ސިޓީ ދެވަނައަށް، ލީޑްސް އަތުން ޓޮޓެންހަމަށް މޮޅެއް

ސިޓީ ދެވަނައަށް، ލީޑްސް އަތުން ޓޮޓެންހަމަށް މޮޅެއް

Author
ޔޫސުފް
22 ނޮވެމްބަރ 2021 10:10
0

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން ބަލިކޮށް މެންޗެސްޓަރ ސިޓީ އަލުން ދެވަނައަށް އެރިއިރު، ލީޑްސް ޔުނައިޓެޑް އަތުން ޓޮޓެންހަމް މޮޅުވެއްޖެއެވެ.

މެންޗެސްޓަރ ސިޓީގެ އަމިއްލަ ދަނޑުގައި ރޭ އެވަޓަން އަތުން ސިޓީ މޮޅުވީ، 0-3 ގެ ނަތީޖާއަކުންނެވެ. އަދި ޓޮޓެންހަމް ލީޑްސްގެ މައްޗަށް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

ސިޓީ އާއި އެވަޓަން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ސިޓީން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ. ސިޓީގެ ތިންވަނަ ލަނޑު މެޗު ނިމެން ކައިރިވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ، ބެނާޑޯ ސިލްވާއެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ސިޓީ ޖެހިލީ ކުޅުނު 12 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވި އެވަޓަން އޮތީ 12 މެޗުން ލިބުނު 15 ޕޮއިންޓާއެކު 11 ވަނައިގައެވެ.

މި މެޗުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، ޓޮޓެންހަމުން 1-2 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ، ލީޑްސް ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް މި ލަނޑު ލީޑްސްއަށް ކާމިޔާބުކޮށްދިނީ، ޑެނިއަލް ޖޭމްސްއެވެ.

ނަމަވެސް ދެވަނަ ހާފް ފަށައިގެން ޓޮޓެންހަމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކްތައް ވަރުގަދަކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ޓޮޓެންހަމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ، ޕިއޭ-އެމީލް ހޮއިބިއާއެވެ. އަދި މި މެޗުން ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ސާޖީ ރެގީލޯންއެވެ.

މިއީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ޓޮޓެންހަމް ހޮޓްސްޕާއިން ލީގުގައި ހޯދި ފުރަތަމަ މޮޅުއެވެ. ކޮންޓޭގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމް ވަނީ އެވަޓަން އަތުން އެއްވަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.