މިހާރު ކުރިޔަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަދި ފެނަކަ އިން ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލަށް އާރްއާރްސީ ދަތުރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި އެމްޕީއެލް އާއި ވާދަކޮށް 2-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ފެނަކަ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި އެސްޓީއޯ އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ރޭ އާރްއާރްސީ އާއި އެމްޕީއެލް ވާދަކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާރްއާރްސީންނެވެ. މި ލަނޑަކީ އެމްޕީއެލްގެ ނާއިހް މުފީދު ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެއެވެ. އާރްއާރްސީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އާދަމް ނާސިހުއެވެ. އޭގެ ފަހުން އެމްޕީއެލްގެ އަހުމަދު ނިޒާމް ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ، ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް ފަސް ފައުލް ހަމަވެގެން ދެންކުރި ހަވަނަ ފައުލްގައި އާރްއާރްސީއަށް ލިބުނު ޕެނަލްޓީއަކުން އާދަމް ނަސީހު ވަނީ އަނެއްކާވެސް ލީޑު ފުޅާކޮށްފައެވެ. މެޗުގައި އެމްޕީއެލުން ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު ޔަފާއުއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ޓީމް ފެނަކަ އާއި އެސްޓީއޯއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް ވަނީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު، 1-3 ގެ ލީޑެއްގައި އޮތީ ފެނަކައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފެނަކައިންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އަޖުވަދުއެވެ. އޭގެ ފަހުން އަޔާޒް އަހުމަދު ވަނީ ފެނަކަ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އަޔާޒް ވަނީ އިތުރު ލަނޑެއް ޖަހާ ފެނަކައަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެސްޓީއޯގެ އަލީ އިފާޒް ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ދެވަނަ ހާފް ފަށައިގެން އެސްޓީއޯއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން އެސްޓީއޯގެ ދެވަނަ ލަނޑު އިސްމާއިލް ވަޖީހު އެސްޓީއޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ، މުހައްމަދު ޝާހުއެވެ. ނަމަވެސް މެޗު ނިމެން ވަރަށް ކައިރިވެފައިވަނިކޮށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޔާޒް އަޙުމަދު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ފެނަކައިގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެސްޓީއޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ފައުލް ހަމަވެގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެސްޓީއޯއަށް ކާމިޔާބުކޮށްދިނީ، އަމީން އިބްރާހިމްއެވެ. މި ލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފެނަކަ މޮޅުވީ 5-4 އިންނެވެ.
މި ނަތީޖާއާއެކު މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ފެނަކަ ވާދަކުރަން ޖެހޭނީ އާރްއާރްސީއާއެވެ.