ވެމްކޯ އާއެކު އެމްޕީއެލް ފައިނަލަށް

ވެމްކޯ އާއެކު އެމްޕީއެލް ފައިނަލަށް

މިހާރު ކުރިޔަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ވެމްކޯ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ވެމްކޯ ނުކުތީ ވަރުގަދަ ސިފައިންގެ ކްލަބާއި ދެކޮޅަށެވެ. މި މެޗު ފަހަތުން އަރައި ވެމްކޯއިން ކާމިޔާބުކުރީ 5-7 ގެ ނަތީޖާއަކުންނެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޕޮލިސް ކްލަބްގެ މައްޗަށް ޗެމްޕިއަން އެމްޕީއެލް ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.

ދިވެހި ސިފައިންގެ ކްލަބާއި ވެމްކޯ ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ސިފައިންގެ ކްލަބުން ޖެހި ފަސް ލަނޑުގެ ތެރެއިން މަރްޔަމް ރިފާ ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ބަންގްލަދޭޝްގެ މަޓްސޫޝީމާ ސުމައްޔާއެވެ. ވެމްކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ދަރީކަ ޕީންޕައިލުން އާއި ޝަހްލާ ތައުފީގް އިތުރުން މަރްޔަމް ނޫރާ އާއި ތައިލެންޑްގެ ވަނަޕޯން ކަސަޔަސީއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ އެމްޕީއެލުން ވަނީ ފަސޭހަކަމާއެކު ޕޮލިސް ބަލިކޮށް ފައިނަލަށް ދަތުރުކޮށްފައެވެ. މިއާއެކު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ތަށި މިލްކް ކުރުމުގެ ފުރުޞަތު އެމްޕީއެލްއަށް ވަނީ ފަހިވެފައެވެ. ރޭގެ މެޗުގައި އެމްޕީއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، އުޒްބެކިސްތާންގެ ފޯވާޑް މަދީނާ ފެޒިލޮވާ، ފާތިމަތު ސާލިޔާ އަދި ޖޫޒާން ޒަރީރުއެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ އޮންނާނީ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތަކެވެ. އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *