ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި ބޭންކިން ދާއިރާ ތަމްސީލްކުރާ މެންބަރުގެ ގޮތުގައި ގއ. ދާންދޫ، އަމާޒު، ޒައިނާ އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.
ޒައިނާ އަކީ ބޭންކިން، ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވާނަންސް ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަންނީ ބޭފުޅެކެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގަ އެވެ. މީގެ އިތުރުން ޒައިނާ ވަނީ މީގެ ކުރިން ޕީސީބީގެ ސީނިއަ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ދައުލަތުގެ ކުންފުނިތަކުގެ މާލީ ބަޔާންތަކާއި ބަޖެޓުތައް ދިރާސާކޮށް، ކުންފުނިތައް މޮނިޓާކޮށް އިވެލުއޭޓް ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
ތައުލީމީ ރޮނގުން ފާހަގަކޮށްލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިޔުކޭޝަން އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފަ އެވެ. އަދި އޭނާ ވަނީ އިންޑިއާގެ ޔުނިވަސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ވެސް ހާސިލުކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ