އެހެން އެއަރލައިންތަކުގެ ބޯޓު ޗާޓަރކުރުމަކީ އަބަދުވެސް މޯލްޑިވިއަނުން ކުރާކަމެއް: މިހާދު

އެހެން އެއަރލައިންތަކުގެ ބޯޓު ޗާޓަރކުރުމަކީ އަބަދުވެސް މޯލްޑިވިއަނުން ކުރާކަމެއް: މިހާދު

Author
މުޙައްމަދު ޖިމީ
18 ޑިސެމްބަރ 2021 06:05
0

އެހެން އެއާލައިންތަކުން މަތިންދާބޯޓުތައް ޗާޓަރުކޮށްގެން ދަތުރުކުރުމަކީ އެކުންފުނިން އަބަދުވެސް ކުރަމުން އަންނަކަމެއްކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

މިހާދު މިހެން ވިދާޅުވެފައިމިވަނީ، ޤައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓުތައް ގުރައުންޑުވެ މަރާމާތުނުކުރެވުމުގެ ސަބަބުން އެހެން އެއާލައިންތަކުން މަތިންދާބޯޓުތައް ޗާޓަރުކޮށްގެން ދަތުރުކުރަން ފަށާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

މިހާދު ވިދާޅުވީ، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބައެއް ބޯޓްތަކުގެ ޝެޑިއުލް މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްދާތީ އަމިއްލަ އެއަރލައިންތަކުގެ ބޯޓްތައް ޗާޓަރކޮށްގެން އެކުންފުނިންދެމުންގެންދާ ޚިދްމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާކަމަށެވެ.

ބޯޓް ޗާޓަރ ކުރުމަކީ މިކުންފުނިން ކުރިންވެސް ކުރަމުންދާކަމެކެވެ. އެހެންއެއަރލައިނުން މޯލްޑިވިއަންގެ ބޯޓުތައްވެސް ސީޒަންތެރޭގައި ޗާޓަރ ކުރުމަކީވެސް އާންމުކޮށް ހިނގާކަމެކެވެ. މިގޮތުން މިކުންފުނީގެ ސީޕްލޭން ބޯޓުތައްވެސް އަމިއްލަ އެއަރލައިންތަކުން ޗާޓަރ ކުރެއެވެ.

– މުޙައްމަދު މިހާދު

މޯލްޑިވިއަންއަށް މި އަހަރުގެ ދެވަނަ ކުއާޓާގައި 99 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އަދި އެ ކުންފުނީގެ މާލީ ޙާލަތު އިންތިހާއަށް ދަށަށް ގޮސް ކުންފުނީގެ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.