އެތައްސަތޭކަ ބަޔަކު ނިކުމެ ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ކިޔައިފި

އެތައްސަތޭކަ ބަޔަކު ނިކުމެ ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ކިޔައިފި

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2021 02:29
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ސްޕްރީމް ކޯޓުން މިނިވަން ކުރުމާއިއެކު، ކޯޓުން ނިކުމެ އެނބުރި ގެކޮޅަށް ވަޑައިގަތުމުން އެތައް ސަތޭކަބަޔަކު ރައީސް ޔާމީނަށް މަރުހާބާ ދަންނަވައިފިއެވެ.

ބޮޑުތަކުރުފާނު މަހުގައި ހުންނަ ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެތައް ސަތޭކަ ބަޔަކު އެއްވެފައިވާއިރު، އެމަނިކުފާނަށް މަރުހަބާގެ ޝުއޫރުތަކުން އެސަރަހައްދު ވަނީ ގުގުމާލާފައެވެ. ރައީށް ޔާމީން ގެންދަވަނީ އެމަނިިކުފާނުގެ ސަޕޯޓަރުންނާއި ސަލާންކޮށް ބައެއް ބޭފުޅުންގެ ޝުއޫރުތައް އަޑު އައްސަވަމުންނެވެ.

އެމަނިކުފާނުގެ އިސްތިޤުބާލުގައި ޕްރޮގްރެސިވް ކޯލިޝަންގެ އިސް ހުރިހާ ބޭފުޅުން މިވަގުތު ތިއްބެވީ އެސަރަހައްދުގައެވެ. އެއްވި މީހުންގެ އަދަދު ގިނަވުމުން ރައީސް ޔާމީނަށް އެންމެނާއި ސަލާންކުރުމުގެ ފުރުސަތުވެސް ލިބިފައި ނުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ރަޢުޔަށް ދެން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދުވަނީ ތާއީދުކުރައްވާފައެވެ.

ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މިމައްސަލާގައި ސުޕްރީމް ކޯޓުގައި ގިނަ އަޑުއެހުންތަކެއް ބާއްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ރައީސް ޔާމީން އެދިވަޑައިގަންނަވަމުން ގެންދެވީ އެމަނިކުފާނާމެދު ވަަރަށް ބޮޑަށް ބޭއިންސާފުން ޢަމަލުކޮށްފައިވާ ކަަމަށާއި އެކަންކަމަށް ރިއާޔަތްކޮށްދިނުމަށެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާމެދު ވަނީ ސުވާލު އުފައްދާފަ އެވެ. ސަބަބަކީ އެ ފައިސާގެ ޗެކު ނަންބަރު ތަފާތުވެފައި އޮތް އަތޮމަކީ ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފާހަގަވާން ޖެހޭ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ޗެކު ނަންބަރާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރުމުން ސާފު ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް ހުކުމްގައި ބުނެ އެވެ.

އަދި މި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދުމަށް ތަހުގީގެއް ހިންގައި އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނަމަ ދައުލަތަށް ނެގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ހުކުމުގައި ވެއެވެ. ރައީސް ޔާމީންގެ އެންމެ ބޮޑެތި އަދާވާތްތެރިން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ކްރިމިނަލް ކޯޓުން ބަލައިގެންފައި ވަނީ ގޯސްކޮށް ކަމަށް ވެސް ހުކުމްގައި ވަނީ ބަޔާން ކޮށްފަ އެވެ. އެ ދެ މީހުންނަކީ މި މައްސަލައިގެ އެންމެ މުހިންމު ދެ ހެކިވެރިންނެވެ. ދައުލަތުން ތަކުރާރުކޮށް ބުނަމުން އައި އެއް ވާހަކަ އަކީ، ހެކިންގެ ގޮތުގައި ހުށަހެޅޭނީ އެކަމުގެ ތެރޭގައި އުޅޭ މީހުން ކަމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ތަކުރާރުކޮށް ބުނަމުން އައީ ފާސިގުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން މި ދެ މީހުންނަކީ އެމަނިކުފާނުގެ އަދާވާތްތެރިންނަށް ވެފައިވާ ގޮތް ވަރަށް ސާފުކޮށް ކިޔައިދީފައިވާ ކަމަށާއި، އެހެންކަމުން އެ ދެމީހުންގެ ހެކިބަހާ މެދު ޝައްކު އުފެދޭ ކަމަށް ކޯޓުން ނިންމާފައިވެ އެވެ. ނަމަވެސް އެ ދެ މީހުންގެ ހެކިތަކަށް ބާރުލިބޭ އިތުރު ޝަފަހީ ހެއްކަކާއި ބައިވަރު ކިތާބީ ހެކި ހުރި ކަމަށް ކަނޑައަޅައިފައިވީ ނަމަވެސް އެ ޝަފަހީ ހެއްކަކީ ކޮބައިކަން އެނގެން ނެތް ކަން ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ ދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އުސޫލެއް ނެތް ކަމާއި، މި ދެ މީހުންނަކީ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި ދައުވާތަކަށް އިއުތިރާފްވެފައިވާ ބައެއްކަމުން އެމީހުންނަކީ ފާސިގުން ކަމަށް ބެލެވޭނެ ކަމަށް ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.