މިޤައުމުގައި އިންޑިއާ ސިފައިންނަށް ނުތިބެވޭނެ، އެމީހުން ބާލާނަން: އަދުރޭ

މިޤައުމުގައި އިންޑިއާ ސިފައިންނަށް ނުތިބެވޭނެ، އެމީހުން ބާލާނަން: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
29 ނޮވެމްބަރ 2021 10:04
0

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫ އަރާގޮތަށް، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބާލާނެކަމަށާއި، މަސައްކަތް ހުއްޓާލާނީ އެކަން ކުރުމަށް ފަހުގައިކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި ކުރަމުންދާ މަސައްކަތް މިއަދު މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން ހުއްޓާ ނުލާނެކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިޔާގެ އަސްކަރީ ސިފައިން ހަތިޔާރާއިއެކު ތިބިއިރު މިކަން ޤައުމީ މަސްލަހަތަށް ނުވިބަޔަކަށް ދެން މިޤައުމުން ފެންނާނެ އެހެން މައްސަލައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާއާއި އެކު އަޑިނޭގޭ އެތައް އެއްބަސްވުމެއްވާކަން ތަކުރާރުކޮށް ފާހަގަ ކުރަމުންދާ އަބްދުއްރަހީމް ވިދާޅުވީ، މިއެއްބަސްވުންތައް މިއަދު އެންމެބޮޑަށް ދަމަހައްޓަމުންދަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީކަމަށެވެ. އިންޑިއާގައި ރާއްޖޭގެ އަގު ވައްޓާލައި، ދިވެހި ރައްޔިތުންނަކީ އެއްވެސްބައެއް ނޫންކަމަށް މާރިޔާ ވިދާޅުވިއިރު، އިންޑިއާއާ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބި ތިބުމާއި ދެކޮޅަށް ބައިވެރިވަމުންދަނީ އެތައްހާސް ދިވެހި ރައްޔިތުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިންޑިއާ އަސްކަރީ ސިފައިން ތިބުމާއި ދެކޮޅަށް ނިކުންނަނީ ހައެއްކަ ކެނައިންކަމަށް މާރިޔާއަށް ފެންނަ ނަމަ އަޅުގަނޑަށް ފެންނަނީ އިތުރު އައިނެއް ހައްދަވަން. ރައީސް ޔާމީން ހުންނަވާނެ ހުސްނުވާ އާސަންދަ ތަޢާރަފް ކޮށްދެއްވާފަ. އަވަހަށް ވަޑައިގެން އައިނު ހެއްދެވުމަށް އަޅުގަނޑު ގޮވާލަން.

– އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންޑިއާ މިލިޓަރީ އައުޓް ހަރަކާތަކީ ފަސޭހައިން ހުއްޓުވޭނެ ހަރަކާތެއް ނޫންކަމަށެވެ. އެއީ ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާ ހަރަކާތަކަށްވާއިރު، މިހަރަކާތުގައި ބައިވެރިވަމުންދަނީ ހަމައެކަނި ޕީޕީއެމް ޕީއެންސީގެ މެމްބަރުން ނޫންކަމަށެވެ. މިހަރަކާތްތަކުގައި އެމްޑީޕީއާއި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ގިނަ އަދަދެއްގެ މެމްބަރުންވެސް ބައިވެރިވާކަމަށެވެ.

ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި ގުޅިފައިވާ މީހުން އަޑިގައި ތިބެގެން ސޯޝަލް މީޑިއާގެ ބޮޓުން ބޭނުންކޮށްގެން ހިންގާ ކެމްޕެއިނެއް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

މިހާރު އިޑިއާއަށް ކުރައްވާ ދަތުރު ފުޅުގައި ވޯލްޑް އިން ވަން ނިއުސް (ވިއޯންއަށް) ދެއްވި އިންޓަރވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ހުރިހާވެސް އަމާޒަކީ ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގާތް އެކުވެރި ގުޅުން ހީނަރުކުރުންކަމަށެވެ. އަދި އެއްވެސް އަސްލެއްނެތް ހަގީގަތާއި ޚިލާފް ވާހަކަ ދައްކައިގެން ދޭތެރެ ޖެއްސުމަކީ އެމީހުންގެ މަގްސަދުކަމަށެވެ. މިކަން ކުރަމުންދަނީ ރާއްޖޭގެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މަދު ބޮޓުންތަކެއް ކަމުގައި މާރިޔާ ވަނީ ސިފަ ކުރައްވާފައެވެ.

މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަކީ ސަރުކާރުން ޑްރަގާިއ ދެކޮޅަށް ކުރަމުންދާ މަސައްކަތާއި ނުހަނު ބޮޑަށް ކަންބޮޑުވާ، އެކަން ހުއްޓުވުމަށް ކުރާ މަސައްކަތާއި ދެކޮޅު ހަދާ މީހުންކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އަދި މިމީހުންނަކީ ޤާނޫނުތަކާއި ގަވާދުތަކަސް ބޯނުލަބާ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް ހިތްވަރު ދޭބައެއްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާއި އޮތް ގުޅުމުގެ ތެރެއިން އަދި ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތެކެތި މިހާރު ގެންދަނީ އަތުލައި ގަންނަމުން ކަމަށާއި، މިކަމަކީ "އިންޑިއާ އައުޓް" ހަރަކާތް ހިންގާ މީހުންނަށް ބަލަން އެހާ ފަސޭހަ މަންޒަރެއް ނޫންކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މިފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުނަތައް ހާމަކުރުމަށް ގޮވާލައި އެތައް ސަތޭކަ ބަޔަކު ދަނީ މާލެއާއި އަތޮޅު ތެރޭގައިވެސް ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ. މިއެއްވުނަތަކުގެ މައުލޫމާތު ބައިނަލް އަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާއިރު، ސަރުކާރުން ބުނަމުންދަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދު ގޮތްނޭގޭ އަދި މިނިވަންކަމަށް ބުރޫއަރާފަދަ އެއްބަސްވުމެއް ހެދިފައި ނުވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.