އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަންް ޒޯނުގެ ފުލުގައި އޮތް ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް އާސެނަލް ލީގު ތާވަލްގެ ފަސް ވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ނިއުކާސަލްގެ މައްޗަށް އެޓީމު ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ލިބިފައެވެ. ނަމަވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ އާސެނަލް ޓީމުންނެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. ގޯލު ކުރިމަތީގައި ހުރެ ކެޕްޓަން އޮބާމަޔަން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައީ އާސެނަލްގެ ފަރާތުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 56 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ވަނީ ލަނޑެއް ޖަހާ އާސެނަލަށް ލީޑު ނަގައިދީފައެވެ. މި މެޗުގައި އާސެނަލުން ޖެހި ދެވަނަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަކާގެ ބަދަލުގައި ކުޅެން އެރުވި، ގަބްރިއެލް މާޓިނެލީއެވެ.
މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން ހޯދި 23 ޕޮއިންޓާއެކު އާސެނަލް ވަނީ ލީގު ތާވަލްގެ ފަސް ވަނައަށް ކުރިޔަށް ޖެހިލާފައެވެ. އާސެނަލް އާއި ޖެހިގެން ކުރީގައި ހަތަރު ވަނައިގައި ވެސްޓް ހޭމް އޮތީ 12 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ. އާސެނަލް އާއި އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ވެސްޓް ހޭމް ޔުނައިޓެޑް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. މި މެޗުން ބަލިވި ނިއުކާސަލް ޔުނައިޓެޑް އޮތީ 13 މެޗުން ލިބުނު 6 ޕޮއިންޓާއެކު ލީގު ތާވަލްގެ ފުލުގައެވެ.