ކުރިއަށް އޮތް ތިން ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ހާލަތު އެންމެ ގޯސްވާނެ ތިން ހަފްތާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތާއި ގުޅޭގޮތުން އިއްޔެ ޞިއްޚީ މާހިރުންނާއި، ކޯވިޑްގެ ޤައުމީ ޓާސްކްފޯހާއިއެކު ބޭއްވުނު ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑްގެ އާ ވޭރިއަންޓް ރާއްޖެއިންވެސް ފެނިފައި ވުމާއިއެކު، ކުރިއަށް އޮތް ތިން ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ނަންބަރުތައް އަނެއްކާވެސް މަތިވެ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ ތިން ހަފްތާކަމަށެވެ.
ޞިއްޚީ މާހިރުންގެ ލަފަޔައި އިރުޝާދުތަކަކީ މީގެ ކުރިންވެސް ކޯވިޑާއި ދެކޮޅަށް އަމަލު ކުރިގޮތަށް އަމަލުތައް ބަހައްޓައި ބަލިން ރައްކާތެރިވުންކަމަށެވެ. ސަރުކާރުން މަސައްކަތް ކުރާނީ ރާއްޖޭގެ އިޤްތިޞާދަށް ބުރޫނާރާނޭހެން ވީހާވެސް ލުއި ގޮތަކަށް ރައްޔިތުންނަށް މަސައްކަތް ކުރެވޭނެމަގު ހުޅުވައިގެން ކުރިއަށް ދިއުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޞިއްޚީ މާހިރުން އަޅުގަނޑުމެންނަށް ލަފާދެއްވީ، ކުރިއަށް މިއޮތް ތިން ހަފްތާއަކީ އަނެއްކާވެސް ވަރަށް ބޮޑަށް ރާއްޖޭގައި ކޯވިޑް ފެތުރިގެން ދިއުގެ ފުރުސަތު އޮތް ތިން ހަފްތާކަމުގައި. އެއީ މިވޭރިއަންޓް މިހާރު ރާޖޭގައި ފެނިފައިވާތީ. އެހެން ވީމާ އެބޭފުޅުންގެ އެދިވަދައިގަތުމަކީ ކުރިއެކޭވެސް އެއްގޮތަށް މިކަމަށް ސަމާލުވެ ވަޑައިގެން، ކުރަންޖެހޭ ވަރަށް ކުދިކުދި ކަންތައްތައް މިހިރީ، އެކަންތައްތައް ކޮށްލުން. ފުރަމަ ކަމަކަށް މާސްކު އެޅުން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޯވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ވިޔަފާރިތައް ބަންދުކޮށް އަދި އަޅަންޖެހުނު އެހެން ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންކަމުން އަނެއްކާ ވެސް ވިޔަފާރިތައް ބަންދުކޮށްގެން އެ މައްސަލަތަކާ ކުރިމަތިލާން ބޭނުންނުވާ ކަމަށެވެ.
މިވަގުތުވެސް މިސދަރަހައްދުގައި ކޯވިޑް އެންމެ ރަނގަޅަށް މެނޭޖްކޮށް، އިޤްތިޞާދު ހުޅުވިފައިވާ ޤައުމަކީ ރާއްޖެއަށް ވާއިރު، މިކަން ދެމެހެއްޓެވި ގޮތެއްގައި ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާއިރު، އިއްޔެ އަކީ މާލެ ސަރަހައްދުންވެސް މިވޭތުވެދިޔަ 4 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވައެވެ.
One Response
ތިއީ އެމެރިކާގެ ފައުސީ އެއްނޫން، ޔޯލަޔޯލަޔައް ވާހަކަ ދައްކާނެކަމެއްނެތް، ރަތްޔިތުން ތިމީހާދެކެ ވަރައްފޫހިވެއްޖެ. އަދިވެސް ބިރުދައްކަން އުޅެނީ