ޅ.މަޑިވަރަށް ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ޖައްސައިފި

ޅ.މަޑިވަރަށް ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ޖައްސައިފި

ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފިއެވެ. މިއަދު ހެނދުނު 09:50 ހާއިރު މަޑިވަރު އެއަރޕޯޓަށް ޓެސްޓް ފްލައިޓެއްގެ ގޮތުގައި ޖައްސާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ.

ފުރަތަމަ ފްލައިޓްގައި މަޑިވަރަށް ދިޔަ ފަރާތްތަކަށް ވަނީ އެ އެއަރޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައެވެ. މިގޮތުން ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި، ފްލައިޓުގެ ކްރޫއާއި، ޓެކްނިކަލް ޓީމުގެ ބޭފުޅުންނަށް އެއަރޕޯޓުން ރަސްމީކޮށް މަރުހަބާ ކިޔާފައިވަނީ، ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗަމްޕާ ބްރަދާސްގެ ޗެއަރމަން މުޙައްމަދު މޫސާ (އުއްޗު)އެވެ. މުޙައްމަދު މޫސާގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މަޑިވަރު އެއަރޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

މިކަމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ 29 މެއި 2018 ގައެވެ. މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީންނެވެ. ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން ބީ.ޔޫ.ސީ.ޖީއާއި މި މަސައްކަތް ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 17 ސެޕްޓެމްބަރު 2018 ގައެވެ.

މި މަޝްރޫޢުގެ ދަށުން މަޑިވަރުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ވަނީ ތަރައްޤީކޮށްފައެވެ. މަޑިވަރު އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ކާމިޔާބުކަމާއެކު ޖައްސާފައިވާއިރު، އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރެއްދޫ ހޯލްޑިންގްސްއިން ދަނީ ވަމުންނެވެ.

އެގޮތުން އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާ، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ގެންގޮސް ވަނީ އިންސްޓޯލްކޮށް ނިމިފައެވެ. އަދި އެއަރޕޯޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ޅ. އަތޮޅުގައި މީހުން ދިރިއުޅޭ 4 ރަށް އޮންނައިރު، 13،000 އަށްވުރެ ބޮޑު އާބާދީއެއް އެ އަތޮޅުގައި އޮވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *