އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ޢާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ޚާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި، މަލްޓިލޭޓަރަލިޒަމް، އދގެ ހިންގުން ހަރުދަނާކުރުން އަދި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އާ ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ޗައިނާގެ ތާއީދު އެބައޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި މިއަދު ވަނީ ޗައިނާގައި ޤާއިމްކޮށްފައިވާ އދގެ އޮފީސްތަކުގެ ޓީމްތަކާ ބައްދަލުކުރައްވާފައެވެ. އަދި ޗައިނާގެ ފޮރިން އެފެއަރޒް ޔުނިވަރސިޓީގައި ޒުވާން ޑިޕްލޮމެޓުންނާއެކު ވަރޗުއަލްކޮށް ބައްދަލުކުރައްވައި، ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން އޯލް ޗައިނާ ވިމެން ފެޑެރޭޝަންއާއިވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަކީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި ޚާއްސަ އިސްކަމެއް ދެއްވާ ކަންތައްތަކެކެވެ.
ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ކުރީކޮޅު ޗައިނާއިން ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުން މަޑުޖައްސާލި ފަހުން، މިނިސްޓަރ ޝާހިދަކީ އެޤައުމުން ބޭރުގެ އިއްޒަތްތެރިއަކަށް މަރުޙަބާކީ ފުރަތަމަ އެއް ބޭފުޅާއެވެ. ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު މިކުރައްވާ ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. ފޮރިން މިނިސްޓަރގެ ހައިސިއްޔަތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާއަށް މިނިސްޓަރ ޝާހިދު ދަތުރުކުރައްވައި، ފޮރިން މިނިސްޓަރ ވާންގް ޔީ ގެ އިތުރުން އެޤައުމުގެ ނައިބު ރައީސް އާ ބައްދަލުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ