ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން މަސްތުވާތަކެއްޗާއި ދެކޮޅަށް ޓާސްކްފޯހެއް

ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން މަސްތުވާތަކެއްޗާއި ދެކޮޅަށް ޓާސްކްފޯހެއް

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2021 04:30
0

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން މަސައްކަތް ކުރުމަށް ބާރުއެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ޓާސްކްފޯހެއް އުފައްދަވައި މަސައްކަތް ވަރުގަދަކުރައްވައިފިއެވެ.

ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ މިމަހުގެ ތެރޭގައި ފުލުހުން ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު 300 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މަސްތުވާތަކެތި ނައްތާލުމަށް ޢާއްމުންނަށާއި ނޫސްވެރިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޙަރަކާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހުން އެބަތިބިކަމަށެވެ. އޭގެތެރޭގައި ނުފޫޒުގަދަ މީހުން ހިމެނޭކަމަށާ މިއީ ބައިގަރުނު ވެފައިވާ ބޮޑު މައްސަލައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމައްސަލައަށް މިހާތަނަށް ޙައްލެއް ނުގެނެވި އޮތީ ކުރީގެ ސަރުކާރުތަކުން މިކަމުގައި ގެންގުޅުއްވާފައިވާ ސިޔާސަތުތަކުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއާ ޚިލާފަށް މިހާރު މިވަނީ މި ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރެއްވުމަށް، މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމާ ގުޅޭ އެކިއެކި އިދާރާތަކާއެކު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިވަގުތު ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާ މަޢުލޫމާތުތަކާއި ހޯދިފައިވާ ހުރިހާ ހޯދުމެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައި މުވައްސަސާތއް މެދުވެރިކޮށް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން މިހާރު މަސައްކަތް ފަށްޓަވާފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިކަމުގެ ނަތީޖާ 2022ވަނަ އަހަރުގެ ފުރަތަމަ ކޮޅު ފެނިގެންދާނެކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އެކަންކުރާ މީހުން އެކި އުކުޅުތައް ބޭނުންކުރަމުން އަންނަކަމަށެވެ. އަދި މުޖުތަމަޢުގައި އެކިކަހަލަ ބިރުވެރިކަން އުފައްދައި ގޭންގު ސްޓައިލަށް އުޅޭ އެކި މީހުން މިކަމުގައި ފާހަގަކުރެވޭއިރު ގޭންގުތައް ހުއްޓުވުމުގެ ޤަނޫނުގެ ދަށުންވެސް އެކަށީގެންވާ ގޮތެއްގައި މިމީހުންނާމެދު ފިޔަވަޅެއް އެޅެން ނެތްކަމަށް ސީޕީ ވިދާޅުވިއެވެ. ޤާނޫނަށް ބަދަލުގެނެސްގެން ނަމަވެސް މިކަމަށް ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވަމުން އަންނަކަން ސީޕީ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.