ރައީސް ޔާމީންގެ ދަތުރުތައް އަންނަ ހަފްތާގައި ކ.އަތޮޅުން ފައްޓަނީ

ރައީސް ޔާމީންގެ ދަތުރުތައް އަންނަ ހަފްތާގައި ކ.އަތޮޅުން ފައްޓަނީ

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2021 11:59
0

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުތައް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށް ޕެޓިޝަންގައި ސޮއިކުރުމާއި، އަތޮޅު ތެރޭގައި މިހަރަކާތްތައް ވަރުގަދަ ކުރުމަށްޓަކައި ރައީސް ޔާމީން ބައިވެރިވާ ދަތުރުތައް މިފެށޭ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވަކަމަށެވެ. ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ކ.އަތޮޅުގެ ރަށްތަކުން ކަމަށް ހީނާ ވިދާޅުވިއެވެ.

ސިލްސިލާ ގޮތަކަށް ކުރާ ދަތުރުތަކުގައި، ކ. އަތޮޅަށްފަހު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކަށެވެ. މިދަތުރުތަކުގައި ރައީސް ޔާމީނާއި، އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރުވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައިވެސް ރައީސް ޔާމީން ވަނީ ރާއްޖޭގެ ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން މިހާރުން މިހާރުން ފޭބުމަށް ގޮވާލާފައެވެ. ރާއްޖެއަކީ މިނިވަން މުސްތަގިއްލު ޤައުމަކަށްވާއިރު ރާއްޖޭގެ ކަންކަން ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ބޭނުން ނުވާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ އަތޮޅު ތެރޭގައި އިންޑިއާ ސިފައިން ބޭލުމާއި ދެކޮޅަށް ހިންގޭ ހަރަކާތްތައްވެސް ވަރުގަދަ ކުރުމަށް ގޮވާލާފައެވެ. އަދި މިހަރަކާތަކީ ސީދާ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތީން ޕީޕީއެމްއިން ހިންގާ ހަރަކާތެއްކަމަށް ރައީސް ޔާމީން ވަނީ އެރޭ އިއުލާން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.