ދަރަނި މެނޭޖު ނުވެއްނަމަ، އިތުރު 1 ބިލިޔަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވާނެ: ނިޔާޒީ

ދަރަނި މެނޭޖު ނުވެއްނަމަ، އިތުރު 1 ބިލިޔަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވާނެ: ނިޔާޒީ

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2021 12:28
0

ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި އަންނަ އަހަރަށް ހުށަހޅާ ބަޖެޓުން ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމުގައި ލިބޭ އާމްދަނީއާއި، ހިލޭ އެހީ ޔަގީން ކުރުމަށްފަހު ނޫނީ ޚަރަދު ނުކުރުމަށް އޮޓިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ލަފާ ދެއްވައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއިއެކު މިއަދު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީން ބޭއްވި ބައްދަލުވުގައި ނިޔާޒީ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޑެފިސިޓް ބޮޑު ކަމަށާއި، އަދި ބަޖެޓުގައި ހުރި ޕްރޮގްރާމުތަކަށް ބަލާއިރު، ދައުލަތަށް ލިބޭ އާމްދަނީއަށާއި، ހިލޭ އެހީގެ ގޮތޮގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ ފައިސާ ލިބޭނެކަން ޔަގީންނުކޮށް ޚަރަދު ކުރުމަކީ ބަޖެޓް އިތުރަށް ޑެފިސިޓް ވެދާނެ ކަމެއްކަމަށެވެ.

2022ވަނަ އަހަރަށް ހުށަހަޅާފައިވަނީ 36.9 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 34.0 ބިލިޔަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިޔަން ރުފިޔާއެވެ. މި ބަޖެޓަކީ 9.7 ބިލިޔަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން %11.1އެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރެއްގެ ތެރޭގައި ދައުލަތުގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކޮށްފައިވާ ފައިސާގެ ބައެއް ނުލިބި އޮތުމަކީވެސް ކަންބޮޑުވުމެއްކަމަށެވެ. މިގޮތުން މިހާތަނަށް 908 މިލިޔަން ރުފިޔާ ނުލިބި އެބައޮތްކަމަށެވެ. އޮޑިޓަ ޖެނެރަލް ވަނީ ބޭރުގެ ކްރެޑިޓް ރޭޓީން އިދާރާތަކުން ރާއްޖޭގެ ރޭޓިން މަތި ކުރުމަކީ ޕޮޒިޓިވް ނިޝާނެއްގެ ގޮތުގައި ވިދާޅުވެފައެވެ.

ރޭޓިންސް ރަނގަޅުވުމަކީ ބަޖެޓް މެނޭޖް ކުރުމަށް ލިބޭނެ ފުރުސަތެއްކަމަށް ދެކެން. ސްކޫކު ބޮންޑްފަދަ އެއްޗިހި ވިއްކަން ފަސޭހަވާނެ. ދެން ބަޖެޓުގައި އެބައޮތް އަޅުގަނޑުމެންގެ ކަންބޮޑުވުންތަކެއްވެސް. ބަޖެޓުގައި އެބައޮތް 9.7 ބިލިޔަން ޑެފިސިޓް ބަޖެޓެއް. އަދި ނިއުރެވެނިއު މެޝާޒް 700 މިލިޔަން ރުފިޔާ އެބަހުރި. ދެން އާސަންދައަށް ކުރާ ޚަރަދު ރިއަލައިޒް ނުވެއްޖިއްޔާ އިތުރު 300 މިލިޔަނެއްހާ ރުފިޔާ އެބަދޭ. މީގެ އިތުންވެސް ހުރި އެހެންކަން ހަމަނުޖެހިއްޖެނަމަ އިތުރު 1 ބިލިޔަން ރުފިޔާއިން ބަޖެޓް ޑެފެސިޓް ވުމުގެ ފުރުސަތު އެބައޮތް.

– އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އޮޑިޓަރޖެނެރަލް ވިދާޅުވީ ރޭޓިން ރަނގަޅުވުމަކީ ބަޖެޓު މެނޭޖުކުރުމަށް ހާއްސަކޮށް އިންޓްރެސްޓް ރޭޓު ކުޑަކޮށް ބެޖެޓު ފައިނޭންސް ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ކަމަށެވެ. އަދި ސުކޫކު ބޮންޑާ އެއްޗެތި ވިއްކާއިރު ރޭޓިން ރަަނގަޅުވެފައި ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

އަދި ފިނޭންސް މިނިސްޓްރީން ދަނީ ދަރަނި ބޮޑު ނުވާނޭހެން ކަންކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، ދަރަނި ކުޑަވާނޭ ގޮތަކަށް ބަޖެޓުގެ ޚަރަދުތައް މެނޭޖް ކުރުމަކީ އަންނަ އަހަރުގެ ބަޖެޓުން އެންމެ އިސްކަންދީގެން ކުރަންޖެހޭ ކަންތައް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.