ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ ޝަރީއަތް ފަށަނީ

ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ ޝަރީއަތް ފަށަނީ

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2021 09:52
0

ވ.އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިމައްސަލައިގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މިފެށޭ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގައެވެ. އާރަށުގެ މައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ

ޕީޖީ އޮފީހުން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް މިމައްސަލާގައި ދައުވާ ކޮށްފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)މެދުވެރިކޮށް، ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަންގަވައި ރައީސް ޔާމީން އެފައިސާ ލޯންޑަރ ކުރައްވާފައިވާކަމަށް ތުޙުމަތުކުރެވޭތީކަމަށެވެ.

މިމައްސަލައަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށް ދަޢުވާކުރަން ވަނީ ފޮނުވާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ އިތުރުން ދަށު ކޯޓްގައި މިހާރު ވެސް އެމަނިކުފާނަށް ދައުވާ އިތުރު މައްސަލައެއް ކުރިއަށް އެބަދެ އެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް 2019ވަނަ އަހަރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި ޙުކުމުން އެމަނިކުފާނު ވަނީ މިނިވަންވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.