ދައުލަތުގެ ޓެކްސް ފައިސާއިން ހިއްކާ އެއްވެސް ބިމަކުން ވަކި ރަށެއްގެ ބަޔަކަށް އެކަނި ބިން ލިބޭ ގޮތަށް އުސޫލު ކަނޑައެޅުމަކީ ޤާނޫނާއި ޚިލާފް ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ހުޅުމާލެ އިން 60 ބިން ހަމައެކަނި މާލޭގެ މީހުންނަށް ގަނެވޭ ގޮތަށް ގެނައި ބަދަލަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ބުނެ އަނެއްކާވެސް މައްސަލަ ވަނީ ހޫނުވެފައެވެ. މާލެސަރަހައްދަކީ އަތޮޅު ތެރޭގެވެސް އެތައްހާސް ރައްޔިތުން ދިރިއުޅޭ، އަދި އެރައްޔިތުންގެ ބޮޑު ބައިވެރިވުމަކާއިއެކު ތަރައްޤީވެފައިވާ ސަރަހައްދަކަށްވާއިރު، މާލެ ސަރަހައްދުގައި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރު ވާންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ ޓެކްސް ފައިސާ، ރައްޔިތުންގެ ޓެކްސް ފައިސާއިން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހިއްކާ ބިންތަކުން މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ލިބެންޖެހޭކަމަށެވެ. ބިމުގެ ފައިދާ ވަކި ރަށެއްގެ ވަކި ބަޔަކަށް ލިބޭނެ ގޮތަށް އޮތުމަކީ ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ޚިލާފް ކަމެއްކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ދައުލަތުގެ ޓެކްސް ފައިސާ ޚަރަދުކޮށްގެން ހިއްކާފައި އޮންނަ އެއްވެސް ބިމަކުން ވަކިރަށެއްގެ ބަޔަކަށް އެކަނި ބިން ވިއްކުމަކީ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުކަމެއް.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ނުވަތަ އެނޫންވެސް ވިސްނަމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަގު މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެ ކަމާށެވެ.
ތިން އަހަރަށް ފަހު ހުޅުމާލެ އިން ބިން ވިއްކަން ހުޅުވައިލުމާ އެކު އެޗްޑީސީ އަށް ފުރަތަމަ ނުރުހުން އަމާޒުވީ، މާލޭގެ އެތައް ރައްޔިތުންތަކެއް ބޯހިޔާވަހިކަމަށް ޖެހިފައި ތިއްބައި މުއްސަނދިން އިތުރަށް މުއްސަނދި ކޮށްދޭން ބިން ވިއްކަން ހުޅުވައިލީ ކަަމަށް ބުނެ އެވެ.
ހުޅުމާލޭގެ ފޭސް ދެއަކުން ހުޅުވައިލީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށެވެ. ބިމުގެ އަގު ފެށޭ އަގަކީ އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ. މި ފާޑުކިއުންތަކުން އަރައިނުގަނެވި އުޅެނިކޮށް، އެޗްޑީސީން ކުއްލި ގޮތަކަށް ނިންމީ ބިންތައް ހަމައެކަނި މާލޭގެ މީހުންނަށް ގަނެވޭ ގޮތަށް ހެދުމަށެވެ.
ކޮމެންޓު ފޮނުވާ