މި ފެށުނު އާ އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށްވުރެ އެތައް ގުނައަކަށް ޙާޞިލްކުރެވޭނެ އަހަރެއް ކަމުގައި ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ގޮވާލެއްވީ މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
2022ވަނަ އަހަރު ފޭށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައި ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ، ނިމިގެންދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ޤައުމު ގެންދެވުނު އަހަރެއް ކަމަށެވެ. މުޅި ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަޙައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، ވަރަށް އެމަނިކުފާނުވަނީ ޝުކުރު ދަންނަވާފައެވެ.
އަހަރަކަށް އަލްވަދާޢު ކިޔައި، އައު އަހަރަކަށް މަރުޙަބާ ކިޔާއިރު، އަޅުގަނޑުމެން ކޮންމެ މީހަކުމެ ކުރާ އުންމީދުތަކަކާއި، ދެކޭ ހުވެފެންތަކެއް ހުންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޯވިޑުގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުމަށްކަމަށެވެ. އެއީ ޤައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖުތަމަޢު އެކުގައި ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޯވިޑުގެ ދަތިކަމުގެ ތެރޭގައިވެސް، މާތް ﷲގެ ވާގިފުޅާއި އެކަލާނގެ އޯގާވަންތަކަމުން، އަޅުގަނޑުމެންގެ ދިވެހިރާއްޖެ މިއަދު މިވަނީ، އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައިފައެވެ. ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ރުޖޫޢަވެވިފައިވިޔަސް، ކޯވިޑުގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން މުޅިން ފިލައިގެންދިޔައީ ނޫންކަން އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުވެސް ބަހައްޓަންވާނެއެވެ. އެހެންކަމުން، މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން.
– ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.
މިފެށުނު 2022ވަނަ އަހަރު އެންމެ މަތިވެރި ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުމަށްކަމަށާއި، ދެ ޖިންސުގެ ދިވެހި ޒުވާނުން ޤައުމީ ތަރައްޤީގައި ބައިވެރިވާ މިންވަރު އިތުރުވިވަރަކަށް، ތަރައްޤީގެ ދަތުރުގައި ޙާޞިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މި ފެށުނު އާ އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށްވުރެ އެތައް ގުނައަކަށް ޙާޞިލްކުރެވޭނެ އަހަރެއް ކަމުގައި ވާނެއެވެ. ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަޙްރޫމްވެފައި ތިބި އަސާސީ ޚިދުމަތްތައް، އެ ރަށްރަށުގައި ޤާއިމުކުރުމަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫޢެއް މި އަހަރުގެ ތެރޭގައި ނިމިގެންދާނެ.
– ރައީސް ވިދާޅުވިއެވެ.
ވަޒީފާއެއް އަދާނުކޮށް ނުވަތަ މަސައްކަތެއް ނުކޮށް އުޅޭ ކޮންމެ ފަރުދަކުވެސް، ކިތަންމެ އާދައިގެ ކަމަކުންވިޔަސް، ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މަސައްކަތެއް ކުރުމަކީ، ޤައުމީ ތަރައްޤީއަށް އިތުރު ދިރުމެއް އަންނާނެ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ޞާލީޙްވަނީ މިއަހަރަކީ ފާއިތުވެދިޔަ އަހަރުތަކަށްވުރެ، ހުރިހާ ގޮތަކުންވެސް ރާއްޖެއަށް ކާމިޔާބު އަހަރެއް ކަމުގައި ލައްވައި، ތިޔާގިކަމާއި ތަނަވަސްކަން ދިވެހިންނަށް މިންވަރު ކުރެއްވުމަށް ދުޢާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިތާބު ނިންމަވާލެއްވީ ކޯވިޑް-19ގެ ވަބާއިން އެންމެހައި ދިވެހިންނާއި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކުރައްވައި، ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމުގައި ލަހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ