ބޫސްޓަރ ޑޯޒް ޖަހާތީ އިތުރު 100،000 ފައިޒަރ ވެކްސިން ރާއްޖެ ގެންނަނީ

ބޫސްޓަރ ޑޯޒް ޖަހާތީ އިތުރު 100،000 ފައިޒަރ ވެކްސިން ރާއްޖެ ގެންނަނީ

Author
މުޙައްމަދު ޖިމީ
28 ނޮވެމްބަރ 2021 05:04
0

ކޯވިޑް އިން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން، ތިންވަނަ ޑޯޒް ނުވަތަ "ބޫސްޓާ ޑޯޒް" ޖެހުމަށް ބނުންވާ އިތުރު 100،000 ވެކްސިން ޑޯޒް ރާއްޖެ ގެނައުމަށް ނިންމައިފިއެވެ.

އެޗްއީއޯސީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނޒޒްލާ ރަފީޤް ވިދާޅުވީ ބޫސްޓަރ ޑޯޒް ޖެހުމަށް ޓަކައި ގެންނަ ވެކްސިން އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށެވެ. ޑރ.ނަޒްލާ ރަފީގް ވިދާޅުވީ ބޫސްޓާ ޑޯޒް ޖެހުމަށް މިވަގުތު ޚާއްސަކޮށްފައިވާ މީހުނަށް ވެކްސިން ޖެހޭ މިންވަރަށް ފައިޒާ ވެކްސިން އެބަހުރިކަމަށެވެ. ޢާއްމުކޮށް ބޫސްޓާ ޑޯޒް ދިނުމުގެ ގޮތުން އަންނަ މަހުގެ މެދުތެރޭގައި 100،000 ޑޯޒް ފައިޒާ ވެކްސިން ގެންނާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަންނަ މަހު ގެންނަ ވެކްސިނަކީ ކޮވިކްސް މެދުވެރިކޮށް ގެންނަ ވެކްސިންތަކެއް ކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

ކޯވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ޖަހަން ފަށާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެނެވެ. އެއީ ޢުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ. އަދި މިހާރުން ދަނީ ޢުމުރުން 50 އަހަރުން މަތީގެ މީހުނަށްވެސް ބޫސްޓަރ ޑޯޒް ޖަހަމުންނެވެ. އަންނަމަހުން ފެށިގެން އާއްމުންނަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖެހުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް ގިނަބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެއެވެ. މިގޮތުން ވެކްސިންގެ ބޫސްޓަރ ޑޯޒް މިހާތަނަށް 9 ހާހަށްވުރެ ގިނަމީހުން ވަނީ ޖަހާފައެވެ.

ބޫސްޓަރ ޑޯޒްގެ ގޮތުގައި ޖަހަނީ ހަމައެކަނި ފައިޒަރ ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.