ޣައިރު މުސްލިމުންގެ ޢީދުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫން: ޚުޠުބާ

ޣައިރު މުސްލިމުންގެ ޢީދުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫން: ޚުޠުބާ

Author
މުޙައްމަދު ޖިމީ
17 ޑިސެމްބަރ 2021 01:14
0

ޣައިރު މުސްލިމުންގެ ޝިޢާރުތައް ފާޅުކޮށް، އެބައިމީހުންގެ ޢީދުތަކުގައި ބައިވެރިވުމަކީ، މުސްލިމުންނަށް ހުއްދަވެގެންވާ ކަންކަމެއް ނޫންކަމަށް ބަޔާންކުރައްވާ އެކަމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު "ބުއްދީގެ އަހުލުވެރިންނޭވެ ފަހެ، ތިޔަބައިމީހުން ޢިބްރަތް ލިބިގަންނާށެވެ" މި މައުޟޫއަށް ދެއްވި ހުކުރު ޚުޠުބާގައި ވަނީ، ޢާއްމު ގޮތެއްގައި މިދުނިޔޭގައި ދިރި އުޅެވޭނީ ފަސްދޮޅަސް ނުވަތަ ހަތްދިހަ ވަރަކަށް އަހަރުކަމަށާއި، ނުވަތަ އެއަށްވުރެ މަދު ދުވަސްކޮޅެއްގައިކަމަށް ވިދާޅުވެފައެވެ.

ކުޑަދުވަސްކޮޅެއްގެ ފަހުން މިދުނިޔެއަށް އަލްވަދާޢު ކިޔަންޖެހޭނެކަން ބަޔާންކުރައްވާ ޚުޠުބާގައި ވަނީ އެއީ ބުއްދި ސަލާމަތުންހުރި އެއްވެސް މީހަކު އިންކާރުކުރާނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އެ މީހެއްގެ ޢުމުރުގެ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކޮށްފި މީހަކީ، މާތް ﷲގެ އިރާދަފުޅުން އަބަދުގެ އަބަދަށް ސުވަރުގޭގެ ނިޢުމަތުގައި ދެމިހުންނާނެ މީހެއްކަމަށާއި، ނަމަވެސް ﷲ ޙަރާމް ކުރައްވާފައިވާ ކުރުމުގައި އެމީހެއްގެ ޢުމުރު ހޭދަކޮށްފި މީހަކީ ﷲގެ ކޯފާއާއި، ޢަޛާބަށް ހުށަހެޅިގެންދާނެ މީހެއްކަމަށް ވިދާޅުވިއެވެ.

އަދި އަހަރެމެން މިދުނިޔޭގައި ކުޅަ ޢަމަލުތައް އަހަރެމެންނާ ބައްދަލުކުރާނެކަމަށާއި، ފުރިހަމަ މުސްލިމަކަށް މީހާ ވަނީ އާޚިރަތް ދުވަހަށް އީމާންވުމުންނާއި ފޮތްތަކަށް އީމާންވުމުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ހަމައެކަނި ﷲގެ އެއްކައުވަންތަކަމަށް އީމާންވުމަކުން ނުފުދޭނެކަމަށާއި، އާޚިރަތް ދުވަހު ހުރިހާ މަޚްލޫޤާތުތައް މަޙްޝަރު ކުރެވޭނެކަމާއި، ޙިސާބު ބެއްލެވޭނެކަން ވެސް ޤަބޫލުކުރަން ޖެހޭކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެދުވަހަކީ، މުދަލަކުން އަދި ދަރިޔަކުން ވެސް މަންފާކުރާނެ ދުވަހެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ޤައުމެއްގައި ނުވަތަ މުޖުތަމަޢެއްގައި މުންކަރާތްތައް ހިނގަމުންދާނަމަ، އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހެއެވެ. އެތަނެއްގައި މުންކަރާތްތައް މަނާނުކުރެވޭނަމަ އެއީވެސް ﷲގެ ކޯފާ އަންނާނެކަމެއްކަމަށްވެސް ޚުޠުބާގައި ވިދާލުވިއެވެ.

 ރަސޫލުﷲ ޞާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އެބައެއްގެ ތެރޭގައި ފާފަތައް ކުރަމުންދާއިރު، އެބަޔަކަށް އެފަދަ ކަންތައްތައް ހުއްޓުވުމަށް
ކުޅަދާނަވެފައި އެކަންތައްތައް ނުހުއްޓުވައިފިނަމަ، އެބައެއްގެ މައްޗަށް ޢާއްމުވެގެންވާ ކޯފާއެއް ﷲ ފޮނުއްވުން ގާތެއެވެ.

– ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވަނީ ޣައިރު މުސްލިމުންގެ ހަރަކާތްތަކުގައި ބައވެރިވެ އެމީހުންގެ ޝިޢާރު ފާޅުކުރުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫންކަމަށްވެސް ބަޔާންކޮށްފައެވެ.

މުސްލިމް އަޚުންނޭވެ! ޣައިރުމުސްލިމުންގެ ޝިޢާރުތައް ފާޅުކޮށް، އެބައިމީހުންގެ ޢީދުތަކުގައި ބައިވެރިވުމަކީ، މުސްލިމުންނަށް ހުއްދަވެގެންވާ ކަންކަމެއް ނޫނެވެ. އެއީ،
އެބައިމީހުންގެ ކުފުރާއި، ޝިރުކުގެ ޝިޢާރުތައް ފާޅުކޮށް، އެފަދަ ޢަމަލުތައް ހިންގުމަށް ވާގިވެރިވެ އެހީތެރިވުމުގެ ތެރެއިންވާ ކަންކަމެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވަތްތެރި ވުމުގެ މައްޗަށް، ތިޔަބއިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ!"

– ހުކުރު ޚުޠުބާ

ޚުޠުބާގައި ވަނީ ޢުމުރުގެ ބާކީ އޮތް ދުވަސްތަކަކީ ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭ ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ. ހެޔޮ ޢަމަލުކޮށްގެން މެނުވީ އާޚިރާތް ބާއްޖަވެރި ނުވާނެކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ޣައިރު މުސްލިމުންގެ ޢީދުގައި ބައިވެރިވުމަކީ ހުއްދަ ކަމެއް ނޫންކަމަށް ބަޔާންކޮށް އެފަދަ ޢަމަލުތަކުން ދުރުވުމަށް މުސްލިމުންނަށް ގޮވާލާފައި މިވަނީ، މިދުވަސްވަރަކީ ހުޅަނގުގެ ނުވަތަ ޣައިރު މުސްލިމުންގެ ޚާއްޞަ ކްރިސްމަސް ފާހަގަކުރުން ކުރިއަށްދާ ދުވަސްވަރަކަށް ވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.