އޭސީސީ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާ މަޖިލިސް ޖަލްސާ ބާއްވަނީ

އޭސީސީ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާ މަޖިލިސް ޖަލްސާ ބާއްވަނީ

އޭސީސީ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާ މަޖިލިސް ޖަލްސާ ބާއްވުމަށް ތާވަލްކޮށްފިއެވެ.

މާދަމާގެ ޖަލްސާ ބޭއްވުމަށް ނިންމައި، ޖަލްސާގެ އެޖެންޑާވެސް މިހާރުވަނީ މެމްބަރުންނަށް ފޮނުވާފައެވެ. މަޖިލިސް މިއަހަރުގެ ޗުއްޓީއަށް ގޮސްފައިވަނިކޮށް ދައުރުން ބޭރުން މިޖަލްސާ ބާއްވަނީ އޭސީސީގެ 4 މެމްބަރުން މަޤާމުން ވަކި ކުރުމުގެ މައްސަލަ މިނިވަން މުއައްސަސާ ކޮމެޓީން ނިންމާފައިވާގޮތަށް ކުރިއަށް ގެންދިއުމަށެވެ.

މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާގޮތުން ކޮމެޓީން ނިންމާފައިވާ މައްސަލާގައި މަޖިލީހުން ތަޅުމުން ރުހުން ދިނުމުން، ކޮމެޓީން މެމްބަރުން ވަކި ކުރުމަށްޓައި ކުރަންޖެހޭ މަސައްކަތް ކުރުމަށްފަހު، މަޖިލިސް ތަޅުމަށް ހުށަހެޅުމުން، މެމްބަރުން ވަކި ކުރުމަށް ވޯޓަށް އަހައި، މަޖިލީހުގެ މެމްބަރުންނަށް ފެންނަ ގޮތަކަށް މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ނިމިގެންދާނެއެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުއެވެ. ކޮމިޓީން ވަނީ މިއަދު އޮޓިޓަރ ޖެނެރަލްއާއިއެކުވެސް ބައްދަލުކޮށް އޮޑިޓްގެ މަސައްކަތް ކުރިއަށް ދިޔަގޮތުގެ ތަފްސީލް ދެއްވާފައެވެ. ނަމަވެސް މިބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

އޭސީސީގެ މިހާރު ތިއްބެވި މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަޖިލީހުގެ ތަޅުމަށް ކޮންމެ ނަމެއް ވަކިވަކިން ހުށަހެޅުމަށްފަހު، ވަކިކުރަން ފާސްކުރާ ނަންތަން ކޮމިޓީއަށް ފޮނުވުމުން އެބޭފުޅުންގެ ތަހުގީގީ މަރުހަލާ ހިންގައިގެންނެވެ. މަޖިލީހުން ޖަލްސާތައް މިއަހަރަށް ނިންމާލާފައިވުމުން މިމަސައްކަތް ދެން ކުރިއަށްގެންދެވޭނީ އަންނަ އަހަރުގެ މަޖިލިސްގެ ދައުރު ފެށުމަށްފަހުއެވެ.

އޭސީސީގެ 5 މެމްބަރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ކޮމިޝަންގައި މިވަގުތު ތިބި މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އިބްރާހިމް ޝަކީލްގެ އިތުރުން ޢާއިޝަތު ޢަބްދުﷲއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *