ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ދެވަނަ މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ވޭލިއަންޓު ބޮޑު ތަފާތަކުން ބަލިކޮށް، ސިލްވާ ސްޕޮޓް ބޮޑު މޮޅެއް ހޯދައިފިއެވެ.
އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ބާއްވާ މިމުބާރާތުގެ ފުރަތަމަ މެޗު ސިލްވާ ސްޕޮޓުން ކާމިޔާބު ކުރީ އެންމެފަހުގެ ވޭލިއަންޓުގެ މައްޗަށް 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެންމެ ފަހުގެ ޗެންޕިއަން އަދި މުބާރުގެ އެންމެ ބޮޑު ފޭވަރިޓުންގެ ގޮތުގައި ނިކުން ވޭލިއަންޓަށް ރޭގެ މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ފުރަތަމަ ޑިވިޝަނާއި، ޤައުމީ ޓީމުގެވެސް ގޯލް ބެލެހެއްޓި ހުނަރުވެރި ކީއްޕަރު އިމްރާން (އިއްމަ)ގެ ކެޕްޓަން ކަމުގެ ދަށުން ކުޅުނު ސިލްވަ ސްޕޮޓުންވަނީ މޮޅު ކުޅުމެއް މެދުގައި ދައްކާފައެވެ. ރާއްޖޭގެ ބޮޑެތި މުބާރާތްތަކުގައި ގޯލް ބެލެހައްޓި ނަމަވެސް އިއްމަ މިމުބާރާތުގައި ފެނިގެންދަނީ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާވަނީ ރޭގެ މެޗުގައި ވޭލިއަންޓުގެ ހަމަލާތައް ދިފާއުކޮށް، ޓީމު މޮޅުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ރޭގެ މެޗުގައި ވޭލިއަންޓުގެ ޑިފެންސްލައިނަށް ސިލްވާ ސްޕޮޓްގެ ޒުވާން ފޯވާޑު ޢަބްދުﷲ ފިޒާން އަބްދުލް ޣަފޫރު ހިފެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. އޭނާ ވަނީ ރޭގެ މެޗުގައި 4 ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ. ސިލްވާ ސްޕޮޓްގެ އަނެއްގޯލު ޖެހީ އަދުނާން ހަސަން އެވެ.

މަތިވެރީގެ އެންމެ ތަޖުރިބާކާރު ކުޅުންތެރި ހިމެނޭ ވޭލިއަންޓުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލް ޖެހީ ތަޖުރިބާކާރު ކުޅުންތެރިޔާ ފަޒީލް އިބްރާހިމް (ފައްލޮ) އެވެ.
މިމުބާރާތުގައި މިއަދު ހަވީރާއި މިރޭވެސް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމަކުންވެސް މެޗުކުޅޭއިރު، ދަނޑުމަތީގައި 35 އަހަރުން މަތީގެ ކުޅުންތެރިޔަކު ހުންނަންޖެހެއެވެ. މިއީވެސް މުބާރާތުގައި ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ފޯރިގަދަ ކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.
މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހިއްވަރު 4 އެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިނެވެ.
ކޮމެންޓު ފޮނުވާ