ވޯލްޑް ކަޕް 2026: ކޮންގޯގެ މައްޗަށް ކުރިހޯދައި ކޮލަމްބިއާ ދެވަނަ ބުރަށް

ވޯލްޑް ކަޕް 2026: ކޮންގޯގެ މައްޗަށް ކުރިހޯދައި ކޮލަމްބިއާ ދެވަނަ ބުރަށް

Author
އަހުމަދު
24 ޖޫން 2026 10:27
0

ފީފާ ވޯލްޑް ކަޕް 2026 ގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، ކޮލަމްބިއާއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މެކްސިކޯގެ އެސްޓާޑިއޯ ގުއާގަލަހަރާގައި ކުޅުނު މި ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 76 ވަނަ މިނެޓުގައި ކިންޓޭރޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޑެނިއަލް މުނިއޯޒްއެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ. މެޗުގެ ކުރީކޮޅު ކޮލަމްބިއާގެ ލުއިސް ޑިއާޒް އަދި ހަމޭސް ރޮޑްރިގޭޒް އުފެއްދި ހަމަލާތައް ކޮންގޯގެ ކީޕަރު ލިއޮނެލް އެމްޕާސީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައިވާއިރު، ފަހު ވަގުތު ކޮންގޯއިން ފޮނުވާލި ބާރު ހަމަލާއެއް ކޮލަމްބިއާގެ ކީޕަރު ވާގަސް ވަނީ މާޔޫސްކޮށްލާފައެވެ.

މި މޮޅާއެކު ކުޅުނު ދެ މެޗުންވެސް މޮޅުވެ، ގްރޫޕް 'ކޭ' ގެ އެއްވަނައިގައި 6 ޕޮއިންޓާއެކު މިހާރު އޮތީ ކޮލަމްބިއާއެވެ. ދެވަނައިގައި 4 ޕޮއިންޓާއެކު ޕޯޗުގަލް އޮތްއިރު، ކޮންގޯއަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. އަދި ފުލުގައި އޮތް އުޒްބެކިސްތާނަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މި މެޗުން ބަލިވި ނަމަވެސް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުޒްބެކިސްތާން ބަލިކޮށްގެން ދެވަނަ ބުރަށް ދިއުމުގެ އުންމީދު ކޮންގޯއަށް އަދިވެސް އެބައޮތެވެ. ގްރޫޕްގެ ފަހު މެޗުގައި ކޮލަމްބިއާ ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.