އަވަހާރަވި އިންޑިއާގެ ޑިފެންސް ޗީފްގެ ހަށިގަޑު ރަސްމީ އިއްޒަތުގައި އަންދާލައިފި

އަވަހާރަވި އިންޑިއާގެ ޑިފެންސް ޗީފްގެ ހަށިގަޑު ރަސްމީ އިއްޒަތުގައި އަންދާލައިފި

Author
ހުސެއިން
10 ޑިސެމްބަރ 2021 07:12
0

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވި އިންޑިއާގެ ޑިފެންސް ޗީފްގެ، އިންޑިއާގެ ދިދައާއި މާފަތިތަކުން ޒީނަތްތެރި ކޮށްފައިއޮތް ސަންދޯއް، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުތަކުން ދަތުރުކޮށް ގެންދިއުމަށްފަހު، ހުކުރު ދުވަހު ހަށިގަޑު ރަސްމީ އިއްޒަތުގައި އަންދާލައިފިއެވެ.

ޖެނެރަލް ބިޕިން ރަވަޓް، 63، އާއި އޭނާގެ އަނބި ކަނބަލުންނާއި އަދި އިތުރު އަސްކަރީ 11 އޮފިޝަލަކު ވަނީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަންގާރަ ދުވަހު މަރުވެފައެވެ.

ޑިފެންސް ޗީފްއާއި އޭނާގެ އަނބި ކަބަލުން ހަށިގަޑު އަންދާލާފައިވަނީ ދެ ސަންދޯއްވެސް އެކީގައެވެ. ދެ ބޭފުޅުންގެ ހަށިގަޑު އަންދާލުމުގެ ކުރިން ދެ ބޭފުޅުންގެ ޝަރަފުގައި 17 ބަޑީގެ ސަލާމެއްވަނީ އަރުވާފައެވެ. މި ބަޑިތައް ޖަހާދީފައިވަނީ މި ދެމަފިރިންގެ އަންހެން ދަރިންނެވެ.

ޖެނެރަލް ރަވަޓްއަކީ އިންޑިއާގެ ފަރސްޓް ޗީފް އޮފް ޑިފެންސް ފޯރސްއެވެ. މި މަގާމަކީ އަސްކަރިއްޔާގައި އޭނާއަށް އުފައްދާފައިވާ މަގާމެކެވެ. އޭނާ ފާހަގަވެގެން ގޮސްފައިވަނީ، ގިނަ ކަންކަމުގައި ފާޑު ވިދާޅުވާ، އަދި ގިނަ ބައެއްގެ ފާޑުކިއުންވެސް އޭނާއަށް އަމާޒުވާ އެހެންނަމަވެސް މަޝްހޫރު ބޭފުޅެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ބަޑުވަޒީރު މޯޑީއާވެސް ވަރަށް އަރިސް ބޭފުޅެކެވެ.

ރަވަޓްގެ ހަށިގަޑު ރަސްމީ އިއްޒަތުގައި ދިއްލީގެ މަގުތަކުގައި ގެންދަނީ

އިންޑިއާއިންވަނީ އޭނާއަށް ފުރިހަމަ އަސްކަރީ އިއްޒަތް އަރުވާފައެވެ. އަދި އޭނާގެ ސަންދޯއް ގެންގޮސްފައިވަނީ، އަސްކަރީ އުޅަނދުތަކުގައި، އަސްކަރީ ސިފައިންގެ ސަފުތަކުގެ މެދުން ލާފައެވެ.

އިންޑިއާގެ އެއަރ ފޯރސްއިން ހުކުރު ދުވަހު ބުނެފައިވަނީ ހެލިކޮޕްޓަރ ވެއްޓުނު ހާދިސާ ތިން މުވައްސަސާއެއް އެކުވެގެން މިހާރު ދަނީ ތަހުގީގް ކުރެވެމުން ކަމުގައެވެ. މި ހާދިސާގައި ސަލާމަތް ވެފައިވަނީ އެންމެ މީހެކެވެ.

ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވަޓްއަކީ އިންޑިއާގެ އަސްކަރިއްޔާގައި އެތައް ޒަމާނެއް ވަންދެން ޚިދުމަތް ކޮށްފައިވާ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ.

40 އަހަރަށްވުރެ ދިގު މުއްދަތަކަށް އިންޑިއާގެ އަސްކަރިއްޔާއަށް ޚިދުމަތް ކޮށްފައިވާ ޖެނެރަލް ބިޕިން ރަވަޓްއަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ސަރަހައްދުގައި ތިބޭ އިންޑިއާ ސިފައިންގެ އިސް ކޮމާންޑަރުގެ ގޮތުގައިވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.