އިންޑިއާ އައުޓް ކިޔޭނެ، ކިޔާނެ، އެ ކަމެއް ނުހުއްޓުވޭނެ: އަދުރޭ

އިންޑިއާ އައުޓް ކިޔޭނެ، ކިޔާނެ، އެ ކަމެއް ނުހުއްޓުވޭނެ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2021 01:14
0

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭއްލުމަށް ހިންގާ ހަރަކާތުގައި އިންޑިޔާ އައުޓް ކިޔޭނެ ކަމަށާއި، އެކަމެއް ދެން ނުހުއްޓުވޭނެކަމަށް އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތްތައް އަތޮޅު ތެރޭގައި ފެށުމަށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ކެމްޕެއިނާއި ގުޅިގެންނެވެ. ރައީސް ޔާމީން އިއްޔެ ގުރައިދޫއަށް ވަޑައިގެންނެވިއިރު ލައިގެން ހުންވީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެކެވެ. މިއާއިއެކު ސަރުކާރުގެ އިސްވެރިންނަށް މިކަމަކީ ބަލައި ގަނެވޭ އަދި ހަޖަމް ކުރެވޭ ކަމަށް ވަނީ ނުވެފައެވެ.

މިކަމާއި ގުޅިގެން މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާއި އައުޓު ނުކިޔޭނެކަމަށް ވިދާޅުވެފައެވެ. އަދި މިހަރަކާތަކީ ބަލައި ގަނެވޭ ހަރަކާތެއް ނޫންކަމަށް ވިދާޅުވެ، މިކަމާއި ނަޝީދު ވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ފަށާފައިވާ ކެމްޕެއިން ހުއްޓުވުމަކީ ދެން ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ގޮވާލުންވެސް އަދި އެހަރަކާތްވެސް ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. ރާއްޖޭގައި މިއަދު އިންޑިއާއިން އަދާކުރަމުންދާ ދައުރަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ނޯޅޭ ކަމަށާއި، އެކަން ސާފުނުވާ ދިވެހި ރައްޔިތަކު މިހާރު ނެތްކަމަށް އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް އިންޑިޔާގެ ދައުރު ދިވެހި ރައްޔިތުންނަށް އޮޅިފައި ނެތީމަ ރައްޔިތުން އިންޑިޔާ އައުޓް ކިޔަނީ. ރައްޔިތުންނަށް އިންޑިޔާ އައުޓް ކިޔޭނެ. ކިޔާނެ. އެ ކަމެއް ނުހުއްޓުވޭނެ. އެ ކަން ދާނީ ކުރިއަށް. ދިވެހި ރައްޔިތުން މިތިބީ ހޭލާ .މީ ދިވެހީންގެ ދިވެހި ރާއްޖެ.

– އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާ އައުޓް ކެމްޕެއިން ދެން ނުހުއްޓުވޭނެކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހިންގުމުގައި އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިހަރަކާތަކީ ދެން ހުއްޓުވޭނެ ހަރަކާތެއް ނޫންކަމަށެވެ. ދިވެހި އެތައް ރައްޔިތުން މިހަރަކާތާއި ގުޅި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ހަރަކާތަކީ މަދު ބަޔަކު ހިންގާ ހަރަކާތެއްކަމަށް ބުނި ނަމަވެސް މިހާރު މިއީ ކިހާ ބަޔަކު ހިންގާ ކިހާބޮޑު ހަރަކާތެއްކަން ސަރުކާރަށް އެނގޭނެކަމަށެވެ.

އިންޑިއާ އައުޓު ހަރަކާތަކީ ފާއިތުވެދި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އެންމެ ވަރަގަދަ އަސާސެވެ. މި ސަރުކާރުން އިންޑިއާ ސިފައިންނާ އެކީ ކޮށްފައިވާ އެގްރީމަންޓްގެ އަސްލުތައް ހޯދުމަށާއި، އަދި އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމުގެ މަގު ފަހިވެފައިވާކަމަށް ބުނެ، އިދިކޮޅު ޕާޓީން ކުރިޔަށްގެންދިޔަ ހުރިހާ ސިޔާސީ ހަރާކާތެއްގައިވެސް ވަނީ މި ގައުމު އަޅުވެތި ކޮށްފައިވާ ކަމަށް ވަކާލާތުކޮށް، ގައުމުގެ މިނިވަންކަން މިސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ގިނަބަޔަކަށް ވިސްނޭ މިންވަރަށް މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.