ބަންދުގައި ހުންނެވި ދުވަސްތަކަށް އިނާޔަތް ހޯއްދެވުމަށް ޔާމީން އެދިވަޑައިގެންފި

ބަންދުގައި ހުންނެވި ދުވަސްތަކަށް އިނާޔަތް ހޯއްދެވުމަށް ޔާމީން އެދިވަޑައިގެންފި

Author
މުޙައްމަދު ޖިމީ
05 ޑިސެމްބަރ 2021 02:02
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލު ބަންދުގައި ހުރި މުއްދަތަށް އިނާޔަތް ހޯއްދެވުމަށް ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީނަށް ދައުލަތުގެ ބަޖެޓުން ދެމުން އައި އިނާޔަތްތައް ކަނޑައިލީ ނޮވެމްބަރު 28، 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. އަދި އެ ހުކުމް ހައިކޯޓްގައި ދަމަހައްޓާފައިވަނިކޮށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާޠިލްކޮށް ރައީސް ޔާމިން މިނިވަންކޮށްފައެވެ.

އޮންލައިން ނޫސް އަވަސްއިން ފިނޭންސް މިނިސްޓްރީގެ އޮފިސަރަކާ ހަވާލާދީ ބުނެފައިވަނީ ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތްތަކެއް ހޯދަން ފިނޭންސް މިނިސްޓްރީއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިދިޔަ ބުރާސްފަތު ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި އެކަމަށް ގޮތެއް ނުނިންމަވާ ކަމަށެވެ.

ރައީސް ޔާމީނަށް އެލަވަންސް ދިނުމުގެ މައްސަލާގައި ފިނޭންސް މިނިސްޓްރީން ބުނީ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް ޔާމީނަށް އިނާޔަތް ދޭނެ ކަމަށެވެ. އެކަމަށް ހަރަދުކުރަނީ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކަމަށްވެސް ބުނެފައިވެއެވެ. ރައީސް ޔާމީންއަށް ލިބެންޖެހޭ އިނާޔަތްތައް ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުން ހަރަދުވާނީ ހަތަރު މިލިއަން ރުފިޔާއެވެ.

ރައީސް ޔާމީންއަަށް ލިބޭ އިނާޔަތްތައް:

މާލީ އިނާޔަތް – 75،000ރ. (މަހަކު)
ދިރިއުޅުއްވާ ތަނުގެ ހަރަދަށް – 50،000ރ. (މަހަކު)
އޮފީސް ހިންގުމުގެ ހަރަދު – 175،000ރ. (މަހަކު)
ބޭސްފަރުވާގެ ހަރަދު – 58،333.33ރ. (މަހަކު)

ކުރީގެ ރައީސުންގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މަގާމުގައ ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް މިގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.

މި އަހަރާށް ފާސްކުރި ބަޖެޓާއި، އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކުރީގެ ރައީސުންގެ އިނާޔަތްތައް ދޭން ހިމެނީ ކުރީގެ ރައީސުންގެ ތެރެއިން މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދަށެވެ. ޔާމީންގެ ހަރަދުތަކަށް ފައިސާ ބަޖެޓު ނުކުރީ، ދެ އަހަރު ވެސް ބަޖެޓު ފާސްކުރިއިރު ޖިނާއީ ކުށެއް ސާބިތުވެ އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީއެވެ.

ރައީސް ޔާމީންނަށް މިހާރު އެމްއެންޑީއެފް އިން ވަނީ ސެކިއުރިޓީވެސް ހަމަޖައްސައިދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.