އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ފަސޭހަކަމާއެކު ބަލިކޮށް ލިވަޕޫލުން ތާވަލްގެ ދެވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
އެންފީލްޑްގައި ރޭ ލިވަޕޫލާއި އާސެނަލް ވާދަކުރި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ޖެހި 4 ލަނޑުގެ ތެރެއިން 3 ލަނޑު ޖެހީ މެޗުގެ ދެވަނަ ހާފުގައެވެ. ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިވަޕޫލަށް ލިބިގެންދިޔަ މި މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދިން ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ސަޑިއޯ މާނޭއެވެ.
މެޗުގެ ދެވަނަ ހާފްގައިވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްގެ ކުޅެމުން އައި ލިޕޫލަށް ލީޑު ފުޅާކޮށްދިން ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޑިއޯގޯ ޖޮޓާއެވެ. ޖޮޓާ މި ލަނޑު ޖެހީ އާސެނަލްގެ ފަހަތުން ނޫނޯ ޓަވަރޭސް ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ތިން ވަނަ ލަނޑު 73 ވަނަ މިނެޓުގައި ސާދިއޯ މާނޭގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ، މުހައްމަދު ސަލާހްއެވެ. އަދި ހަތަރު ވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓަކޫމީ މިނަމީނޯއެވެ.
މި މޮޅާއެކު ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލީ ކުޅުނު 12 މެޗުން ލިބުނު 25 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ޗެލްސީއަށް 12 މެޗުން ވަނީ 29 ޕޮއިންޓް ލިބިފައެވެ.
ކޮމެންޓު ފޮނުވާ