އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓަރަމްޕް އުފައްދަވާ ސޯޝަލް މީޑިއާ ކުންފުނީ ސީއީއޯއަކަށް ވެވަޑައިގަތުމަށްޓަކާ، އެމެރިކާގެ ކޮންގްރެސްގެ މެމްބަރެއް ކަމުގައިވާ ޑެވިން ނަންސް އޭނާގެ މެމްބަރުކަން ދޫކޮށްލެއްވުމަށް ނިންމަވައިފިއެވެ.
ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (TMTG) އިން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނު ހަދާ މަޖިލިސް، ކެޕިޓަލް ހިލްގައި ހުންނެވި، ޓްރަމްޕަށް އެންމެ ބޮޑަށް ތާއީދުކުރައްވާ މެމްބަރު ކަމުގައިވާ ނަންސް ކުންފުނީގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އަންނަ އަހަރުގެ ޖެހުއަރީމަހުގައި ކަމުގައެވެ.
"ޑެވިންނަށް އެގޭ، ލިބަރަލް މީޑީއާތައް އަދި ބޮޑެތި ޓެކް ކުންފުނިތަކަށް އަހަރެމެން މިނިވަންކަން ގެއްލުވާލަން ފުރުސަތު ދެވެން ނެތްކަން،" ޓްރަމްޕް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
"މިނިވަންކަމާއެކު ޚިޔާލު ބަދަލު ކޮށް، ސެންސަރު ކުރުމަކާ ނުލާ ވިސްނުން ހާމަކުރުމަށް އިންޓަރނެޓް އަލުން ހުޅުވާލަންވީ ވަގުތު މިއޮތީ އައިސްފަ،" ޓްރަޕްމެގެ މީޑިއާ ކުންފުނީގެ ސީއީއޯކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ތައްޔާރުވަމުން ގެންދަވާ ނަންސް ވިދާޅުވެފައި ވެއެވެ.
"އެމެރިކާވަނީ އިންޓަރނެޓްގެ ހުވަފެން ހަގީގަތަކަށް ހަދާފަ، އަދި މި ކުންފުނި ވެގެންދާނީ، މި ހުވަފެން އަލުން ހަގީގަތަކަށް ހަދާލަދޭނޭ އެމެރިކާގެ ކުންފުންޏަކަށް،" އޭނާ ވިދާޅުވެފައި ވެއެވެ.
ޔޫއެސް ކެޕިޓަލް ހިލްއަށް ޓަރަމްޕްގެ ސަޕޯޓަރުން ދިން ހަމަލާތަކަށް އޭނާ ތާއީދު ކުރައްވާފައި ވާތީ، ފޭސްބުކުއިން ވަނީ، ކުރިޔަށްއޮތް ދެއަހަރަށް އެ ޕްލެޓްފޯމުން ޓްރަމްޕް ސަސްޕެންޑް ކުރުމަށް މިއަހަރުގެ ޖޫންމަހު ނިންމާފައެވެ. ޓްރަމްޕްގެ އެކައުންޓް ފޭސްބުކްއިން ސަސްޕެންޑް ކުރިއިރު، އޭނާގެ ފޭސްބުކް އެކައުންޓުގައި 35 މިލިއަން ފޮލޯވަރުން ތިއްބެވެ.
އަދި 6 ޖެނުއަރީގެ ކެޕިޓަލް ހިލްގެ ހާދިސާއާއި ގުޅިގެން ޓުވިޓަރއިންވެސް ވަނީ ޓްރަމްޕް ސަސްޕެންޑް ކޮށްފައެވެ. ނަތީޖާއެއް ގޮތުން ސަސްޕެންޑް ކުރި އިރު ޓަރަމްޕްގެ ޓުވިޓަރ އެކައުންޓް ފޮލޯކުރަމުން އައި 88 މިލިއަން ފޮލޯވަރުންނާ އޭނާއާއި ވަނީ ގުޅުން ކެނޑިފައެވެ.
އަންނަ އަހަރު މެދުތެރޭގައި އަލުން އިންތިޚާބާއި ކުރިމަތިލައްވަން ޖެހޭނެ، ކޮންގްރެސްގައި ކެލިފޯނިއާ ތަމްސީލު ކުރަމުންދާ ނަންސް އަކީވެސް މައިގަޑު ބޮޑެތި ހުރިހާ މީޑިއާއަކަށްވެސް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ކުންފުނި އިއުލާން ކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި ވިދާޅުވެފައިވަނީ، މި ކުންފުނީގެ ދަށުން "ޓްރުތު ސޯޝަލް"ގެ ނަމުގައި ޓުވިޓަރއާއި އެއްވައްތަރުގެ މީޑިއާ އެޕްލިކޭޝަންއެއް އުފަންވެގެން ދާނެ ކަމުގައެވެ. އަދި އޭގެ އިތުރުން ސަބްސްކްރައިބް ކޮށްގެން ވީޑިއޯ ސްޓްރީމިންގެ ޚިދުމަތް ފޯރުކޮށްދޭ މީޑިއާ އެޕްލިކޭޝަނެއްވެސް އުފެދިގެން ދާނެއެވެ. މި އެޕްލިކޭޝަންއިން އެންޓަރޓެއިންމަންޓް ޕްރޮގްރާމްތަކާއި، ޚަބަރުގެ އިތުރުން ޕްޑްކާސްޓްވެސް ސްޓްރީމް ކުރެވޭނެއެވެ.
ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (TMTG)ގެ ޗެއަރމަންއަކަށް ހުންނަވާނީ ޓްރަމްޕްއެވެ.
ކޮމެންޓު ފޮނުވާ