ދުނިޔެއިން އެންމެ ފަހުން ހޯދިފައިވާ އޮމިކްރޯން ވޭރިއެންޓަކީ، ފާއިތު ދޮޅު އަހަރެއްހާ ދުވަހުގެ ތެރެގައި ފެނިގެން ގޮސްފައިވާ ކޯވިޑް19 ވޭރިއެންޓްތަކުގެ ތެރެއިން، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން "ކަންބޮޑު ވާންޖޭހޭ" ވޭރިއެންޓެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅި ވޭރިއެންޓެވެ. ބެލެވޭ ގޮތުގައި އާވޭރިއެންޓެއްގެ ގޮތުގައި އޮމިކްރޯން ވޭރިއެންޓް ފާހަގަވެގެން ދިއުމާއެކު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން "ކަންބޮޑު ވާންޖެހޭ" ވޭރިއެންޓެއްގެ ގޮތުގައި މި ވޭރިއެންޓް ލޭބަލް ކޮށްފައިވަނީ، ވޭރިއެންޓް ސައުތު އެފްރިކާގައި މަދު ދުވަސްތަކެއްގެ ތެރޭގައި ފެތުރިގެން ގޮސްފައިވާ މިންވަރަށް ނިސްބަތް ކޮށެވެ.
އަދި އޮމިކްރޯން ވޭރިއެންޓް ދެކުނު އެފްރިކާއިން ފާހަގަވެ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މި ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ ވޭރިއެންޓެއްގެ ގޮތުގައި ކަޑައެޅުމާއެކު، ދުނިޔޭގެ ގިނަ ގައުމުތަކަކުންވަނީ އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަށް އެގައުމުތަކުގެ ބޯޑަރުތައް ބަންދު ކޮށްފައެވެ.
އަދި ދުނިޔޭގެ ގައުމުތަކުންވަނީ، ސިއްޙީ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށްޓަކާ މަތީ ފެންވަރުގެ ބައްދަލުވުންތައް ބާއްވާ، އަދި އޭގެ އިތުރުން، ކޯވިޑް19 ވެކްސިންތައް އީޖާދު ކޮށްފައިވާ ކުންފުނިތަކުން ވަނީ، މިހާރުހުރި ވެކްސިންތަކުން މި ވޭރިއެންޓާއި ދެކޮޅަށް ރައްކާތެރިކަން ފޯރުކޮށް ދޭނީ ކިހާވަރަކަށްތޯ ދެނެގަތުމުގެ މަސައްކަތްވެސް ފަށާފައެވެ.
އެހެންނަމަވެސް، މިހާތަނަށް އުފެދިގެން ގޮސްފައިވާ ކޯވިޑް19ގެ އެންމެ ނުރައްކާތެރި ވޭރިއެންޓް ކަމުގައިވާ ޑެލްޓާ ވޭރިއެންޓްގެ ނުރައްކާތެރިކަން ފަހަނައަޅައި ދިއުމަށް އޮމިކްރޯން ވޭރިއެއްޓަށް އަދި އިތުރު މުއްދަތު ކަޑައްތު ކުރަން ޖެހޭނެކަމަށް ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ. ހަމަ އެއާއިއެކު، ކޯވިޑް19 އެންމެ ފުރަތަމަ ފެތުރިގެން އައިއިރު، ތައާރަފް ވެގެން އައި އެތައް ވޭރިއެންޓެއް، އޭރު ކަންބޮޑު ވުމަކަށްވެ، އެހެންނަމަވެސް ފަހުން ކަންބޮޑުވާންޖެހޭ ވޭރިއެންޓްތަކުގެ ޗާޓުން ގެއްލިގެން ގޮސްފައިވާތީ، ގަބޫލުކުރަން ޖެހިފައިވާ އެއް ހަގީގަތަކީ، ގައިންގަޔަށް އަރާގޮތަށް ފެތުރެމުންދާ ވައިރަހަކީ ހަގީގަތުގައިވެސް އޭގެ ނުރައްކާތެރިކަން އަންދާޒާ ކޮށްލަން ދަތި އެއްޗެއްކަމެވެ.
"ކަންބޮޑުވާން ޖެހޭ" ވޭރިއެންޓެއް!
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަބަދުވެސް ގެންދަނީ، އަލަށް އުފަންވާ ވޭރިއެންޓްތައް، "ކަންބޮޑު ވާންޖެހޭ" މިންވަރުގެ މައްޗަށް ގިންތި ކުރަމުންނެވެ. ބޭނުމަކީ، ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން، ވޭރިއެންޓުގެ މާއުލާމާތު އާންމުކޮށް، އަދި ވޭރިއެންޓުގެ އަސަރު ކުރަމުންދާ މިންވަރު ގާތުން ބަލަމުން ދާންޖެހޭ ދަރަޖައަށް ނުރައްކާތެރި ވޭރިއެންޓްތައް ފާހަގަކޮށް ތައްޔާރުވެ ތިބުމެވެ. މާނައަކީ "ކަންބޮޑު ވާންޖެހޭ" ވޭރިއެންޓެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާ ވޭރިއެންޓަކީ، ޚާއްސަ ސަމާލުކަމެއް ދެވިފައިވާ، ނުވަތަ މޮނިޓަރިންގގެ ހާލަތުގައިވާ ވޭރިއެންޓެކެވެ.
މިގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން، "ކަންބޮޑު ވާންޖެހޭ" މިންވަރަށް މިހާތަނަށް ގިންތި ކޮށްފައިވަނީ އެންމެ 5 ވޭރިއެންޓެކެވެ. އެއީ އަލްފާ، ބީޓާ، ގާމާ، ޑެލްޓާ އަދި އޮމްރިކޯން ވޭރިއެންޓެވެ.
އޮމްރިކޯން ވޭރިއެންޓް
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި، އިމްރޮކޯން ވޭރިއެންޓް ނުވަތަ، B.1.1.529 ގެ ލައިނޭގް (އަސްލުގެ ނަކަލްތައް) ފުރަތަމަ ސާމްޕަލް ނެގިފައވަނީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އައި މިވޭރިއެންޓް ޑޮކްޓަރުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައިސްފައިވަނީ ދެކުނު އެފްރިކާގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ކުއްލިއަކަށް މަތިވާން ފެށުމާއި ގުޅިގެންނެވެ.
"މި އާ ވޭރިއެންޓް، B.1.1.529 ބެލެވޭ ގޮތުގައި ދަނީ ވަރަށް ބާރަށް ފެތުރެމުން،" ދެކުނު އެފްރިކާގެ ސްޓެލެންބޮޝް ޔުނިވަރސިޓީގެ ސެންޓަރ ފޯރ އެޕިޑެމިކް ރެސްޕޮންސް އެންޑް އިނޮވޭޝަންގެ ޑިރެކްޓަރ އަދި ޖެނެޓިކް ރިސާޗަރއެއް ކަމުގައިވާ ޓޫލިއޯ ޑި އޮލިވީރާ އޭނާގެ ޓުވިޓަރގައި ވިދާޅުވެފައި ވެއެވެ.
ހަމަ އެއާއެކު، އޮމިކްރޯކް ވޭރިއެންޓްގެ ޖެނެޓިކް ސީކުއެންސިން (ވޭރިއެންޓްގެ ޑިއެންއޭ އެތުރިފައިވާ ގޮތް) އަށް ބަލާއިރު، ފެންނާން އޮތް އެއް ތަފާތަކަށް ވެގެން ގޮސްފައިވަނީ، މި ވޭރިއެންޓްގެ ސްޕްއިކް ޕްރޮޓީންތަކުން (ވައިރަސް، ދިފާއީ ނިޒާމަށް ހަމަލާ ދޭން ބޭނުންކުރާ، ނުވަތަ ވައިރަސް ހަމަލާދޭ ސެލްތަކާއި ތަތް ވެގަތުމަށް ބޭނުންކުރާ، ވައިރަހުގެ ބޭރު ފަށަލާގައި ކަށިތަކެއްގެ ގޮތަށް އުފެދިފައި ހުންނަ ބައިތައް) އާދަޔާ ޚިލާފު މިންވަރަކަށް މިއުޓޭޓު (އަސްލަށް އައިސްފައިވާ ބަދަލު) ވެފައިވާކަން ފާހަގަވާން ހުރުމެވެ.
އޮމިކްރޯން ވޭރިއެންޓުގެ ސްޕްއިކް ޕްރޮޓީންތަކުން މިގޮތުން ފާހަގަ ކުރެވުނު މިއުޓޭޝަންތަކަކީ، މީގެ ކުރީގެ ވޭރިއެންޓްތަކުންވެސް ފާހަގަ ކުރެވިފައިވާ މިއުޓޭޝަންތަކަކަށް ވާއިރު، މިއީ އެ ވޭރިއެންޓްގެ ނުރައްކާތެރިކަން އިތުރު ކޮށްދީފައިވާ މިއުޓޭޝަންތަކެއްކަންވެސް ތަޖުރިބާކާރުން ފާހަގަ ކޮށްފައި ވެއެވެ. މިގޮތުން ފާހަގަވި އެއް މިއުޓޭޝަންއަކީ، E484K އެވެ. މިއީ ހަށިގަޑުގެ އެންޓި ބޮޑީސް (ހަށިގަޑަށް ހަމަލާދޭ ވައިރަސްތަކާއި، ހަށިގަޑުގެ ދިފާއީ ނިޒާމުގެ އެންމެ ކުރީސަފުގައި ހަގުރާމަ ކުރާ (ޕްރޮޓީން) މާއްދާ) ތަކަށް ވޭރިއެންޓް ފާހަގަ ކުރުން ކުޑަ ކޮށްދޭ މިއުޓޭޝަންއެކެވެ. އެންޓިބޮޑީސްއަކީ، ވައިރަސްތަކާއި ދެކޮޅަށް ދޭ ބޭސްތަކުގެވެސް މައިގަޑު އެއް އަސާސެވެ.
އަދި މީގެ އިތުރުން، އޮމިކްރޮން ވޭރިއެންޓުގައިވާ މިއުޓޭޝަންތަކަށް ބަލާއިރު، N501Y މިއުޓޭޝަންވެސް ހިމެނެއެވެ. މިއީ މީގެ ކުރިން ފެނިގައިވާ ކޯވިޑް19 ވޭރިއެންޓްތައް ކަމަށްވާ، އަލްފާ އަދި ގާމާ ވޭރިއެންޓަށް ގައިންގަޔަށް ފަސޭހައިން ވާސިލްވުމުގެ ގާބިލްކަން ލިއްބައި ދީފައިވާ މިއުޓޭޝަންއެވެ. ފާއިތުވެދިޔަ ހަފްތާގައި، ޔުނިވަރސީޓީ އޮފް ޓެކްސަސްގެ މެޑިކަލް ބްރާންޗް އެންޑް ކޮލީގްސްގެ ސްކޮޓް ވީވަރ، އެ ޔުނިވަރސީޓިގެ ޖާނަލް ނޭޗަރގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި މިއުޓޭޝަންއަކީ، ވައިރަސް ނޭވާލާ ނިޒާމުގެ މައި ހޮޅީގެ މަތީބައިގައި (މިސާލަކަށް ނޭފަތާއި ކަރުތެރެ) ދަތުރު ކުރަމުން ދާއިރު، ވައިރަސް އެތައް ގުނައަކަށް ގިނަވެގަތުމުގެ ގާބިލްކަން ވޭރިއެންޓަށް ލިއްބައިދޭ މިއުޓޭޝަންއެކެވެ.
މާނައަކީ، މި ވޭރިއެންޓުން ބަލި ޖެހޭމީހުންގެ ކެއްސުމާއި އަދި ކިބިހި އެޅުމާއި އަދި ނޭވޭލުމުން ބަލި ގައިންގަޔަށް އެރުން ފަސޭހަ ކޮށްދެއެވެ.
ހަމައެ ފަދައިން، ޑޭލްޓާ ވައިރެހެކޭ އެއްފަދައިން، އޮމިކްރޯން ވޭރިއެންޓުން ވަނީ D614G މިއުޓޭޝަންވެސް ފާހަގަ ވެގެން ގޮސްފައެވެ. މިއީ، ވައިރަސް ހަށިގަޑުގެ ސެލްއަށް ހަމަލާ ދިނުމަށްފަހުން، ސެލްއާއި ބޮޑަށް ތަތްވެގަތުމުގެ ގާބިލްކަން ވޭރިއަންޓަށް ބޮޑަށް ލިއްބައިދޭ ވޭރިއެންޓެކެވެ.
"ވޭރިއެންޓުން ގިނަ މިއުޓޭޝަންތައް ފާހަގަވެގެން ދިއުމުގެ މާނައަކީ ވޭރިއެންޓުން ހަށިގަޑަށް ކުރިމަތި ކުރުވާ މައްސަލަތައް ގިނަވެގެން ދިއުމެއް ނޫން. އެހެންނަމަވެސް، ވޭރިއެންޓުގެ މިއުޓޭޝަންތައް ގިނަވުމުން، ހަށިގަޑުގެ ދިފާއީ ނިޒާމަށް ވޭރިއެންޓް ފަހަގަވެގެން ދާނީ މުޅިން ތަފާތު ބައްޓަކަމަކަށް،" ބްރިޓިޝް މެޑިކަލް އެސޯސިއޭޝަންގެ ޕަބްލިކް ހެލްތު މެޑިސިން ކޮމިޓީގެ ޗެއަރ ޑރ. ޕީޓަރ އިންގްލިޝް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ވައިރަހެއް މިއުޓޭޓް ވެގެންދާއިރު، އުފެދޭ އާ ވޭރިއެންޓަކުން ފާހަގަވެގެންދާ މިއުޓޭޝަންގެ އަދަދުތަކަކީ އަބަދުވެސް ސައިންސްވެރިންގެ ކަންބޮޑު ވުމެކެވެ. ސަބަބަކީ، ވައިރަހަކާ ދެކޮޅަށް އުފައްދާ ވެކްސިންތަކުން ޓާރގެޓް ކުރަނީ ސްޕައިލް ޕްރޮޓީން (ވައިރަސް، ދިފާއީ ނިޒާމަށް ހަމަލާ ދޭން ބޭނުންކުރާ، ނުވަތަ ވައިރަސް ހަމަލާދޭ ސެލްތަކާއި ތަތް ވެގަތުމަށް ބޭނުންކުރާ، ވައިރަހުގެ ބޭރު ފަށަލާގައި ކަށިތަކެއްގެ ގޮތަށް އުފެދިފައި ހުންނަ ބައިތައް) ތަކަށް ކަމަށް ވާތީއެވެ.
މިގޮތުން، މިހާތަނަށް ކޯވިޑް19 ވެކްސިންތައް އުފައްދާފައިވާ ކުންފުނިތައް ކަމަށްވާ، ފައިޒާ/ބައޯއެންޓެކް، މޮޑާރނާ، ޖޯންސަން އެންޑް ޖޯންސަން، އެސްޓްރާޒެނެކާ، އަދި މިނޫން ކުރުންފުނިތަކުގެ ވެކްސިންތަކުގައިވެސް ބޭނުންކޮށްފައި ވަނީ، ވައިރަސްތަކުގެ ކުދި ކުދި ބައިތައް ނުވަތަ ވައިރަހުގެ ޖެނެޓިކް ސީކުއެންސް (ވައިރަހުގެ ޑީއެންއޭގެ ބައެއް)ގެ ބައެކެވެ. މުޅި ވައިރަހުގެ ޖެނެޓިކް ސީކުއެންސެއް ނޫނެނެވެ.
އެހެންކަމުން، ވޭރިއެންޓެއް އުފަންވެގެން އަންނައިރު، ވޭރިއެންޓުގެ ޕްރޮޓީން ސްޕައިކަށް އައިސްފައި ހުންނަ ބަދަލުތަކުން، ހަށިގަށުގެ ދިފާއީ ނިޒާމުގައި، ވައިރަހާ ހަމަލާދިނުމަށް ތައްޔާރުކޮށްފައި ހުންނަ ޕްރޮޓީތަކަށް (އެންޓޮ ބޮޑީތަކަށް) ވޭރިއެންޓް ދެނެގަތުން އުދަގޫ ކަމަކަށް ވެގެން ދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ހަށިގަޑަށް ދީފައި ހުންނަ ވެކްސިންއިންގެ ޒަރީއާއިން، ހަށިގަޑު ދިފާއު ކޮށްދިނުމުގެ ބާރު ދަށްވެގެން ދެއެވެ.
މިގޮތުން އަދަޔާ ޚިލާފަށް މިއުޓޭޓް ވެގެން ދިއުމަށްފަހު އުފެދޭ ވޭރިއަންޓަކުން ކުރިމަތި ކުރުވާ އަނެއް ނުރައްކަލަކީ، ހަށިގަޑަށް ދޭ އެންޓިބޮޑީ ޓްރީމަންޓްތަކުން ފަރުވާ ލިބުން ދުރު ކޮށްދިނުމެވެ. އެހެންނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި، މިހާރު ފެންނާން ހުރި މިއުޓޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން، ކޯވިޑް19އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެހެން ޓްރީޓްމަންޓްތައް ކަމުގައިވާ މިހާރު އުފެއްދުމުގެ މަރުހަލާގައިވާ އެންޓި ވައިރަލް ޑްރަގްސްއާއި އަދި ސްޓީރޮއިޑް ޑެކްސަ މީތޭން (steroid dexamethasone)ގެ ފަރުވާއަށް އަސަރުކުރުމަކީ ނާދިރު ކަމެކެވެ.
ފާއިތުވެދިޔަ ހަފްތާގައި ދުނިޔެއިން ފެނުނު އޮމިކްރޮން ވޭރިއެންޓް މިހާތަނަށް އަދި ފެނިފައިވަނީ މަދު ގައުމުތަކަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެކުނު އެފްރިކާގެ އިތުރުން ބެލްޖިއަމް، ނެދަރލޭންޑްސް، އޮސްޓްރޭލިއާ، އިނގިރސިވިލާތް، އިޓަލީ، އިސްރާއިލް، އޮސްޓްރިއާ އަދި ކެނެޑާއެވެ.
ގިނަ ތަޖުރިބކާރުން ވިދާޅުވާ ގޮތުގައި އޮމިކްރޮން ވޭރިއެންޓުން އާދަޔާ ޚިލާފަށް ބޮޑަށް ބަލި ޖައްސައިދޭކަމަށް ނިންމަން އަދި އަވަހެވެ. އަދި ދެކުނު އެފްރިކާގައި މި ވޭރިއެންޓުން ބަލިޖެހުނު ބައެއް މީހުންނަށް ފަރުވާ ދީފައިވާ ޑޮކްޓަރަކު ވިދާޅުވެފައިވަނީ، ބަލިމީހުންގެ ކިބައިން ފެނިފައިވަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށެވެ. "އެންމެ އާންމުކޮށް ފެނިފައިވާ އަލާމާތްތަކަކީ، ފުރަތަމަ ދެދުވަހު ވަރަށް ބޮޑަށް ވަރުބަލިވެފަ، ބޮލުގައި ރިއްސުމާއި، ހަށިގަޑުގައި ރިއްސުން،" ދެކުނު އެފްރިކާގެ މެޑިކަލް އެސޯސިއޭޝަންގެ ޗެއަރ ޑރ. އންގލިކް ކޯޒީ ވިދާޅުވެފައި ވެއެވެ.