ފަނޑިޔާރުންގެ މަޤާމާއި ހަވާލުވާ ބޭފުޅުންނަށް އެލިބޭ ވަޒީފާއަކީ، އެބޭފުޅުންގެ އަމިއްލަ އަމިއްލަ ވަޒީފާގެ ސަލާމަތަށް އެހްނެ މީހުންގެ ހައްގުތަކަށް އަރައި ގަތުމަށް ލިބޭ ޓިކެޓެއް ނޫންކަމުގައި ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ޕޯޑިއަމެއްގައި 2 އަހަރަށްފަހު ރޭ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންނަކީ ޤައުމުގެ މަސްލަހަތު ހިފެހެއްޓުމުގެ އެންމެ މަތީ މަސްލަހަތާއި ހަވާލުވެފައިވާ ބޭފުޅުންކަމަށެވެ. އެބޭފުޅުންނަކީ އެއްވެސް ހާލެއްގައި ވަޒީފާ ގެއްލިދާނެކަމަށް ބަލައި، އަންނަ ނުފޫޒަށް ކަންކަން ނިންމާ ބަޔަކަށް ވެގެން ނުވާނެކަމަށެވެ. އަދުލު އިންސާފުގެ ތެރެއިން ނޫންގޮތަކަށް ކަންކަން ނިންމުމަކީ، އަދުލުވެރި ގޮތެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ބޭފުޅުން ވާހަކަ ދައްކާއިރު އެބަ ވިދާޅުވޭ މިވޮނި ފަނޑިޔާރަކު މިހެން ހައްދަވަން ޖެހުނީމާ ތިމަންނަގެ ހަމަދަރުދީ އެބައޮތޭ. އެއީ އެބޭފުޅުން ވަޒީފާއިން ގެއްލިދާނެތީއޭ. މާތް ކަލާކޯ އެއީ އެކަން އޮންނަ ގޮތެއްނޫން. ވަޒީފާ ގެއްލިގެން ބިރުހީވަނީ ފަނޑިޔާރުން އެކަނިތޯ. ކޮންމެ މީހަކު ދުނިޔެއަށް މި އަންނަނީ ﷲ ވަޒީފާއެއް ދެއްވާފަތޯ ފޮނުއްވަނީ. ނޫން. އެއްގޮތަކަށްވެސް އެކަމަކާ އަޅުގަނޑު ހަމްދަރުދީ އެއް ނުވަން. ވަޒީފާ ގެއްލިދާނެތީ އަނބިދަރީން ނުކައި ތިބެދަނެތީ އެއީކީ އެތައް ބައެއްގެ ހައްޤަށް އަރައި ގަންނަން ލިބޭ ޓިކެޓެއްނޫން އެއީކީ. އެޓިކެޓެއް ނުލިބޭ އެމީހުންނަކަށް.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް އާންމުވެ އެކަމުގެ ކަންބޮޑުވުން އުފެދުނު ނަމަވެސް އަދިވެސް އޯޑިއޯތަކުގެ ސައްހަކަން ކަށަވަރުކޮށް ނުދެއްވޭ ކަމަށެވެ. އަދި އެ މައްސަލާގައި އެއްޗެއް ބުނަން ލަސްވި ލަސްވުމަކީ އިތުރު ސުވާލު އުފެދުނު ކަމެއް ކަމަށެވެ. އެ އޯޑިއޯތަކުން އަދުލުގެ ނިޒާމަށް އޮތް ނުފޫޒު ހާމަވާ ކަމަށާ އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށް ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ހޭދަކުރެއްވި ހިތްދަތި ކަމުގެ ވާހަކަ އަބަދުވެސް ދައްކަވާނެކަމަށާއި، ނަމަވެސް އެކަން ކުށްވެރި ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑު ހިތައް އަރާ މިކަންކަމުގެ ތެރެއިން އޮންނަ ނުފޫޒެއްގެ ތެރެއިން މީހެއްގެ ޒިންދަގީ ދުއްވާލާފަ މީހެއްގެ މުސްތަގުބަލު ދުއްވާލާފަ 2 އަހަރު 3 އަހަރު ގެންގުޅުނީމާ ކީއްވެގެންބާއޭ މިފަނޑިޔާރުންނަށް ހަމްދަރުދީވާ ބޭފުޅުން ވިދާޅުނުވަނީ ރައީސް ޔާމީނާއި، ރައީސް ޔާމީންގެ އައިލާ ތަހައްމަލު ކުރީ ކޮންކަމެއްހޭ. ކޮންކަހަލަ ހިތްދަތި ކަމެއްހޭ؟ ކޮން ކަހަލަ ކަންތައްތަކަކުންހޭ މަހުރޫމް ވެގެން އެދިޔައީ. އަޅުގަނޑު މިވާހަކަ ދައްކާނަން. އަޅުގަނޑު މިވާހަކަ ކުށްވެރި ނުކުރާނަން. އަސަރާއިއެކީ މިވާހަކަ ދައްކާނަން.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ވާހަކަފުޅު ނިންމަވާލައްވަމުންވެސް ފަނޑިޔާރުން އަދުލުވެރިކަމާއިއެކު މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. ކޮންމެ ފަނޑިޔަރަކީވެސް ވަރަށް ބޮޑު އަމާނާތެއް ހަވާލުވެފައިވާ ފަނޑިޔާރަކަށްވާއިރު އަދުލުވެރި ކަމާއިއެކު ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަޅުގަނޑު ހަމަ ފަނޑިޔާރުންނަށް ދަނަވާލަން ބޭނުން. ތިއީ އަޅުގަނޑުމެން އެންމެންނަށްވުރެ ބޮޑު އަމާނާތެއް ހަވާލުވެފަ ތިބި ބަޔަކީ ފަނޑިޔާރުންނޭ. އަދުލުވެރިކަން އިސްކުރައްވާށޭ. އިންސާފުވެރިކަން އިސްކުރައްވާށޭ. ނުފޫޒުތަކުން އެއްކިބާވާށޭ. ކޮންމެ މީހަކަށްވެސް ނޫނެކޭ ބުނަން ކެރެންވާނެ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަދުލުގެ ނިޒާމުގައި ހުރި ކޮރުކަން ފިލަންދެން އެ ވާހަކަ ދައްކަވާނެ ކަމަށެވެ. ފަނޑިޔާރުން ނުފޫޒުގައި ޖެހިވަޑައިގެން ކަންކަން ނިންމަވަނީ ވަޒީފާގެ ބިރު އޮތުމުން ކަމަށް ބައެއް މީހުން ދެކޭ ކަމަށް ވިދާޅުވެ އެކަމަށްވެސް ރައީސް ޔާމީން ވަރުގަދައަށް ރައްދު ދެއްވިއެވެ. ވިދާޅުވީ އެ ވިސްނުމުގައި ތިއްބެވި ބޭފުޅުން ފަނޑިޔާރުން ދިފާއު ކުރައްވާއިރު ދެ އަހަރު ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން ރައީސް ޔާމީނާއި އާއިލާއަށް ލިބުނު ހިތްދަތި ކަމުގެ ވާހަކަ ނުދެއްކެވުމުން ސުވާލު އުފެދޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ