ރައްޔިތު މީހާއަށެވެ.
އެވާހަކަ ގާނޫނަކުން ބުނެދިނީމާ ރައްޔިތުން މީހާއަށް ލިބިދީފައި އޮންނަ މިނިވަންކަމާއި، އިޚްތިޔާރާއި ބާރުގެ ދާއިރާ ހަނިވެގެން ދަނީއެވެ.
އަދި މިއީ 2008ވަނަ އަހަހަރު ދިވެހިން ބަލައިގެންފަ އޮތް އާ ގާނޫނު އަސާސީގެ މައިގަޑު އަސާސްވެސްމެއެވެ. އެގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.
ރައްޔިތުންގެ ބާރު: ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.
މިމާއްދާގައި ބަޔާން ކޮށްފައި މިވަނީ ރައްޔިތުންގެ މައްޗަށް ބަސްބުނެ، އެމީހުންގެ މައްޗަށް އަމުރު މައުރޫފް ހިންގުމުގެ ފުރުސަތު ލިބިދިނުމުގައި ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ އިޚްތިޔާރުތަކުގެ އެންމެ މައިގަޑު އަސާސެވެ.
އެހެންކަމުން، ގާނޫނުހަދާ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމުގައި، ދިވެހި ރައްޔިތަކަށް ވުމާއި، ފުރިހަމަ މުސްލިމަކަށް ވުމުގެ އިތުރުން ބުއްދި ސަލާމަތުން ހުރުން ލާޒިމް ކޮށްފައި އޮތް އޮތުމުގެ އިތުރުން ވަކި ޝަރުތުތަކެއް އެމަޖިލީހަށް އިންތިޚާބުވާ މެމްބަރުންގެ ކިބައި ހުރުން ގާނޫނު އަސާސީންނާއި އެނޫން ގާނޫނުތަކުންވެސް ލާޒިމް ކޮށްފައި ނެތް މައިގަޑު ސަބަބަކީ، ރައްޔިތުންގެ ވެރީން އިޚްތިޔާރު ކުރުމުގެ ފުރުސަތު އެއްވެސް ހުރަހެއް ނެތި، އެންމެ ފުލާ މިނުގައި އެރައްޔިތުން ލިބި ދިނުމަށްޓަކައެވެ. އެއީ ޑިމޮކްރަސީގެ އެންމެ އަސާސީ މިންގަޑުވެސް މެއެވެ.
އެމިންގަޑުގެ ބޭނުން ހެޔޮގޮތުގައި ކޮށް، ތަންދޮރު ދަންނަ، އިލްމީ ގާބިލް މީހާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރުމަކީ ރައްޔިތުންގެ ޒިންމާއެކެވެ. އެއީ ތައުލީމާ ތަޖުރިބާ ކޮން މިންވަރަކަށް ހުރި، ކާކުކަން ކަޑައަޅާނީ ރައްޔިތު މީހާއެވެ. އޭގެ އާޚިރު ޒިންމާ އުފުލާ، ގެއްލުމާއި ފައިދާ ލިބިގަންނަން ހުންނާނީވެސް ހަމަ އެ ރައްޔިތު މީހާއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން!
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެދާއިރާގެ ރައްޔިތުންނާ ކުރިމަތި ވެފައި މިވަނީ ވަރަށް މުހިންމު ދަނޑިވަޅެއްގައެވެ. ސަބަބަކީ، މި ބައި އިލެކްޝަންއަކީ، ހިގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވަކި ބަޔަކަށް ލިބިދީ، އެ މަޖިލިހުގެ ތަޖުރިބާ ދެއަހަރާ ބައިގެ މުއްދަތައް ދިވެހި ރައްޔިތުން ކޮށްފައި ވަނިކޮށް ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ކުރިމަތިލީ ބައި އިލެކްޝަންއަކަށް ވާތީއެވެ.
އަދި މި ބައި އިލެކްޝަނާއި ހަމައަށް އައިއިރު، ފާއިތުވެދިޔަ ތަނުގައި ވީ ވައުދުދުތައް މި ސުޕްރ މެޖޯރިޓީން ފުއްދާ ދިނީ ކޮން މިވަރަކުންކަން ވަރަށްވެސް ސާފުކޮށް ރައްޔިތުންގެ ކުރިމަތީގައި ފެންނާން އެބަހުއްޓެވެ. އެޖެންޑާ19ގެ ނަމުގައި އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ވީ ވައުދުތަކާއި އަހުދުތަކުގެ މައްޗަށް ވަކި ސިޔާސީ ޕާޓީއަކަށް އިތުބާރުކޮށް، ހުރިހާ ބާރެއް ރައްޔިތުން އެމަޖިލީހަށް ދިނީމާ އެބާރުގެ ބޭނުން އެ މަޖިލީހުން ކޮށް، ކީހާ ޅެން ވެގެންދިޔައީ ފަރިއްސަށްތޯ ނުވަތަ ނޫންތޯވެސް މިއީ މިއަދު ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވަޒަން ކޮށްލަން ޖެހިފަ އޮތްކަމެއް ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
އެހެންކަމުން، މިއިންތިޚާބުގައި ވޯޓުލާން ވޯޓު ފޮށްޓާ ހަމައަށް ދިއުމުގެ ކުރީން، މި އިންތިޚާބުގައި ވާދަކުރާ 3 ކެނޑިޑޭޓުންގެ ފަތިފުށް ރައްޔިތުން ވަރަށްވެސް ރަގަޅަށް ހޯދާ ބަލަން އެބަ ޖެހެއެވެ. ތައުލީމީ ފެންވަރު ވަޒަން ކުރަން އެބަޖެހެއެވެ. މާޒީގައި ކޮށްފައި ހުރި މަސައްކަތްތަކާއި، ލިބިފައިހުރި ތަޖުރިބާ މިނާ ވަޒަންކުރަން އެބަ ޖެހެއެވެ. އުޅުމާއި އަޚްލާގު ހުރީ ކޮން މިންގަޑެއްގައިތޯ އެގެން އެބަޖެހެއެވެ.
ޕާޓީ ކުލައިން ޖަރީވެ، ޕާޓީގެ ލަވައަށް ޖެހި ބެރުދުންމާރީގެ ވަޖިދުގައި، އައްޔަކަސް އަދިރިއަކަސް ވާނީ އެއްވަރޭ ބުނެ، ރައްޔިތުން ވޯޓު ލައިގެން މެމްބަރަކު އިންތިޚާބު ކުރުމަށްފަހު، "ހައްގުތަކޭ’، "ވަޒީފާއޭ" ގޮވާ، ކޮންމެ ފަހަރަކުވެސް ހޮވި މެމްބަރުގެ ގަޔަށް ބޮލަށް ރައްޔިތު މީހާއަށް އަރަންޖެހުމުގެ ސަގާފަތް ނައްތާލެވޭނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ވޯޓުލުމު އަސާސީ ހައްގުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުން އާދާކުރި ދުވަހަކުން ކަމީ ކަށަވަރުވެ ޔާގީންވާ ކަމެކެވެ.