ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީއަތްތައް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނުދިނެވެ.
އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދޫކުރި ރ. ފުއްގިރިއާއި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމިންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއާއި ރިޝްވަތުގެ ހިފުމުގެ ދައުވާ އުފުލާފައެވެ. މިއަދުގެ އަޑު އެހުމަކީ ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމަށް އެދި ދައުލަތުން އުފުލި މައްސަލައިގެ އަޑު އެހުމެކެވެ.
ދައުލަތުން ޕާސްޕޯޓް ހިފަހައްޓަން އެދުނުއިރުވެސް ރައީސް ޔާމީންގެ ޕާސްޕޯޓްގެ މުއްދަތު ވަނީ ހަމަވެފައެވެ. މިއަދު ހެނދުނު ފެށި ޝަރީއަތުގެ އަޑު އެހުން ނިންމާލާފައިވަނީ މިރޭ 8 ޖެހިއިރުއެވެ. އަމުރާއިމެދު ނިންމި ގޮތް ހާމަކޮށްދެއްވަމުން އިސްޤާޒީ ޤާޒީ ޝަކީލް ވިދާޅުވީ މިމައްސަލާގައި ދައުލަތުން އެދުނު ގޮތަށް ޕާސްޕޯޓް ހިފެއްޓޭނީ ވުޖޫދުގައި އޮތް ޕާސްޕޯޓެއް ކަމަށް ވާ ކަމުގައި ވާނަމަވެ.
ޔާމީންގެ ޕާސްޕޯޓަކީ މުއްދަތު ހަމެވަފައިވާ ޕާސްޕޯޓަކަށްވާއިރު، އެޕާސްޕޯޓުގައި ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނެ އެއްވެސް ގޮތެއް އޮތްކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އަދި ޔާމީން ފުރައިގެން ދާން އުޅޭކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައިނުވާކަމަށް ޝަކީލް ވިދާޅުވިއެވެ.
މިމައްސަލައިގަ ދަޢުލަތުން ޝަރީޢަތަށް ހުށައެޅި ޕާސްޕޯޓްތަކަކީ މުއްދަތު ހަމަވެފައިވުމުން ދަތުރުކުރުމަށް ބޭނުންކުރެވޭނެ ސައްހަ ޕާސްޕޯޓަކަށްނުވާއިރު، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވަނީ ފެކްޓް އޮޅުވާލައިގެންކަމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.
މި އަޑުއެހުމުގައި ރައީސް ޔާމީން ވަނީ މީގެ ކުރިންވެސް އެމަނިކުފާނު މިނިވަނެއްގެ ގޮތުގައި ހުރި އިރު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުރިހާ ޝަރީޢަތަކަށްވެސް ވަޑައިގަތްކަން ފާހަގަކުރައްވައި، އޭރު އަމަލުކުރެއްވި ގޮތަށް މިމައްސަލަ ނިންމަވާއިރު ރިއާޔަތްކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.
މިމައްސަލައާ ގުޅިގެން މައްސަލަ ބައްލަވާ ޤާޟީވެސްވަނީ ދައުލަތުން ހުށައެޅި ޕާސްޕޯޓުތަކަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓުތަކަކަށްވާއިރު، އަދި އެފަދަ ޕާސްޕޯޓަކުން ދަތުރުނުކުރެވޭނެކަން އެނގިވަޑައިގަންނަވާތޯއާއި އައު ޕާސްޕޯޓެއްދޫކުރާއިރު އޭގައި އިންނާނީ އައު ނަންބަރެއްތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ދަޢުލަތުން ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތައް ދައުލަތުން ގާތުން މޮނީޓަރކުރަމުން ނުދާކަމަށާއި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވުމުން ބޭރަށް ނުފުރުނު ނަމަވެސް ކޮންމެ ވަގުތަކުވެސް ޕާސްޕޯޓު އައުކުރަން އެދެވޭނެ ފުރުސަތު ރައީސް ޔާމީނަށް އޮތުމުން މުއްދަތު ހަމަވެފައި އޮތް ނަމަވެސް ޕާސްޕޯޓް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭކަމަށެވެ.
ދެ ފަރާތުގެ ވާހަކަތައް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ވަނީ ރައީސް ޔާމީންގެ ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްކަމުން ވުޖޫދުގައި ނެތް ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެދޫކޮށް ފުރައިގެންދާނެ ސަބަބެއް އޮތްކަމަށް ނުބެލެވޭތީ، އެއަމުރު ނެރެދޭނެތަނެއް ނެތްކަމަށެވެ.
ފުއްގިރި މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ އެރަށް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށް 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން ޤަބޫލުކުރައްވާފައިވާކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑަރ ކޮށްފައިވާކަމަށެވެ.
މި މައްސަލާގައި ދައުލަތުން ވަނީ ރައީސް ޔާމީން ދައުލަތަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ކުރާ ތުހުމަތުތަކާއި ގުޅިގެން 1.1 މިލިއަން ޑޮލަރު ދައުލަތަށް ނަގާދިނުމަށް އެދިފައެވެ. އަދި މި މައްސަލާގައި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ކްރިމިނަލްކޯޓްގައި ފަށާފައެވެ.
ކޮމެންޓު ފޮނުވާ