ރައީސް ޔާމީން ދައުލަތަށް ދައްކަންޖެހޭ 5،000،000 މިލިޔަން ޑޮލަރު އެއްފަރާ ދެއްކުމުގެ އަމުރަކަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި އެދުނު މައްސަލަ ބާޠިލްކޮށްފިއެވެ.
އ. ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބުނު އެއް މިލިޔަން ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެގެން އެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކުރިއެވެ. އަދި އެ ހުކުމް ހައިކޯޓުން ދެމެހެއްޓިނަމަވެސް، ސުޕްރީމް ކޯޓުން ފަހުން ވަނީ އެ ފައިސާ ދެއްކުން މަޑުޖައްސާލުމުގެ ޢަމުރެއް ނެރުއްވާފައެވެ.
އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާއާ ގުޅޭ މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުރީގެ ރައީސް، ޔާމީން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން 28 ނޮވެންބަރު 2019 ގައި ޙުކުމްކޮށްފައި ވީނަމަވެސް، އެ މުއްދަތުގެތެރޭގައި ފައިސާ ދައްކާފައެއް ނުވާކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. އެގޮތުން 5،000،000 މިލިޔަން ޑޮލަރު އެއްފަރާ ދެއްކުމުގެ އަމުރަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި އެދުނެވެ.
ނަމަވެސް ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އިއްވާފައިވާ ފަސް އަހަރުގެ ޖަލުހުކުމް ސުޕްރީމް ކޯޓުން ބާޠިލްކޮށްފައިވުމާއި ގުޅިގެން ސިވިލް ކޯޓުގައި އޭޖީ އޮފީހުން އަމުރު ނެރެދިނުމަށް އެދުނު މައްސަލަވެސް ވަނީ ބާޠިލްވެފައެވެ.
އޭޖީ އޮފީހުން ބުނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ބާތިލް ކުރުމާއެކު އޭޖީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަވެސް، ނިޒާމުގެ ތެރެއިން ބާތިލްވެގެން ދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ