ރާއްޖެ މިހާރުވެސްމިއޮތީ ބަނގުރޫޓްވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރާފްޓްކުރުން ނުވަތަ ފައިސާ ޗާޕްކުރުމަށް ހުއްދަދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝިޔާމ ވަނީ ރާއްޖޭގެ އިޤްތިޞާދުގައި އޮތީ ދެ ގޮތްކަމަށާއި، އެއީ ގައުމު ބަނގުރޫޓުވުން ނުވަތަ ފައިސާ ޗާޕްކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަދި ބަޖެޓް ކޮމިޓީގެވެސް މުޤައްރިރު، މުޙައްމަދު ނާޝިޒް ވިދާޅުވެފައިވާ ވިދާޅުވުމަށް ފާޑުވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ، ފައިސާ ޗާޕްކުރަން މަސައްކަތް ކުރަމުން ދަނީ ރައްޔިތުން "ގަން ޕޮއިންޓެއް" ގައި ބައިތިއްބައިގެންކަމަށެވެ. އެހެންކަމުން ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރަންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
އައިއެމްއެފް ވޯލްޑް ބޭންކްގެ އިރުޝާދުތަކަށް ބޯލަނބަނީކީ ނޫން. ބޭނުންހާ ގޮތެއް އަދި ހިތު ހުރިހާ ގޮތެއް ހަދަނީ. ބައްލަވާ އާސަންދައިން މިފަހަރު ރައްޔިތުންނަށް އެއްޗެއް ދޭންވީމަ އެއޮތީ ކަނޑާލާފަ. 1043 ސިޔާސީ މަގާމު އެބަ އުފައްދާ 2022 ވަނަ އަހަރު.
– އަހްމަދު ޝިޔާމް
ޝިޔާމްގެ ވާހަކާގައިވަނީ ފައިސާ ޗާޕްކޮށްގެންވެސް ސަރުކާރުން ކުރާކަމަކީ ރިކަރަންޓް ޚަރަދުކުރުންކަމަށެވެ. އާމްދަނީ އިތުރުކޮށްގެން އަތްލެވޭ ތަރައްޤީގެ އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރާކަމަށްވެސް ޝިޔާމް ވިދާުވިއެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ސަރުކާރުން މިހާތަަނަށް ވަނީ ދެފަހަރެއްގެ މަތިން ފައިސާ ޗާޕްކޮށްފައެވެ. އަދި މިހާރު ތިންވަނަ ފަހަރަށް ފައިސާ ޗާޕްކުރަން އެދުމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އެ ހުއްދަ ދޭން ފެންނަކަމަށް ފާސްކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ނާޝިޒް ވިދާޅުވެފައިވަނީ، އިދިކޮޅުން ކޮންމެ ވާހަކައެއް ދެއްކިޔަސް، މިއީ އިގްތިސާދީ ގޮތުން ވަރަށް އެހެން ކަހަލަ ވަގުތެއް ކަމަށް އިދިކޮޅުން ވެސް ގަބޫލު ކުރާނެ އެވެ. އޭނާ ވިދާޅުވީ ޕަބްލިކް އެކައުންޓެއް އޮންނަނީ މިކަހަލަ ބޭނުންތަކަށް ކަމަށާއި އެ އެކައުންޓް އޯޑީ ކުރަން ޖެހެނީ އާމްދަނީ ލިބުން ދަތިވީމަ ކަމަށެވެ.
ކޮމެންޓު ފޮނުވާ