ވެމްކޯ ބަލިކޮށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ފުޓްސަލް ފިއެސްޓާގެ ތަށި އެމްޕީއެލް އިންމިލްކުކޮށްފިއެވެ.
އަންހެން ޑިވިޝަންގެ ތަށި އެމްޕީއެލް އިން މިލްކު ކުރުމާއެކު އެޓީމު ވެގެންގޮސްފައިވަނީ އަންހެން ޑިވިޝަންގެ ތަށި މިލްކުކުރި ފުރަތަމަ ޓީމަށެވެ.
މިރޭ ކުޅުނު ފައިނަލް މެޗުގައި އެމްޕީއެލް އިން ވެމްކޯގެ މައްޗަށް ކުރިހޯދީ ފާތިމަތު ޖޫޒާން ޒަރީރު ޖެހި 5 ގޯލާއެކު 4-7 ގެ ނަތީޖާއާ އަކުންނެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެމްކޯއިންނެވެ. މި ލަނޑު ވެމްކޯއަށް ކާމިޔާބުކޮށްދިނީ،ތައިލެންޑްގެ ޑަރިކާއެވެ. އަދި ދެވަނަ ހާފް ފަށައިގެން އޭނާ ވަނީ އިތުރު ލަނޑެއް ވެމްކޯއަށް ކާމިޔާބުކޮށްދީ ލީޑު ފުަޅާކޮށްފައެވެ.
ވެމްކޯއިން ދެ ލަނޑުގެ ލީޑެއް ނެގިފަހުން އެމްޕީއެލުން ވަނީ ކުޅުން ރަނގަޅުކޮށް އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑުކާމިޔާބުކޮށްދިނީ ފައިނަލް މެޗުގެ މޮަލު ކުޅުންތެރިޔާގެ މަގާމް ހޯދި ފާތިމަތު ޖޫޒާން ޒަރީރުއެވެ. އެމްޕީއެލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މި މުބާރާތުގައިމޮޅު ކުޅުމެއް ދެއްކި ފާތިމަތު ޝާލިޔާއެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރިތާ މާގިނައިރުތަކެއް ނުވަނީސް އެމްޕީއެލްގެ ޝާމިލާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާއެމްޕީއެލް ކޮޅަށް އަނބުރާލާފައެވެ. ނަމަވެސް ވެމްކޯގެ ޑަރިކާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފައެވެ.
ވެމްކޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިފަހުން އެމްޕީއެލްގެ ޖޫޒާން ވަނީ އިތުރު ދެ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. ލީޑު ފުޅާކުރިފަހުން ވެމްކޯގެ މަރިޔަމް ނޫރާ ވަނީލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ޖޫޒާން ވަނީ އިތުރު ދެ ލަނޑު ޖަހާ އެމްޕީއެލް ޓީމު ހަމައަކަށް އަޅުވާފައެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ އެމްޕީއެލްގެ ޝާލިޔާއެވެ. އެންމެ ގިނަގޯލު ޖެހީ 21 ލަނޑު ޖެހި ސިފައިންގެ ޓީމުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސަބީނާ ކަތުން އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ މަޓްސުޝިމާސުމައްޔާ އެވެ. ފެއާ ޕްލޭ ޓީމުގެ ޓްރޮފީ ޓްރޭޑް ކްލަބަށް ލިބުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު ނިޔާޒްއެވެ.
މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ އެމްޕީއެލްގެ މަދީނާ، ސާލިޔާ އަދި ގޯލްކީޕަރު އަޒަަމްގެ އިތުރުން ވެމްކޯގެ ޑަރިކާ އާއި ކަސޭސީއެވެ.