ބޮލީވުޑްގައި ކުޅިވަރުގެ ފިލްމުތަކަށް މިހާރު ދޭ ސަމާލުކަން ވަރަށް ބޮޑެވެ. އެގޮތުން ކުރިއަށް ނެރުމަށް އޮތް ދެ ފިލްމެއް ކަމުގައިވާ "83″ އާއި "ޖާޒީ" އަކީ ކްރިކެޓްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދެ ފިލްމެވެ.
ރަންވީރު ސިންގްގެ "83″ މިއަދު ޕްރިމިއާ ކުރާއިރު އެ ފިލްމްއަކީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުން ތެރިއާ ކަޕިލް ދޭވްގެ ބަޔޮޕިކެކެވެ. މި ފިލްމުން ކަޕިލްގެ ރޯލުން ރަންވީރު ފެނިގެންދާއިރު ކަޕިލްގެ އަންހެނުންގެ ރޯލުން ފެނިގެން ދަނީ ރަންވީރުގެ އަންހެނުން ދީޕިކާ ޕަޑުކޯނެވެ.
މިއީ ކޯވިޑްގެ ސަބަބުން ނުނެރެވި ދިގު ދެމިގެން ދިއަ ފިލްމެކެވެ. ދެތިން ފަހަރަކު އެޅުވުމަށް ތާވަލު ކުރި ނަމަވެސް ފިލްމު އެޅުވުން މަޑުޖެހެމުން ގޮސް މިއަދު ބެލުންތެރިންނާ ހަމައަށް އަންނާނެއެވެ.
ކަބީރު ހާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ރަންވީރު ކުޅެފައި ވަނީ ކްރިކެޓް ވޯލްޑް ކަޕް ފުރަތަމަ ފަހަރު އިންޑިއާ ކާމިޔާބުކުރި އިރު، އެ ގައުމުގެ ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ. ދީޕިކާ ކުޅެފައި ވަނީ ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ
ދެން އޮތް ފިލްމް އަކީ ޝާހިދު ކަޕުރު "ޖާޒީ"އެވެ. ތެލެގޫ ފިލްމު "އަރުޖުން ރެޑީ" އަސްލަކަށް ބަލައިގެން ހަދާ މި ފިލްމައަކީވެސް ކްރިކެޓްގެ ވާހަކައެއް ކިޔައިދޭ ސްޕޯޓްސް ޑްރާމާއެކެވެ. މި ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މި އަހަރު އެންމެ ފަހު ދުވަސް ކަމުގައިވާ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށެވެ. މި ފިލްމް ގެ ލީޑުން ޝާހިދު އާއި އެކު ފެނިގެން ދާނީ މުރުނާލް ޓާކުރްއެވެ.
ފޭނުން މި ދެ ފިލްމަށް އިންތިޒާރު ކުރަމުން އަންނަ އިރު ކްރިކެޓް ގެ އިތުރު ފިލްމެއް މި ވަނީ އަނެއްކައިވެސް އިއުލާން ކޮށްފައެވެ. އެއީ އަރަމުން އަންނަ ޒުވާން އެކްޓަރު ކާތިކް އާރިޔާން ލީޑުން ފެނިގެން ދާނެ ފިލްމެކެވެ.
މި ފިލްމާއި ގުޅޭ މާގިނަ މައުލޫމާތެއް އަދި މީޑީއާއާ ހިއްސާ ކޮށްފައިއެއް ނުވެއެވެ. ނަމަވެސް ކާތިކްގެ އިންސްޓަގްރާމްގައި ވީޑިއޯ ކޮޅެއް ހިއްސާކޮށް "ކަމިންގ ސޫން" ފިޔަވައި އިތުރު މައުލޫމާތެއް ކާތިކްވެސް ހިއްސާކޮށްފައެއް ނުވެއެވެ.
ދުވަހެއް ދުވަހަކަށް އާންމުނެގެ ތަރުހީބު ހޯދަމުން އަންނަ ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ "ދަމާކާ"އެވެ. ބޮޑު ކާމިޔާބެއް ލިބުނު މި ފިލްމާއެކު އަނެއްކާވެސް ތަފާތު ރޯލަކުން ބެލުންތެރިންނާ ބައަދަލު ކުރަން ތައްޔާރު ވާއިރު މިހާރުވެސް އޭނާ އަތުގައި ބޮޑެތި ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ.